ވާހަކަ: ލޯބިވޭ އިންތިހާ – ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''ނޫރާ........'' މަސައްކަތުގައި މަޝްއޫލު ވެގެން އިން ނޫރާ ސިއްސައިގެންދިޔައީ އާދަޔާ ޚިލާފަށް ބާރަށް މީހަކު ނޫރާއަށް ގޮވާލުމުންނެވެ. ނޫރާއަށް ފިހާރައިގެ ދޮރާދިމާއަށް ބަލާލެވުނީ ...

16 Jan 2025 | 04:16

ކުރީގެ އަދަދާއި ގުޅޭ...

''ނޫރާ........'' މަސައްކަތުގައި މަޝްއޫލު ވެގެން އިން ނޫރާ ސިއްސައިގެންދިޔައީ އާދަޔާ ޚިލާފަށް ބާރަށް މީހަކު ނޫރާއަށް ގޮވާލުމުންނެވެ. ނޫރާއަށް ފިހާރައިގެ ދޮރާދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ފިހާރައިގައި އެވަގުތު ތިބި އެންމެންގެ ނަޒަރު ދޮރާދިމާއަށް ހުއްޓުނެވެ. ނުފެންނަ ހިސާބު ހަރުތައް ކައިރީގައި ތިބި މީހުންވެސް ބޭރަށް ބޯދިއްކޮއްލީ އެހާބާރަށް އެ ވަދެގެން އަންނަނީ ކާކުތޯ ބަލާލުމަށްހެން ހީވެއެވެ.

''ނޫރާ........ވަރަށް ބޮޑަށް ސޮރީ........ ވަރަށް ލަސްވެއްޖެ ދޯ.........'' ނިކަންބޮޑު ކޮތަޅެއް ހިފައިގެން، ފިހާރައަށް ވަދެގެންއައި ނާޝިދާ ބުނެލިއެވެ.

''މިއީ ނޫރާއަށް ގެނައި ކާއެއްޗިހި ..........'' އަތުގައި އޮތް ކޮތަޅު ނޫރާއާ ދިމާއަށް ދިއްކޮއްލަމުން ނާޝިދާ ހީލިއެވެ.

''އަދި މިއާދެވުނީ އިނގޭ އެތަނުން ނިމިގެން...... ވަރަށް ފޯރިގަދަ އެތަނުގަ މިރޭ......އަންނަ ހިތެއްވެސް ނުވި...... އެކަމަކުވެސް ދެން މިއައީ......... ނުވަގަޑި ބައިވަނީ ދޯ......... ސޮރީ އިނގޭ....... ބޮޑުމީހާ ނާދޭދޯ ނަސީބަކުން އަދި؟ ........ ވަދެއްޖެތަ؟ .............. އަހަރެން ނާންނަކަން ނޭނގޭނެދޯ؟......ދޯ.......ނޫންތަ؟.........'' ހުއްޓުމެއް ނެތި ނާޝިދާ ވާހަކަދައްކަމުން އައިސް ނޫރާގެ ގޮނޑިކައިރީގައި ހުއްޓުނެވެ.  އޭނާ ވާހަކަދައްކަމުން ދިޔައީ ކައިރީގައި އިންމީހަކާ ވާހަކަދައްކާ ވަރަށްވުރެ ބާރަށެވެ. އަނގަފުރާ އަޅާފައިހުރި ސުޕާރީގެ ސަބަބުން ރަނގަޅަށް ވާހަކަ ނުދެއްކިގެން އުޅޭހެން ހީވެއެވެ.

''މިއައީ ހުރިހާ އެއްޗެއް ހިފައިގެން........ ފިހުނު ސޮސެޖާ، ފިހުނުމަސްވެސް،...... އަދި އެބަހުރި ކުޅިފާރޮއްޓާ ފޮނި ބިސްކޯދުވެސް........ މި ހަމަ ނޫރާއަށް ރަހަދައްކާލަން އެތަނުން ގެނައި ........... ކާންވާނެ އިނގޭ.........'' ނާޝިދާ އޭނާ ގެނައި ތަކެތީގެ ލިސްޓު ކިޔާލިއެވެ.  ކާމޭޒު މައްޗަށް ވައްތަރުތައް ހަމަކުރާ ފަދައިން، ކައުންޓަރު މަތީ އެއްފަރާތުގައި  ތަށިތައް އަތުރަން ފެށިއެވެ.

''ނާޝިދާ........ތިއެއްޗިހި މިތަނުން ނެރޭ......... ފިހާރަތެރޭ ވަސްހިފާނެ......އެހެންނޫނަސް ތީ މިތަނަށް ގެންނަ ކަހަލަ އެއްޗިއްސެން ނޫނެއްނު........ އެތިބީ އެންމެން ބަލަން.........'' ނޫރާ ހިތްހަމައެއް ނުޖެހުނެވެ. އެހެންނަމަވެސް އޭނާ ވާހަކަދެއްކީ ސިއްރުސިއްރުން އެހެންމީހުނަށް ނީވޭ ވަރަށެވެ.   އޭރު ފިހާރަތެރޭ ތިބި އެންމެންވެސް ތިބީ އެދިމާލަށް ބަލަންހެން ނޫރާއަށް ހީވުމުން އޭނާ އިނީ ވަރަށް އުނދަގޫ ވެފައެވެ.

''އެހާވަރުން ގެނެސްދިނީމަ ތިބުނީ ބުނިއެތި....... އޯކޭ...... އަހަރެން މި އެއްޗިހި ދީފާނަން އެހެން މީހަކަށް........ނޫރާއަށް ދުވަހަކުވެސް ކަމަކުނުދާނެ އަހަރެން ކޮށްދޭ ކަމެއް.........'' ނާޝިދާ ހިތްތަހަމަ ނުޖެހިފައި ތުންއަނބުރާލަމުން ކޮތަޅަށް ތަށިތައް ލުމަށްފަހު، ކައުނޓަރު ކައިރީ، ތިރީގައި ބެހެއްޓިއެވެ.

ނޫރާއަށް ނާޝިދާގެ އެ ވާހަކަތަކާ ޢަމަލު ތަކަކީ އާކަމެއް ނޫނެވެ. އޭނާ ގަޑިއަށް ފިހާރައަށް އައި ދުވަހެއް އިނގިލިން  ގުނާލެވޭހާވެސް މަދު ވާނެއެވެ. ފިހާރައަށް އަޔަސް ވަކި ފަސޭހައެއް އޭނާގެ ފަރާތަކުން ނުވާނެކަންވެސް ނޫރާއަށް އެނގެއެވެ.

ނާޝިދާއަކީ ނޫރާއަށްވުރެ ދެތިން އަހަރު ދޮށީ ކުއްޖަކަސް، ރީތި އެއްވެސް އާދައެއް، އުޅުމެއް ހުރި ކުއްޖެއް ނޫނެވެ. އޯލެވެލް ނިންމާފައި ހުއްޓަސް ހަމަ ނަމަކަށް ކިޔަވައިގެން ހުރިމީހެކެވެ. ވާނީވެސް އެހެންނެވެ. ރަނގަޅު ތަރުބިއްޔަތެއް ލިބޭނީ ރަނގަޅު ގެވެހި މަންމައެއްވެސް ހުރެގެންތާއެވެ. ސްކޫލަށް ދިޔަ ދުވަހަށްވުރެ ގިނަވާނީ ސުކޫލަށް ނުދާދުވަހެވެ. އޭނާއަށް ދަސްވެފައިހުރީ އޭނާގެ މަންމަގެ އުޅުމާ އަޚްލާޤެވެ.

''މިހާރު ކާއެއްޗިހިތައް މި ބެހެއްޓީނު...... ދެން އަހަރެން ކިތަންމެ މީރު އެއްޗެއްކެޔަސް، އަދި ކިތަންމެ ވަރުގަދަ ބާބަކިއު އަކަށް ދިޔަޔަސް، މިތަނަށް އެއްވެސް ކާއެއްޗެއް ނުގެންނާނަން......... އޯކޭއެއްނު.......'' ނޫރާ ހިތްހަމަ ނުޖެހިފައި އިންހެން ހީވުމުން ނާޝިދާ ބުންޏެވެ. މިފަހަރު އޭނާގެ އަޑުވެސް މަޑުވެފައި ތަންކޮޅެއް އަޑުއަހަން ފަސޭހަގޮތެއް ހުއްޓެވެ.

ނޫރާ ހަމައެއްވެސް އެއްޗެކޭ ނުބުނެއެވެ. ކަސްޓަމަރުންނަށް އެމީހުން ގަތް އެއްޗިހި ކޮތަޅަށް އަޅައިދެމުން ގެންދިޔައެވެ. ފަހަރަކު މީހަކަށެވެ. ހިނިތުންވުމާ އޯގާތެރިކަމާ ފަރުވާތެރިކަމާއެކުގައެވެ. ނާޝިދާ އެތެރެ އެތެރެއިން ރުޅިގަދަވަމުން ނުތަނަވަސް ވަމުން ދިޔައެވެ. ނޫރާ އޭނާގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދިނީތީއެވެ. އެހެންނަމަވެސް އޭނާ ކެތްކޮށްލައިގެން ގޮނޑކައިރީގައި ކޮޅަށް ހުއްޓެވެ.

ދެންބުނެބަލަ ........  ސައުދުބޭ އައިތަ މިރޭ؟..........'' ކައުންޓަރު ކައިރިން މީހުން މަދުވުމުން، ނާޝިދާ ސުވާލުކޮށްލިއެވެ. ނިކަން މަޑުމަޑުންނެވެ. ނާޝިދާ ބަލަންބޭނުވީ މިރޭ އޭނާ ގަޑިއަށް، ފިހާރައަށް ނާންނަކަން ފިހާރައިގެ ވެރި މީހާ ސައުދަށް އެނގުތޯ ޔަގީން ކުރާށެވެ.

''އަޅެ..... ހަމައެއްވެސް އެއްޗެއް ނުބުނެ އެބަ އިނދޭ........ ތި އެއްޗިހީގެ އަގުތައް ޖެހޭނެ އެއްނު އަހަރެން މިދައްކާ ވާހަކައަށް ޖަވާބެއް ދީފަވެސް........'' ނޫރާގެ އަތުން ކޮމްޕިއުޓަރުގެ މައުސް ދަމައިގަންނަމުން ނާޝިދާ ޖެހިގެން ހުރި ގޮނޑިތެރެއަށް ވެއްޓިގަތެވެ.

ނާޝިދާ އެކަން ކުރީ ސަމާސާއަކަށް ކަމުގައި ވީނަމަވެސް، އެސަމާސާ ނޫރާއަކަށް ކަމަކު ނުދިޔައެވެ. ފިހާރަތެރޭގައި މާ ގިނަ މީހުން ނެތަސް، އެވަގުތުވެސް ދެތިން މީހުން ހަރުތައްކައިރީގައި އެނބުރި އެނބުރި ތިއްބެވެ.

''އަދި ނާދޭ މިރެއަކު.........'' ނޫރާ ދިނީ ނިކަން ކުރު ޖަވާބެކެވެ.

''ތިޔަވީ......... ނަސީބެއްނު..........އެހެންނޫނަމަ އަނެއްކާ މިރޭވެސް ޖެހޭނެދޯ ފިހާރަ ބަންދުކުރާ ގަޑީގައި ލެކްޗަރު އަޑުއަހަން...........'' ނާޝިދާ ހަމަޖެހިލަމުން ދެކަންފަތަށް ހެޑްސެޓް ހެޔޮވަރުކޮއްލިއެވެ.

''ދީބަލަ ސެންޓްފުޅި.......... '' އަތްތިލައާއި އޭނާ ލައިގެން އިން ހެދުމުގައި ވަސްގަނެލަމުން ނާޝިދާ ބުންޏެވެ.

''އަދިވެސް އެބަދުވާ ދުންވަސް........... ނަގަންތަ ސެންޓްފުޅި......... '' ސުވާލުކުރުމާއެކު ނޫރާގެ ޖަވާބަކަށް ބެލުމެއް ނެތި ނާޝިދާ ނޫރާގެ ދަބަސް ނަގައިފިއެވެ. އެއީ ހަމަ އާދައެވެ. އަބަދުވެސް ކަންތައްކުރާގޮތެވެ. ނާޝިދާ ސެންޓުޖަހާނީ ނޫރާނެ ސެންޓު ފުޅިންނެވެ.

ދަބަސްތެރޭގައި އޮތް އައިޑީކާޑު މަތިން ނޫރާ ހަނދާންވީ އެވަގުއެވެ.  ކުއްލިއަކަށް ނާޝިދާގެ އަތުން ނޫރާ ދަބަސް ޖަހައިގަތެވެ. އެ ކާޑުމަތިން ނޫރާ ހަނދާންނެތުނީ ކީއްވެކަމެއް ޚުދު ނޫރާއަކަށް ނޭނގުނެވެ. ގެއަށް ގޮސް ހަމަޖެހިލައިގެން އޭގައި އޮތް ނަން ކިޔާލަން ނޫރާ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް އޭގެ މަތިން ނޫރާ ހަނދާންނެއް ނެތެވެ.

ނޫރާ ދަބަސް ދަމައިގަތުމުން،  ނާޝިދާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ވާނީ ވެސް އެހެންތާއެވެ. މި ހުރިހާ ދުވަސް ވީއިރު، ނޫރާގެ ދަބަހެކޭ ނާޝިދާގެ އަމިއްލަ އެއްޗެކޭ އެއްގޮތެވެ. އެއްޗެއް ދަބަހުން ނަގަން އަހާލާއިރު، ނާޝިދާގެ އަތް އޮންނާނީ ދަބަސްތެރޭގައެވެ.

''ކިހިނެތްވީ؟............'' ހައިރާންވެފައި ނޫރާގެ މޫނަށް ބަލާލަމުން ނާޝިދާ ސުވާލު ކުރިއެވެ.

''ކަމެއްނުވޭ........'' ނޫރާ ޖަވާބުދިން އިރު އޭނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.

''ކަމެއްވީމައެއްނު ދަބަސް ތި ޖަހައިގަތީ........... މީގެ ކުރިންވެސް އަހަރެން ސެންޓްފުޅި ނަގަމެންނު ......... '' ނާޝިދާގެ އަޑުގައިވަނީ  ޝަކުވާގެ ރާގެވެ.

ނާޝިދާއަށް ދޭނެ ޖަވާބެއް ނޫރާއަކަށް ނޭނުގުނެވެ. ނޫރާގެ ހިތް ބާރަށް ތެޅެނީއެވެ. އޭނާ ހާސްވާގޮތް ވިއެވެ. ދެން ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ.

''އޭތް ...... އެއްކަލަ މީހާ ދޯ އެވަންނަނީ؟.........'' ނާޝިދާ ނޫރާގެ ގައިގައި ކޮއްޓާލަމުން ބުންޏެވެ. ހަމަ އެ ސިކުންތުގައި ނޫރާއަށްވެސް ފިހާރައިގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. އެއީ ހަމަ އެޒުވާނާއެވެ.

ވިންދު އަވަސްވެފައިވާ ނޫރާގެ ހިތް، ހީވީ ފުންމައިގެން ބޭރަށް ނުކުމެދާނެހެނެވެ. ނޫރާއަށް އޭނާގެ ދަބަސް ގަޔާލާ ބޮނޑިކޮށްލެވުނެވެ. އަނގައިން އެއްވެސް ބަހެއް ބޭރެއް ނުވިއެވެ. އެ ޒުވާނާ ކައުންޓަރާ ދިމާއަށް އަންނަތަން ފެނުމުން، ގޮތް ހުސްވެފައިވާ ނޫރާގެ ހަށިގަނޑުން ވަރު ދޫވާންފެށިހެން ހީވިއެވެ. ނިތްކުރިމަތިން ދާތިކިތައް ފާއްދާލީ ކަންބޮޑުވުމާ ލިބުނު ހާސްކަމުގެ ސަބަބުންނެވެ.

މިފަދަ ވަގުތެއް އަތުވެދާނެކަމަށް ވިސްނާނެ ވަގުތެއް ނުލިބި ހުއްޓާ ވާން މިއުޅޭނީ ކިހިނެތްބާއެވެ. އެ ޒުވާނާ، ކައުންޓަރާ ކައިރި ވަމުން ދިޔަ ވަރަކަށް ނޫރާގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސްވަމުންނެވެ.


ނުނިމޭ...  ވާހަކައިގެ އާ ބައެއް، 21 ޖަނަވަރީ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް