ވާހަކަ: ލޯބިވޭ އިންތިހާ – ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ފައިވާން ހަރުގަނޑުކައިރިއަށް ޒުވާނާ ޖެހިލިއެވެ. ދެތިން ފައިވާނުގައި އަތް ކާއްތާލުމަށްފަހު ކަޅުކުލައިގެ ލެދަރު ފައިވާނެއް އޭނާ ނެގިއެވެ. އަދި އެއްކިބަ ބިންމައްޗަށް ވައްޓާލާ،  ފަ...

14 Jan 2025 | 04:49

ކުރީގެ އަދަދާއި ގުޅޭ...

ފައިވާން ހަރުގަނޑުކައިރިއަށް ޒުވާނާ ޖެހިލިއެވެ. ދެތިން ފައިވާނުގައި އަތް ކާއްތާލުމަށްފަހު ކަޅުކުލައިގެ ލެދަރު ފައިވާނެއް އޭނާ ނެގިއެވެ. އަދި އެއްކިބަ ބިންމައްޗަށް ވައްޓާލާ،  ފަޔަށް ހެޔޮވަރު ކޮއްލަމުން ނޫރާގެ މޫނަށް ބަލާލިއެވެ. ރަނގަޅުހޭ އަހާލާ ކަހަލަގޮތަކަށެވެ.

އެވަގުތު މަޢްރިބް ނަމާދުގެ ބަންގީގެ މޫރިތި އަޑުން މުޅި ޖައްވު ގުގުމާލައިފިއެވެ.

''އައްދެ ބަންގި ގޮވީ ދޯ............... އުޅޭ އަވަސްކޮއްލަމާ............ ކިހާވަރެއް........... އާނ........ އެބައިންދޯ އަގުވެސް.................'' ޒުވާނާ ނިކަން އަވަސް އަރުވާލާފައި ޖީބުން ވޮލެޓް ދަމައިގަތެވެ. އަދި ސަތޭކައިގެ ތިން ނޫޓު ނޫރާގެ އަތަށް ދިއްކޮއްލިއެވެ.

''ތޭންކްސް އިނގޭ............ މިހާ އުނދަގޫ ގަޑިއެއްގަވެސް އެހީ ވެދިނީތީ...............'' ފިހާރައިން ނުކުންނަން ހިނގަތުމުގެ ކުރިން ޒުވާނާ ޝުކުރު އަދާކުރިއެވެ. ނޫރާގެ މޫނަށް ނަޒަރު ހުއްޓާލަމުންނެވެ. ނޫރާގެ ރީތި ދެލޮލަށް ބަލާލަމުން ލުއި ހިނިތުންވުމެއް ޒުވާނާ ހަދިޔާކޮށްލީ ނުހަނު ހިތްހެޔޮ ކަމާއެކުގައެވެ.

ޖަވާބުގައި އެއްވެސް އެއްޗެކޭ ނޫރާ ނުބުނެއެވެ. ބުނާކަށް ހަނދާނެއްވެސް ނެތެވެ. ވާނީވެސް އެހެންތާއެވެ. ނޫރާގެ މަންމަ ފިހާރަގެ ދޮރުމަތީގައި ހުންނަތާ އިރުކޮޅެއްވެއްޖެކަން ނޫރާއަށް އެނގެއެވެ.

ނިއްވަންޖެހޭ ބޮކިތައް އަވަސް އަވަހަށް ނިއްވާލުމަށްފަހު ބޭރަށް ނިކުންނަން އެޅި ފިޔަވަޅާއެކު ނޫރާގެ ފައި ކައްސާލިއެވެ. ކޮންމެވެސް އެއްޗަކަށް ފައިން އެރުނީއެވެ. ދޮރުކަނީގައި އަތުން ހިފެހެއްޓޭގޮތްނުވިނަމަ، ނޫރާ ވެއްޓުނީހެވެ. ބޭރުގައި ހުރި ޒަރީނާއަށް މި މަންޒަރު ނުފެނުނީ ފިހާރަތެރެ އަނދިރިކޮށް އޮތުމުންހެން ހީވެއެވެ. ނޫރާ ފޯނުން އަލިކޮއްލިއެވެ. އޭނާގެލޮލުގައި އަޅައިގަތީ އައިޑީ ކާޑެކެވެ. ނޫރާގެ މެޔަށް ހޫނެއްގެ އިހްސާސް ކުރެވުނީ ކީއްވެގެންކަމެއް ނޭގެއެވެ. ކާޑު ނަގާ ރަނގަޅަށް ބަލާލިއެވެ. އާނއެކެވެ. ނޫރާއަށް ހީވީ ހަމަރަނގަޅަށެވެ. އެއީ ދެންމެ ފިހާރައިން ނިކުތް ޒުވާނާގެ އައިޑީ ކާޑެވެ. ފަނޑު އަލިކަމުގެ ތެރެއިންވެސް ސާފުކޮށް އޭނާއަށް އެ ކާޑުގައި އިންފޮޓޯފެނުނެވެ. ނޫރާ ހާސްވުމުގެ ސަބަބުން ދެން ހަދާނެގޮތެއް ވިސްނުމަކަށް ނައެވެ.

''ދަރިފުޅާ......... ނުނިމޭތަ......މިހާރު ބަންގިވެސް އެ ނިމުނީ..... ހިނގާ ދަމާ.......'' މަންމަގެ އަޑު އިވުމުން ނޫރާ އަވަސް އަވަހަށް އަތުގައި އޮތް ކާޑު ނޫރާގެ އަތްދަބަސްތެރެއަށް ވައްޓާލިއެވެ. އޭގައި އޮތް ނަންކިޔާލަން ނޫރާ ބޭނުންވިއެވެ.

އަދި ނިކަން އަވަސްއަވަހާ ދޮރު ލައްޕާފައި ދޮރު ތަޅުލިއެވެ.

''ވަރަށް ލަސްވެއްޖެ ދޯ މަންމާ............'' މަންމަގެ މޫނަށް ނޫރާ ބަލާލިއެވެ.

''ނޫނޭ........... ދަރިފުޅު ނިމެންދެން މަންމަ މަޑުކޮއްލައިގެން މިހިރީ............. އެއީ ކާކުތަ؟..........'' ޒަރީނާ ނިކަން ލޯބިން ނޫރާގެ މޫނަށް ބަލާލިއެވެ.

''ކޮބާ؟........ އައިޑީކާޑުގަތަ؟.............'' ނޫރާ ހާސްވީވަރުން ބޭއިޚްތިޔާރުގައި ބުނެވުނެވެ.

''ކާޑެކޭ......ކޮން އައިޑީކާޑެއް؟...... މަންމަ މި އެހީ ދެންމެ ފިހާރައިން ނިކުމެގެން އެދިޔައީ ކާކުހޭ؟........." ޒަރީނާ ހަމަޖެހިލަމުން ސުވާލުކޮއްލިއެވެ. ނޫރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލެވުނީ ޒަރީނާއަށް އެމަންޒަރު ނުފެންނަކަން އެގުނީމައެވެ.

''ނޭނގެ މަންމާ......... ވިޔަފާރިކުރަން އަންނަ އެންމެނެއް ނޭނގޭނެއެއްނު...........'' ނޫރާ ހިނިތުންވެލިއެވެ.

''ފިހާރަ ބަންދު ކުރަން އުޅެނިކޮއް އެމީހާ އައީ ފައިވާނުގެ ވަދު ކެނޑިގެން.............. އެހެންވެ ލަސްވީ......... ނާޝިދާވެސް ހިނގައްޖެ ............ ދެން އަހަރެން ޖެހޭނީ މަޑުކުރާކައްނު............... އެނގޭ މަންމަ އަށް ލަސްވާނެ ކަންވެސް............'' ފިހާރަޔާ ޖެހިގެން ހުރި ގޭގެ ދޮރާއްޓާ ދިމާއަށް ހިނގައިގަންނަމުން ކަން ވީގޮތް ނޫރާ އޮޅުންފިލުވައިދިނެވެ. ކުޑަކުއްޖަކު ފަދައިންނެވެ.

''މަންމަ އަކަށް ލަހެއް ނުވެއޭ ދަރިފުޅާ............ ދެން ހަމަ އަހާލީ އޭނާ އެއްވެސް އެއްޗެއް ގެންދާތީ ނުފެނުނީމަ..........އެހެން ނޫނަސް އެއީ މިހިސާބުން ކުރިން ފެނުނު މީހެއްހެނެއް ހިޔެއްނުވޭ.......ނޫންތަ .......'' ޒަރީނާ ތަހުގީގެއް ކުރާފަދައިން އަނެއްކާވެސް ސުވާލު ކޮއްލިއެވެ.

''ނޭނގެ މަންމާ...... މިއޮއްބޮޑު ރަށުގެ އެންމެނެއް ނުވެސް އެނގޭނެ އެއްނު....... އެހެންނޫނަސް އޭނާއައީ ވިޔަފާރިކުރަން .......... އެހެން އަންނަ އެންމެން ނުވެސް އެނގޭނެ '' ނޫރާ ޖަވާބުދެމުން ދޮރާށީގައި ހަރުކޮށްފައިހުރި ރަނގަބީލަށް ފިއްތާލިއެވެ. މާ ލަހެއްނުވެ، އެތެރެއިން  ދެބައިޢުމުރުގެއަންހެނަކު، ދޮރާށި ހުޅުވާ ބޭރަށް ބޯދިއްކޮއްލިއެވެ.

''ސާލިމާ ދައްތާ ދަނީ އިނގޭ.........  '' ނޫރާ އަތުގައިއޮތް ތަޅުދަނޑިފަތި އެ އަންހެންމީހާގެ އަތަށް ދެމުން ހިނިތުންވެލިއެވެ. ބަދަލުގައި ސާލިމާވެސް ހިތްހެޔޮކަމާއެކު ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ނޫރާ އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ގެއަށްދާން ހިނގައިގަތެވެ.

ގެއަށް ވަދެވުމާއެކު ނޫރާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ނަމާދުކޮށް ނިމިގެން އެނދުގައި އޮށޯވެލީ ވަރުބަލި ފިލުވާލުމުގެ ބޭނުމުގައި ކަމަށްވިޔަސް ލޯމަރާލުމާއެކު ދެލޮލަށް ނިދި ސަވާރުވާކަށް ގިނައިރެއް ނުނެގިއެވެ.

''ދަރިފުޅާ ... ނޫރާ....'' ނޫރާއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އޭރު އަށެއް ޖަހަން ފަނަރައަށް ވެއްޖެއެވެ. ލޯ ހުޅުވާލުމާއެކު ނޫރާއަށް ފުންމައިގެން ތެދުވެވުނެވެ. ފޯނުގެ ސްކްރީންގައި އަތް ޖައްސާލީ ގަޑިން ވީއިރެއް ބަލާލުމަށެވެ.

''އަޅޭ........... އަށެއް ޖަހަނީ.......... އަދި ނަމާދުވެސް ނުކުރަން............... މަންމަ ކުރިން ގޮވާލިނަމަ.............'' ނޫރާ އެނދުން ތެދުވެ ހޭވިފައިވާ ރާޅުބާނި އިސްތަށިގަނޑުގައި އަތްފުނާއަޅާ ތަރުތީބު ކޮށްލިއެވެ. އުނަގަނޑުން ތިރިޔަށް އޮތް އިސްތަށިގަޑު ވޫލުކޮޅުން ހައްޔަރުކޮއްލިއެވެ.

''މަންމަ ހިޔެއް ނުކުރަން ދަރިފުޅު މިގަޑީގަ ނިދާނެ ކަމަކަށް............. މަންމަ އަބަދުވެސް ބުނަމެއްނު ......... ދެނަމާދު ދޭތެރޭ ނިދާކަށް ނުވާނޭ............. ދެން އަވަސްކޮއްލާ......... ކައިގެން ދެން ކިރިޔާ ދެވޭނީ ގަޑިޖެހެންވާއިރަށް...............'' ނޫރާގެ ނިތްކުރިމަތިން ވިހުރުވެމުންދިޔަ އިސްތަށިކޮޅު އެއްފަރާތް ކޮއްލާދެމުން ޒަރީނާ ވާހަކަދެއްކިއެވެ.

ހުރިހާ ކަމެއް ނިމި ތައްޔާރު ވެވުނުއިރު އަށްގަޑި ބައިވަނީއެވެ. ގަޑި ޖެހުމުގެ ކުރިން ފިހާރަ ހުޅުވަން ޖެހޭނެތީ ނޫރާ ބާރު ފިޔަވަޅު އަޅަމުން ގެއިން ނިކުތެވެ. އެވަގުތު ފެންޑާގައި އެލުވާފައި އޮތް އުނދޯލީގައި ދުފާތަބަށް އުނގަށްލައިގެން އިން ރަޝީދަށް ފުންމައިގެން ތެދުވެވުނެވެ. ނޫރާ އަވަސް އަރުވާލާފައި ހުރިވަރު ފެނުމުންނެވެ.

''ދަރިފުޅާ...... ދާންވީދޯ.........ހިނގާ އަވަހަށް ދަމާ.........'' ރަޝީދު ދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ. ނޫރާ ގޮވައިގެން ފިހާރަދޮށަށް ދިއުމަކީ ރަޝީދު އުފަލުން، ކުރާހިތުން ކުރާ ކަމެކެވެ. ރޭގަނޑު ފިހާރަ ލައްޕަންވާއިރަށް އެތަނަށް ދަރިފުޅު ބަލާ ދަނީވެސް ރަޝީދެވެ.

ނޫރާއަށް ފިހާރައާ ހަމައަށް ދެވުނުއިރު ފިހާރައިގާ މަސައްކަތްކުރާ ބަނގުލަދޭޝް ތިންމީހުން އެތަނުގައި ތިއްބެވެ. ތަޅުދަނޑި ހިފައިގެން އައިސް ނޫރާ އަވަސް އަވަހަށް ތަޅު ހުޅުވާ އެތެރެއަށް ވަނެވެ. އަދި އަތްދަބަސް ކައުންޓަރު މަތީ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު މަސައްކަތް ފެށިއެވެ.

********

''ނޫރާ........'' މަސައްކަތުގައި މަޝްއޫލު ވެގެން އިން ނޫރާ ސިއްސައިގެންދިޔައީ އާދަޔާ ޚިލާފަށް ބާރަށް މީހަކު ނޫރާއަށް ގޮވާލުމުންނެވެ. ނޫރާއަށް ފިހާރައިގެ ދޮރާދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ފިހާރައިގައި އެވަގުތު ތިބި އެންމެންގެ ނަޒަރު ދޮރާދިމާއަށް ހުއްޓުނެވެ. ނުފެންނަ ހިސާބު ހަރުތައް ކައިރީގައި ތިބި މީހުންވެސް ބޭރަށް ބޯދިއްކޮއްލީ އެހާބާރަށް އެ ވަދެގެން އަންނަނީ ކާކުތޯ ބަލާލުމަށްހެން ހީވެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 ޖަނަވަރީ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް