ނިޔާވި ސްޓާފް ސާޖަންޓް މަހްދީ، ރައީސް އިއްޔެ އެ ސައިޓަށް ކުރެއްވި ޒިޔާރަތުގައި ރައީސަށް މަޢުލޫމާތު ދެއްވަނީ -
ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ފީނަމުން ދަނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދުޢާ ކުރައްވައިފިއެވެ.
ރައީސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގެއްލިފައި ވާ ފަތުރުވެރިން ހޯދަން ފީނަމުން ދިޔަ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެ މަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށެވެ.
"ޑިއުޓީގައި މަޤާމުގެ ވާޖިބު އަދާ ކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖަންޓް، މަރުޙޫމް މުޙައްމަދު މަހުދީ އަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން" ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މަރުޙޫމް މަހުދީގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރައްވައި، ޢާއިލާ އަށާއި އެމްއެންޑީއެފް އަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.
ސްޓާފް ސާޖަންޓް މަހުދީ ނިޔާވީ، ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ތިން ވަނަ ޗެމްބަރު ބެލުމަށް މިއަދު ހިންގި ޑައިވް ތެރޭ ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ފުރާނަ ސަލާމަތް ނުކުރެވިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް