ހޮހޮޅައިގެ އެންޓްރޭންސް - ފޮޓޯ: ޝަފް ނަސީމް
ވ. އަލިމަތީ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ގެއްލުނު ހަތަރު އިޓަލީ ޑައިވަރުންގެ ހަށިގަނޑު ހޯދުމަށް ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި ހޮހޮޅައިގެ ތިން ޗެމްބަރުގެ ތެރެއިން ދެ ޗެމްބަރު ބެލި ނަމަވެސް އެކަކު ވެސް ފެނިފައި ނުވާ ކަމަށް އިޓަލީ ޚާރިޖީ ވުޒާރާ އިން ބުނެފިއެވެ.
އެ ވުޒާރާ އިން ބުނީ ފަސް ޑައިވަރުން ވެދެފައި ވާ ހޮހޮޅައިގައި ހަނި ދޭތެރެތަކުން ގުޅިފައި ވާ ތިން ބޮޑު ޗެމްބަރު ހުންނަ ކަމަށެވެ. ހުކުރު ދުވަހުގެ ހޯދުމުގައި ދެ ޗެމްބަރު ބެލި ނަމަވެސް، އޮކްސިޖަން އާއި ޑީކޮމްޕްރެޝަނާ ގުޅޭ ސަބަބުތަކާ ހެދި ތިން ވަނަ ޗެމްބަރު ބެލޭ ގޮތެއް ނުވި ކަމަށެވެ. މިއަދު (ހޮނިހިރު) ތިން ވަނަ ޗެމްބަރު ބެލުމަށް ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ވުޒާރާ އިން ބުނެފައި ވެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ހޯދުމުގައި އަށް ޑައިވަރުން ބައިވެރިވި ކަމަށެވެ. ޖޯޑު ޖޯޑުން ފީނައި ހޮހޮޅައިގެ ތެރެ ބަލައި، މިއަދުގެ އޮޕަރޭޝަނަށް ބޭނުންވާ ޗާޓެއް ވެސް ކުރެހި ކަމަށެވެ. އިތުރު ދެ އިޓަލީ ތަޖުރިބާކާރުން - ޑީޕް-ސީ ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް - މި އޮޕަރޭޝަނާ ގުޅޭނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.
ނަމަވެސް ހުކުރު ދުވަހު ތަކުރާރުކޮށް ކަނޑު ގަދަވެ އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން ހުއްޓައިލައިފައެވެ. އިޓަލީ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ ހިތާމައަކީ މޫސުން ގޯސްވެ ހޯދުމުގެ މަސައްކަތް ހުއްޓައިލަން ޖެހުން ކަމަށާއި ނަމަވެސް އެ ޑައިވަރުންގެ ހަށިގަނޑު ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ފެނުނު ހަށިގަނޑަކީ ޑައިވް އިންސްޓްރަކްޓަރ ޖާންލޫކާ ބެނެޑެތީގެ ހަށިގަނޑު ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. ބެނެޑެތީގެ ހަށިގަނޑު ފެނުނީ ހޮހޮޅައިގެ ދޮރު ކައިރިންނެވެ. ބާކީ ހަތަރު ޑައިވަރުން ވީ ހޮހޮޅައިގެ ތެރެއަށް ވަދެފައި ކަމަށް ބެލެވެއެވެ.
މަރުވި މޮނިކާގެ ފިރިމީހާ ކާރލޯ ސޮމައްކަލް، އިޓަލީގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ބުނީ މޮނިކާއަކީ ވަރަށް ފަރުވާތެރި، ކޮންމެ ޑައިވެއް ކުރުމުގެ ކުރިން ރިސްކު ރަނގަޅަށް ވަޒަން ކުރާ މީހެއް ކަމަށެވެ.
އިޓަލީ ޚާރިޖީ ވުޒާރާ އިން ވަނީ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އާ ވެސް ގުޅައި، ރިކަވަރީ އޮޕަރޭޝަނާއި ހަށިގަނޑު ރެޕެޓްރިއޭޓް ކުރުމުގައި ޓެކްނިކަލް އެހީ ހޯދުމަށް ކޯޑިނޭޓް ކުރަމުންނެވެ. ކޮލޮމްބޯ އެމްބަސީ ވަނީ ރެޑް ކްރެސެންޓާ ވެސް ގުޅައި، ބޯޓުގައި ތިބި ގާތްގަނޑަކަށް 20 އެހެން އިޓަލީ ފަތުރުވެރިންނަށް ނަފްސާނީ އެހީ ފޯރުކޮށްދިނުމަށް ވޮލެންޓިއަރުން ފޮނުވުމަށް ހުށަހަޅައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް