ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން  - ފަންސާސް ދެވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... "ހުމޭ ނާޝިދާއެކީ ހުރިހާ ދުވަހަކު ނާޝިދު މިހެން ހުންނާނަން....." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ. "ހުމޭ މިހިރީ ނާޝިދާއެކީ މުޅި އުމުރަށް އުޅޭށޭ....." ހުމޭދާ އަނ...

16 Jan 2024 | 06:51

ކުރީގެ އަދަދާއި ގުޅޭ....

"ހުމޭ ނާޝިދާއެކީ ހުރިހާ ދުވަހަކު ނާޝިދު މިހެން ހުންނާނަން....." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ.

"ހުމޭ މިހިރީ ނާޝިދާއެކީ މުޅި އުމުރަށް އުޅޭށޭ....." ހުމޭދާ އަނެއްކާވެސް ނާޝިދުގެ ކޮނޑުގައި ބޯއަޅާލިއެވެ.

"ނާޝިދު އަބަދުވެސް ހިތަށް އަރާ ހުމޭ ކަހަލަ ރީތި ކުއްޖަކު ލިބޭނީ ވަރަށް ބޮޑު ނަސީބުވެރިއަކަށޭ..... ކީއްވެތަ ތި މޫނު ތިހާ އޮމާނީ.....؟ ހުމޭދާގެ ކޮލުގައި އަތްޖައްސާލުމަށްފަހު ނާޝިދު ހުމޭދާއަށް ތަޢުރީފު ކޮށްލިއެވެ.

"ހުސް ދޮގު! ތި އުޅެނީ ހުމޭ ހައްދަން ވެގެން.... ހުމޭއަކީ މޫނު އޮމާންކުރަން މޫނުމަތީ ފާޑުފާޑު އެއްޗިހި އުނގުޅާ މީހެއްވެސް ނޫނޭ.... ހަމަ އެއްޗެކޭ ކިޔަންވެގެން ތިޔައުޅެނީ....." ނާޝިދުގެ ކޮނޑުގައި ޖަހާލަމުން ހުމޭދާ ބުނެލިއެވެ.

"ތި މޫނު ޚާއްޞަވާ ގޮތަކީ އެއީއޭ.... އެހެން މީހުން ޖެހެނީ ކުލަޖައްސައިގެން ނޫނީ ފާޑުފާޑުގެ އެއްޗިހި އުނގުޅައިގެން ގަދަކަމުން ރީތި ވާން..... ހުމޭއަކީ އުފެދުމުގައިވެސް ރީތި ކުއްޖެއް..... ގުދުރަތީ ގޮތުން ރީތި ހުރިހާ ސިފައެއް ލައްވާފަ ހުރި ކުއްޖެއް..... ވަރަށް ތަފާތު.... ވަރަށް ޚާއްޞަ" ނާޝިދު ވައި އަޑުން ހުމޭދާގެ ކަންފަތްދޮށުގައި ބުނެލިއެވެ.

"ސާބަސް.... ހީވަނީ އަލަށް ފެނިގެން އުޅޭހެން....." ނާޝިދުގެ ކޮނޑުގައި ޖަހާލަމުން ހުމޭދާ ބުނެލިއެވެ.

އޯކޭ.... ނާޝިދު ބޭރަށްގޮސްލާފައި އެބައަންނަން..... މިދަނީ ކައިވެނީގެ ކަންކަމާގުޅޭ ބައެއް ކަންކަން ހަމަޖައްސާލަން....."

ސޯފާއިން ތެދުވަމުން ނާޝިދު ބުނެލިއެވެ.

"އެކަމަކު ރާއިދާ ގުޅާލައްޗޭ....." ނާޝިދު ހިނގައިގަތުމުން ހުމޭދާ ހަނދާންކޮށްލަދިނެވެ.

ޢާއިޝާ ސައިބޮއިގެން ކޮޓަރިއަށްގޮސް ޑްރެސިންގ ޓޭބަލް ކައިރީގައި އިށީނދެ ވިސްނާލިއެވެ. ދިރިއުޅުމުގައި ތިމާއަށް ދިމާވާ ގިނަ ކަންކަން ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް މީހަކާ ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ކަމަކީ ރަނގަޅު ކަމެއްވިޔަސް އަދި ގޯސްކަމެއް ވިޔަސް ބައެއް މީހުން އެ ވާހަކަތައް ކިޔާދެއެވެ. ޝަރުތަކީ އިތުބާރު ކުރެވޭ މީހަކަށް ވުމެވެ. ހުމޭދާއަކީ ޢާއިޝާ އެންމެ އިތުބާރު ކުރެވޭ އެއް ރަޙުމަތްތެރިޔާއެވެ. ޢާއިޝާގެ އެވާހަކަތައް ހުމޭދާއަށް ކިޔައިދިނުމުން ޢާއިޝާގެ ހިތަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއްވަނީ ލިބިފައެވެ. އަދި އެވާހަކަތައް އަޑުއެހުމަށްފަހު ހުމޭދާ ދެއްކި ވާހަކަތަކުން ޢާއިޝާއަށްވަނީ ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިފައެވެ. ޢާއިޝާ އުއްމީދު ކުރަނީ ރާއިދުގެ ޚަބަރެއްވާނެ ވަގުތަކަށެވެ.

ހަވީރުގެ ހިތްފަސޭހަ ވަގުތުނިމި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުންދިޔައެވެ. ނާޝިދުއާއި ހުމޭދާ ކާރުގައި ދަތުރުކުރަމުންދިޔައީ ބީޗާދިމާއަށެވެ. ބީޗުގައި ކުޅެންއުޅުނު ކުޑަކުދިންގެ ބަދަލުގައި މިހާރު އެތަނުގައި ތިބީ ތަފާތު އުމުރުފުރައިގެ ބޮޑެތި މީހުންނެވެ.

"ހިނގާ ޕާނީޕޫރީ ކާން ފައިބަން....." ތަންކޮޅެއް ދުރުގައިހުރި ޕާނީޕޫރީ ވިއްކާ ކުޑަހަޓަކާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ހުމޭދާ ބުނެލިއެވެ.

"ހަވީރު ރާއިދުއާއި ގުޅިން......" ނާޝިދު އެއްފަރާތުގައި ކާރު ޕާކުކޮށްފައިވާ ފައިބައިގެން ހިނގަންނަމުން ބުނެލިއެވެ.

"ކީކޯބުނީ.... ކޮންއިރަކުންނޯ އާދެވޭނީ....." ނާޝިދުގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ހުމޭދާ ބުނެލިއެވެ.

"ހިޔެއްނުވެ އަންނާނެހެނެއް..... ނާޝިދު ބުނިގޮތަށްވީ...... ޢާއިޝާގެ ވާހަކަބުނީމަ ބުނީ އެއީ އެހެން ކުރިމަކެއް ނޫނޯ... އެރޭ ނިދާފިއްޔާ ނުހޭލެވިދާނެތީ ހޭލާ ހުންނަންވެގެން ކޮށްލި ކަމެކޭ ބުނީ..... ނާޝިދަކަށް ނޭނގެ ރާއިދު ވަރަށް ބޮޑަށް ބަދަލު ވެއްޖެ.... ރާއިދުއާއި ވާހަކަ ދައްކާހިތް އެއްކޮށް ކެނޑިއްޖެ..... ދެން ހުމޭވެސް ނާޝިދުގާތުގައި ރާއިދުގެ ވާހަކަ ނުދައްކާތި އިނގޭ..... ރާއިދު މަތިން ފޫހިވެއްޖެ....." ކުރިއަށް ހިނގަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

"އެކަމަކު ރާއިދުއެއީ އެކަހަލަ މީހެއް ނޫނެއްނު.... ކިހިނެތްބާ އެވީ....." ހުމޭދާ ޙައިރާންވެފައި އަހާލިއެވެ.

"ދެރައީ ނާޝިދު، ރާއިދު އާއެކު އެހާ ގިނަދުވަހު އުޅުނުއިރުވެސް ރާއިދު ދަސްނުވިކަން..... ނާޝިދު ބުނިން މިހިސާބުން ގުޅުން ކެނޑުނީއޭ.... އެއްވެސް ގުޅުމެއް ދެން ނޯންނާނެއޭ....." ނާޝިދު ކުރިއަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

"އެކަމަކު އެހާގިނަ ދުވަހު އެކީއުޅެފަ ކުއްލިއަކަށް ތިހެން ހަދާކަށްނުވާނެއެއްނު..... އެކަންވީގޮތެއް އިތުރަށް ސާފުކުރަން ހުމޭއަށް ފެނޭ....." ހުމޭދާ އެކަމާބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުންވާތީ ބުނެލިއެވެ.

"ނާޝިދު ބޭނުމެއްނޫން އިތުރަށް ދެން ރާއިދުއާ އެއްވެސް ވާހަކައެއް ދައްކާކަށް..... ނާޝިދު ބޭނުމެއްނޫން ހުމޭވެސް ދެން އިތުރަށް ރާއިދުއާ ވާހަކަ ދައްކާކަށް..... ރާއިދަކީ ނާޝިދު ހީކުރިކަހަލަ މީހަކަށްނުވި...... ނާޝިދުއަށް ފެންނަނީ ޢާއިޝާ ކައިރީގައި އެވާހަކަ ބުނަން.... އަދި އިތުރަށް ރާއިދުއަށް އިންތިޒާރު ނުކޮށް ޢާއިޝާވެސް ރަނގަޅު ދިރިއުޅުމެއް ފެށުމަށް ނަސޭހަތް ދޭން.... އިތުރުގޮތެއް ނެތްދެން...." ހަޓް ކައިރިއަށް ހުއްޓެމުން ނާޝިދު ބުނެލިއެވެ.

"އެކަމަކު ތިއީ ހާދަދެރަ ކަމެކޭ.... ތިވާހަކަ ބުނީމަ ޢާއިޝާއަށް ވާނެ ގޮތެއްވެސް ނޭނގެ..... " ޕާނީޕޫރީ ފޮށިގަނޑު ހިފައިގެން ހިނގައިގަންނަމުން ހުމޭދާ ބުނެލިއެވެ.

"އެހެންކަމެއް ކުރަންފެށީމަ މަޑުމަޑުން އެކަންތައް މަތިން ހަނދާންނެތިދާނެ....." ބީޗުގައި ހަދާފައިހުރި ލަކުޑި ގޮނޑިއެއްގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.

"ޢާއިޝާގެ ބަލި އެއްކޮށް ރަނގަޅު ނުވެ އުޅެނިކޮށް އަނެއްކާ އަނެއްހިތާމަ ކުރަން އެޖެހުނީ..... ނޭނގެ ޢާއިޝާއަށް ދެންވާނެ ގޮތެއްވެސް..... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ....." ޕާނީޕޫރީއެއް ނަގަމުން ހުމޭދާ ބުނެލިއެވެ.

"ޢާއިޝާގެ ތި ހަދާންތައް ފިލާވަރު ކުއްޖެއް ނާޝިދު ހޯދައިދީފާނަމޭ..... އެއްވެސް ކަމަކާ ޢާއިޝާ ފިކުރު ކުރަން ނުޖެހޭވަރު ކުއްޖަކު ހޯދައިދީފާނަން..... ޢާއިޝާއަށް އުފާވެރި ދިރިއުޅުމެއް ހޯދައި ދެވޭވަރު ކުއްޖެއް އެބަހުއްޓޭ..... ހޯދައިދޭންވީތަ....؟"

"އެކަހަލަ ކުއްޖެއް ނާޝިދު ކިހިނެތް ހޯދައިދޭނީ..... ކޮންމެއަކަސް ޢާއިޝާ ވަރަށް ދެރަވާނެ.... ކީއްވެބާ ރާއިދު އެހެން ކަންތައްތައް އެކުރީ....." ދުރު ބަލަހައްޓައިގެން އިނދެ ހުމޭދާ އަހާލިއެވެ.

"ދެން އެވާހަކަ ނުދައްކަމާ.... ޢާއިޝާއަށް ދިރިއުޅުމެއް ހޯދައިދެވޭތޯ ބަލަމާ...." ޕާނީޕޫރީ އިން އެތިކޮޅެއް އަނގަޔަށް ލުމަށްފަހު އަނގަޔަށް ގޮތެއް ހަދާލަމުން ނާޝިދު ބުނެލިއެވެ.

"ޢާއިޝާއަށް ދިރިއުޅެމުން ހޯދައިދޭން ކިހިނެތް ދެން ހަދާނީ.... ރަނގަޅު ވަގުތެއް ހޯދައިގެން ޢާއިޝާއާއި ތިވާހަކަ ދައްކަމާ....." ނާޝިދުއަތުގައި އޮތް ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"މާލޭގައި ހުންނާނެ ނާޝިދުގެ ތިމާގެ ކުއްޖެއް.... އެއީ ވަރަށް ރަނގަޅު ކުއްޖެއް..... މީހަކާ އިންނަން ވެގެން ރަނގަޅު ކުއްޖެއް ހޯދައިދޭން ނާޝިދު ކައިރީގައި ބުނެފައޮތީ..... އޭނާ ވަރަށް ރަނގަޅުވާނެ.... އުމުރުގެ ގޮތުންވެސް ޢާއިޝާ އާއި ވަރަށް މެޗުވާނެ..... މިގޮތް ކިހިނެތްވާނީ......" ނާޝިދު ހިޔާލެއް ދިނެވެ.

"ހުމޭ ބޭނުމީ އަދިވެސް ރާއިދުއާއި ވާހަކަ ދައްކަން...... ރާއިދުގެ ޚިޔާލު ދެން ބަދަލެއް ނުވާނެތޯ ބަލާލަން.... ހުމޭ ރާއިދުއާއި ގުޅަންތަ..... ރާއިދު ޢާއިޝާ ދެކެ ޙަޤީޤީ ލޯބިވީނަމަ ޔަޤީން ހިޔާލު ބަދަލުވާނެ....." ދެމީހުން ތެދުވެ ބީޗުގައި ހިނގަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ނޫނޭ.... ދެން އެކަކުވެސް ރާއިދުއާ އިތުރަށް ވާހަކަ ދައްކާނެ ކަމެއްނެތް..... ނާޝިދު މިހުންނަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި..... އިތުރު އެހެން ގޮތެއް ޢައިޝާއަށް ހޯދައިދެވޭތޯ ދެން ބަލަންވީ....." ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ހުމޭ ޢާއިޝާ ކައިރީގައި ރާއިދު ގެނެސްދޭނަމޭވެސް ބުނިން.... ވަރަށް އުއްމީދުގައި ހުމޭ ހުންނާނީ..... އޭނަ ވަރަށް ދެރަވާނެ...." ހުމޭދާ ދެރަވެލާފައި ބުނެލިއެވެ.

"ނާޝިދު ތިކަން ހަމަޖައްސާނަމޭ.... ހުމޭ އެކަމާ ދެން އަޅާނުލާ.... ނާޝިދު، ޢާއިޝާއާއި ވާހަކަ ދައްކާނަން....." ކާރަށް އަރަމުން ނާޝިދު ބުނެލިއެވެ.

"ޢާއިޝާ އެހާބޮޑަށް ދެރަނުވާގޮތަކަށް ނާޝިދު ވާހަކަ ދައްކައްޗޭ...." ނާޝިދުގެ އަތުގައި ހިފާލަމުން ހުމޭދާ ބުނެލިއެވެ.

"ޔޭސް.... ނާޝިދު ވަރަށް މޮޅުވާނެ.... ނާޝިދު ކޮއްކޮ ޢާއިޝާއަށް ހުރިވާހަކަ ބުނާނަމޭ...." ހެވިލާފައި ނާޝިދު ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 18 ޖަނަވަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް