އިބްރާހިމް ނާޒިމް -- ފޮޓޯ: އާރުޑީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމުން އިއްޔެ ވަކިކުރި އިބްރާހީމް ނަޒީމް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފިއެވެ.
ނަޒީމް އާރުޑީސީން ވަކިކޮށްފައި ވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އެ ކުންފުނި އުވައިލައި މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ވަގުތީ ގޮތުން މިހާރު އާރުޑީސީ ހިންގެވުން ޙަވާލުކޮށްފައި ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައުދީއާއެވެ.
ކުޅިވަރުގެ ދާއިރާއާ ޚާއްޞަ ގުޅުމެއް އޮތް ނަޒީމް ވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ޔޫތު މިނިސްޓްރީގައި 17 އަހަރު ވަންދެން އެކި މަޤާމުތައް ފުރުއްވައިފައެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ކުރައްވައިފައިވެއެވެ.
ނަޒީމަކީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސްގެ މަޤާމު މިހާރު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ދެކުނު އޭޝިއާ ސަރަޙައްދުން ބީޗް ވޮލީބޯޅައިގެ ބައިނަލްއަޤުވާމީ ރެފްރީކަން ފުރަތަމަ ހޯއްދެވީ ވެސް ނަޒީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް