ކުރިޔަށް އޮތް ދެ ހަފްތާގައި ބޭންކުތަކުން ހިދުމަތް ދޭނީ ތިން ދުވަހު

ރާއްޖޭގައި ކޯވިޑް-19 އެންމެ ނުރައްކާތެރި ހާލަތަކަށް ދާނެކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާ ކުރިޔަށް އޮތް ދެ ހަފްތާގައި ބޭންކުތަކާއި އެމްއެމްއޭއިން ހިދުމަތްދޭނީ އެންމެ ތިން ދުވަހު ކަމަށް މަރުކަޒީ ބޭ...

16 May 2020 | 03:47

ރާއްޖޭގައި ކޯވިޑް-19 އެންމެ ނުރައްކާތެރި ހާލަތަކަށް ދާނެކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާ ކުރިޔަށް އޮތް ދެ ހަފްތާގައި ބޭންކުތަކާއި އެމްއެމްއޭއިން ހިދުމަތްދޭނީ އެންމެ ތިން ދުވަހު ކަމަށް މަރުކަޒީ ބޭންކް(އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ އަންނަ ހަފްތާގައި ބޭންކުތަކުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެއި 18ވާ ހޯމަ ދުވަހާއި، 20 ވާ ބުދަ ދުވަހު ކަމަށެވެ. އަދި ދެވަނަ ހަފްތާގައި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 26 ވާ އަންގާރަ ދުވަހު ކަމަށެވެ.

މި ދުވަސްތަކުގައި ބޭންކުތަކުން ދޭނީ ޒަރޫރީ ހިދުމަތްތައް އެކަންޏެވެ. ޒަރޫރީ ހިދުމަތްތަކުގެ ގޮތުގައި ހިމަނާފައިވަނީ ޓީޓީ ހެދުން، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭ.ސީ.އެޗް./އާރް.ޓީ.ޖީ.އެސް. ޕޭމަންޓުތައް ހެދުން، ލެޓާ އޮފް ކްރެޑިޓްގެ ހިދުމަތް އަދި ރާއްޖޭންބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތްތެވެ.

އެމްއެމްއޭއިން ބުނީ އެ ދުވަސްތަކުގައި އެމްއެމްއޭ ހުޅުވާފައި ހުރިނަމަވެސް އާންމުންނަށް އެއްވެސް ހިދުމަތެއް ނުދޭނެ ކަމަށެވެ. އެ ތިން ދުވަހު ބޭންކުތަކުން ހިދުމަތް ދޭނީ ހެނދުނު9:30 ން މެންދުރު12:00 އަށެވެ.

އެމްއެމްއޭގެ އިތުރުން ބޭންކުތަކުން ވަނީ އޮންލައިންކޮށް ލިބޭ ހިދުމަތްތައް ބޭންކަން ނުގޮށް ހޯދުމަށް އެދިފަ އެވެ. އަދި ކޮންމެހެން ދާންޖެހިގެން ބޭންކަން ދިޔަ ނަމަވެސް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރެ އެވެ.

ކޯވިޑް-19 ފެތުރޭތީ ބޭންކުތަކުން ހިދުމަތްދޭ ދުވަސްތައް މަދުކުރި ނަމަވެސް އޭޓީއެމްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް