ޖަޕާނުގައި ކަރަންޓިން ކޮށްފައިވާ ކުރޫޒް ލައިނާ، ޑައިމަންޑް ޕްރިންސަސްގައި ތިބި އެކިގައުމުތަކުގެ މީހުން އެ ގައުމުތަކަށް ގެންދަން ފަށައިފި އެވެ.
މި ކުރޫޒް ލައިނާ މިމަހު ކުރީކޮޅު ކަރަންޓީން ކުރީ އޭގަ ހުރި80 އަހަރުގެ ހޮންކޮންގް ފިރިހެނަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވުމުންނެވެ. ޖަޕާނު ސަރުކާރުން ނިންމާފައިވަނީ ކުރޫޒް ލައިނާ ކަރަންޓިންކޮށް އޭގަ ތިބި އެންމެން ބައްޔަށް ޓެސްޓު ކުރުމަށެވެ.
މިހާތަނަށް ޓެސްޓު ކުރި މީހުންގެ ތެރެއިން335 މީހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާ ކަމަށް ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ބުނެފަ ވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް އެ ކުރޫޒްލައިނާގަ ތިބި މީހުންގެ ތެރެއިން70 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވެ އެވެ.
ބައްޔަށް ޕޮސިޓިވްވާ އެންމެން ޖަޕާނަށް ބާލާ ހޮސްޕިޓަލްތަކުގައި ދަނީ އެޑްމިޓްކޮށް ފަރުވާދެމުންނެވެ. ހަމަ މިއާއެކު އެ ކުރޫޒް ލައިނާގަ ތިބި އެކި ގައުމުތަކުގެ މީހުން އެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުތަކުން ވަނީ ފަށާފަ އެވެ.
އެގޮތުން ކެނެޑާ ސަރުކާރުން ވަނީ ފްލައިޓެއް ޗާޓާކޮށް އެ ކްރޫޒް ލައިނާގަ ތިބި އެ ގައުމުގެ މީހުން ގެންދަން ނިންމާފަ އެވެ. އެކަމަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް މީހުން އަނބުރާ ގައުމަށް ގެންދާނީ ޖަޕާނުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުންނެވެ. ދެން އެ ބޯޓުގައި ތިބި ކެނެޑާ މީހުން ގައުމަށް ގެންދިއުމަށް ފަހު14 ދުވަސް ވަންދެން ކަރަންޓީން ފެސިލިޓީގައި ތިބެން ޖެހޭނެ އެވެ.
ހޮންކޮންގް ސަރުކާރުންވެސް ވަނީ އޭގައި ތިބި އެ ގައުމުގެ330 މީހުން އަނބުރާ ގައުމަށް ގެންދަން ނިންމާފަ އެވެ. އެކަމަކު އެގައުމުން ބައްޔަށް ޕޮސިޓިވްވި މީހުންނާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ. ބުނީ ޖަޕާނު ސަރުކާރުން ހުއްދަ ލިބުނުހާ އަވަހަކަށް އޭގައި ތިބި ހޮންގްކޮންގް ގެ ހުރިހާ ރައްޔިތުން ގެންދާނެ ކަމަށެވެ.
ކުރޫޒް ލައިނާ ކަރަންޓީން ކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނީ އަންނަ ބުދަ ދުވަހު އެވެ. އެ ކުރޫޒް ލައިނާގަ3،700 މީހުން ފަޅުވެރިންނާއި އެކު ދަތުރު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް