ރަސްމާލޭގައި ހިންގާ އީގަލް ހިލްސް މަޝްރޫއުއަށް ތާއިދު: ނަޝީދު

15 Oct 2026 | 09:26
އެމްޑީޖީ ޖަގަހަ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޖީ ޖަގަހަ ޖަލްސާގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ރަސްމާލޭގައި އީގަލް ހިލްސް އާއި ހަވާލުކޮށްގެން މި ސަރުކާރުން ހިންގަން މަސައްކަތް ކުރަމުންދާ ބިޔަ މަޝްރޫއުއަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައިސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ އެ މަޝްރޫއުއަށް ތާއީދު ކުރި ނަމަވެސް ކުރިޔަށް ގެންދަން އުޅޭގޮތް މުނާފިގު ކަމުން ދެކޮޅަށް ވާހަކަ ދައްކަން ޖެހެނީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ހިންގަން ނިންމާފައިވާ މިފަދަ މަޝްރޫއުތަކުގެ ވާހަކަ ވަރަށް ސާދާކޮށް ބުނެދީ ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އެއްވެސް ކަމެއް ރައްޔިތުންނަށް އޮޅުވާލައިގެން ކުރުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމިއްޔަތު އިސްކޮށް މަސައްކަތް ކުރަން ކަމަށް ވިދާޅުވެ މިފަދަ ބޮޑު މަޝްރޫއުއެއް ބޭރުގެ ކުންފުންޏަކާއި ހަވާލު ކުރުން ހަމަ ނުޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރު ވެރިކަމަށް އައި އިރު ދެއްކި ވާހަކައިގެ ބަހާއި އަމަލު ދިމާ ނުވާ ކަމަށެވެ.

އެގޮތުން ކޮންޓްރެކްޓަރަކީ ކޮބައި ކަމާއި، މި މަޝްރޫއުގައި ސޮއި ކުރުމުން މި ވެގެންދާ ގޮތާއި މަޝްރޫއު އާއި ގުޅޭ އެއްވެސް މައުލޫމާތެއް މަޖިލީހަށްވެސް ނޭނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

500 ހެކްޓަރުގެ ސަރަޙައްދެއްގައި 20 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުން އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. ގެދޮރާއި ހޮޓާ ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަ އޮފީސް ތަޢުލީމީ އަދި ޞިއްޙީ މަރުކަޒުތައް ޤާއިމުކުރުމަށް އެ މަޝްރޫޢުގެ ދަށުން ރާވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް