ޑައިވަރުން ހޯދަން މިއަދު ކުރި މަސައްކަތް ހުއްޓައިލައިފި - ބެނެޑެތީ ފެނުނީ ހޮހޮޅައިގެ ދޮރު ކައިރިއަކުން ނޫން، ދެ ވަނަ ޗެމްބަރުން ހުސް ޓޭންކާ އެކު!

ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމަށް މިއަދު (ހޮނިހިރު) ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން، ރިކަވަރީ ޑައިވަރެއްގެ ހާލު ދެރަވުމާ ގުޅިގެން ހުއްޓައިލައ...

16 May 2026 | 12:00
ޖާންލޫކާ ބެނެޑެތީ (44އ) -

ޖާންލޫކާ ބެނެޑެތީ (44އ) -

ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުން ހޯދުމަށް މިއަދު (ހޮނިހިރު) ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން، ރިކަވަރީ ޑައިވަރެއްގެ ހާލު ދެރަވުމާ ގުޅިގެން ހުއްޓައިލައިފިއެވެ. މިއަދުގެ ހޯދުމުގައި ވެސް ގެއްލުނު ހަތަރު ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވެސް ފެނިފައެއް ނުވެއެވެ.

އިޓަލީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހުކުރު ދުވަހު ކަނޑު ގަދަވެ ހުއްޓައިލުމަށް ފަހު މިއަދު އޮޕަރޭޝަން އަލުން ފެށި ނަމަވެސް، ރިކަވަރީ ޑައިވަރެއް ޑީކޮމްޕްރެޝަން އިލްނެސް ޖެހިގެން ހޮސްޕިޓަލަށް ގެންދެވި، އިތުރު ހަށިގަނޑެއް ނުފެނި ނިންމައިލީއެވެ. އެ ޑައިވަރަކީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ. މަހުދީ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ނިޔާވެފައެވެ.

މި ހޯދުމާ ގުޅޭ ގޮތުން އިތުރު މުހިންމު މަޢުލޫމާތެއް ވެސް ވަނީ ފެންމަތި ވެފައެވެ. ބުރާސްފަތި ދުވަހު ފެނުނު ހަށިގަނޑު ކަމަށް ކަށަވަރު ވެފައި ވަނީ ޑައިވް އިންސްޓްރަކްޓަރ ޖާންލޫކާ ބެނެޑެތީ (44އ) ގެ ހަށިގަނޑެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ކުރިން ވިދާޅުވީ ބެނެޑެތީގެ ހަށިގަނޑު ފެނުނީ "ހޮހޮޅައިގެ ދޮރު ކައިރިން" ކަމަށެވެ. ނަމަވެސް އިޓަލީ ނޫސްތައް ބުނާ ގޮތުން ބެނެޑެތީ ފެނުނީ ހޮހޮޅައިގެ ދެ ވަނަ ޗެމްބަރުން، ހުސް ޓޭންކާ އެކުގައެވެ. ޓޭންކު ހުސްވެފައި ހުރުމުން ބެލެވެނީ ބެނެޑެތީ ގޭސް ހުސްވެ، ހޮހޮޅައިން ނުކުމެވޭ ގޮތް ނުވީ ކަމަށެވެ.

އިޓަލީ ޚާރިޖީ ވުޒާރާ އިން ބުނެފައި ވާ ގޮތުގައި ހޮހޮޅައިގައި ހަނި ދޭތެރެ ތަކުން ގުޅިފައި ވާ ތިން ބޮޑު ޗެމްބަރު ހުރެއެވެ. ހުކުރު ދުވަހު ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައެއް ނުވެއެވެ. މިއަދު ތިން ވަނަ ޗެމްބަރު ބެލުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ޑައިވަރުގެ ހާލު ދެރަވީ އެވެ.

އިޓަލީގެ ޓެކްނިކަލް ޑައިވިން ސްޕެޝަލިސްޓުން ވެސް މި އޮޕަރޭޝަނާ ގުޅިފައި ވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބާކީ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް މޫސުމާއި ހާލަތު ތަންދޭ ނަމަ ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް