ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަންސާސް އެއްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ކިހިނެތްވީ އަނެއްކާ ރާއިދު ގެންނަން ޖެހުނީ......؟ މަންމަވެސް ރާއިދުވެސް މިކޮޅަށްގެނެވޭތޯ ވަރަށް މަސައްކަތް ކޮށްފިން.... އެކަމަކު ކޮންމެސް ކަމަކާ ބިޒީ ވެގެން ޓައިމެއް ވާކަމަކަށ...

14 Jan 2024 | 04:49

ކުރީގެ އަދަދާއި ގުޅޭ...

"ކިހިނެތްވީ އަނެއްކާ ރާއިދު ގެންނަން ޖެހުނީ......؟ މަންމަވެސް ރާއިދުވެސް މިކޮޅަށްގެނެވޭތޯ ވަރަށް މަސައްކަތް ކޮށްފިން.... އެކަމަކު ކޮންމެސް ކަމަކާ ބިޒީ ވެގެން ޓައިމެއް ވާކަމަކަށްނުވި....." ނާޝިދު ރޮށިކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ.

"ވަރަށް މުހިންމު ކަމެކޭ.... ރާއިދަށް މިކަން އެނގިއްޖިޔާ ތި ބިޒީވެގެންއުޅޭ ހުރިހާ ކަމެއް ދޫކޮށްލާފަވެސް މިކޮޅަށް އަންނާނެކަން ޔަޤީން....!" ނާޝިދުއާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

"ތި މުހިންމު ކަމެއް ބުނެބަލަ.... އޭރުން މިއަދު ރާއިދުއާ ގުޅާލާނަން....." ހުމޭދާއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

"ސައިބޮއިގެން ގުޅާލަދީބަލަ..... ހުމޭ ވާހަކަ ދައްކާނީ....." ހުމޭދާ ސައިފޮދެއް ބޯލަމުން ބުނެލިއެވެ.

"މިގަޑީ ރާއިދު އޮފީހުގަކަންނޭގެވާނީ.... ބިޒީވާނެ.... ނާޝިދު ފަހުން ގުޅާލާނަން..... އެކަމަކު ވެގެން ތިއުޅޭ ގޮތެއް ބުނެބަލަ....؟" ހުމޭއާއި ދިމާއަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.

ނާޝިދުގެ މިސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޢާއިޝާ ދެއްކި ވާހަކަތައް ހުމޭދާ ކުރުގޮތަކަށް ނާޝިދަށް ކިޔައިދިނެވެ.

"ޢާއިޝާ ހަމަ ތިހެންބުނިތަ.....؟" ހުމޭދާގެ ވާހަކަ އަޑުއެހުމަށްފަހު ނާޝިދު ސުވާލުކޮށްލިއެވެ.

"އާނ..... ރާއިދުގެ ޚަބަރެއް ނުވެގެން ވަރަށް ދެރަވެފަ ޢާއިޝާ އެހުންނަނީ..... ރާއިދުއަށްވެސް ޢާއިޝާ މިކޮޅުގަވީކަން ނޭނގެނީ ކަންނޭގެ.... މިއަދު ގުޅާފަ އެވާހަކަ ބުނެބަލަ.... ޔަޤީން އޭރުން ރާއިދު މިކޮޅަށް އަންނާނެކަން...." ހުމޭދާ ސީރިއަސްވެފައި ވާހަކަ ދެއްކިއެވެ.

"ތިކަހަލަ ވާހަކައެއް ރާއިދު ނުވެސް ދައްކާ...... ކިހިނެތްވީ ކަމެއްބާ ތިއީ..... ތިއީ ރަނގަޅު ވާހަކައެއް ކަމުގައިވިޔަސް ހިޔެއްނުވެ ތިކަމާ ރާއިދު މިކޮޅަށް ދެން އަންނާނެ ހެނެއް....." ސައިބޮއި ނިމިގެން ފެންތަށި ނަގަމުން ނާޝިދު ބުނެލިއެވެ.

"އެ ކީއްވެ....؟ ޢާއިޝާގެ ވާހަކައިން އެނގުން ގޮތުގައި ރާއިދުވެސް ޢާއިޝާދެކެ ވަރަށް ލޯބިވޭ....." ނާޝިދު އަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.

"ތިކަހަލަ ވާހަކައެއް ރާއިދު ދައްކާފައެއްވެސް ނެތް.... އަނެއްކާ ރާއިދު ކުއްޖަކާ ރައްޓެހިވެގެން އުޅެނީ.... މިކޮޅަށް ނާދެވިގެން އުޅެނީ މެރީ ކުރަން ވެގެން ކަންކަން ރެޑީކުރާތިޔޯވެސް ބުނި....." ނާޝިދު ތެދުވަމުން ބުނެލިއެވެ.

ނާޝިދު މި ޖުމްލައިން ހުމޭދާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. ރާއިދުއަކީ އެކަހަލަ މީހެއް ނޫންކަން ހުމޭދާއަށް އެނގެއެވެ. އަނެއްކާ ޢާއިޝާއަކީވެސް އެވަރު ކަމެއްގައި ދޮގުހަދާނެ ކުއްޖެއްނޫނެވެ.

"ރާއިދުއަށް ގުޅާލާފައި ހުމޭއަތަށް ފޯނު ދީބަލަ.... ހުމޭ ވާހަކަ ދައްކާލާނަން..... ޢާއިޝާބުނި ރާއިދުގެ ނަންބަރަކަށް ނުވެސްގުޅެޔޯ..... ގުޅާލަދީބަލަ...." ނާޝިދުގެ ފަހަތުން ހިނގައިގަންނަމުން ހުމޭދާ ބުނެލިއެވެ.

"އާން..... ކޮންމެސް ކުއްޖަކު ގުޅާވަރުން ނަންބަރު ބަދަލުކޮށްގެން އުޅެނީ.... ދެން ހުމޭ ގުޅާނެ ކަމެއްނެތް..... ތިކަމުގައި ނާޝިދު، ރާއިދުއާއި ވާހަކަ ދައްކާނަން...." ނާޝިދުގޮސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.

"ހަނދާންކޮށް މިއަދު ގުޅައްޗޭ.... ޢާއިޝާ ވަރަށް ދެރަވެފަ އެހުންނަނީ.... ހުމޭ ބުނިން ރާއިދު މިކޮޅަށް ގެނެސްދޭނަމޭވެސް...." ނާޝިދުގެ ފަހަތުން ގޮސް ސޯފާގައި އިށީންނަމުން ހުމޭދާ ބުނެލިއެވެ.

"އޮފީހަށްގޮސް ރާއިދު ހަމަޖެހިލާހާއިރުވީމަ ގުޅާލާނަން..... ދެން އެހެން މީހުންގެ ކައިވެނީގެ ކަންކަމުގައި ނޫޅޭ އަހަރުމެންގެ ކައިވެނީގެ ކަންކަމުގައި އުޅެން ހިނގާބަލަ....." ހުމޭދާގެ ދަތްދޮޅީގައި ހިފާލަމުން ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"އެކަމާވެސް ނޫޅެ ނާޝިދު ތި ހުންނަނީނު..... މިހާރު ކައިވެނިކުރާކަށް މާގިނަދުވަހެއްވެސްނެތް..... އެކަމަކު އަދި ހަމައެއްވެސް ކަމެއް ނުކުރެވޭ......" ސޯފާގައި ލެނގިލަމުން ހުމޭދާ ބުނެލިއެވެ.

"ވަގުތު ޖެހޭއިރު ހުރިހާ ކަމެއް ހުންނަނީ ހަމަޖެހިފައި.... ހުމޭއަށް ނޭނގޭނެ ނާޝިދު ކަންތައްތައްކޮށް ނިންމާލާގޮތްވެސް.... އެހާވެސް ފާސްޓްވާނެ.... ވަގުތު ޖެހޭއިރު މުޅިގެ ރީތިކޮށްލާނަން..... ނާޝިދުގެ މީހުން އައިސް މުޅިތަން ޖަރީކޮށްލާނެ....." ހުމޭދާގެ މޫނަށް ބަލަންއިނދެ ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.

"ނާޝިދުގެ މީހުންނޭ..... މާގިނަ ބަޔަކު ނާޝިދުގެ އެބަތިބިތަ.....؟ މަންމައާއި ބެސްޓުފުރެންޑަށްވެސް އެއުޅެނީ ނާދެވިގެން.... ދެން ކާކުހުރީ ކަންކަން ކުރަން މިކޮޅަށް އަންނަން..... އަދި އެބަ ފޮނި ވާހަކަ ދައްކައެއްނެ....." ފަހަތުން ނާޝިދުގެ ބުރަކަށީގައި ޖަހާލަމުން ހީނލާފައި މަޖާ ރާގަކަށް ހުމޭދާ ބުނެލިއެވެ.

"ނާޝިދުގެ ވަރަށްގިނަ މީހުން މިކޮޅުގަ ތިބެޔޭ.... މިތާނގަވެސް....." ހެމުން ހެމުން ނާޝިދު ބުނެލިއެވެ.

"ކޮންމެ ކަމެއްގައިވެސް ސަމާސާ.... މިކޮޅަށް އައިމަ ނާޝިދު ހާދަ ބަދަލުވެއްޖެޔޭ މިހާރު....." ހުމޭދާވެސް މަޖާރާގަކަށް ވާހަކަ ދެއްކިއެވެ.

"ނާޝިދު ސުވާލެއް ކޮށްލަންތަ....؟" ސިރިއަސްވެލާފައި ހުމޭދާގެ މޫނަށް ބަލަހައްޓައިގެންއިނދެ ނާޝިދު އަހާލިއެވެ.

"ހުއްދަ ހޯދަންޖެހޭތަ.....؟ ނާޝިދު ނުޖެހޭނެ އެއްވެސް ކަމެއްގައި ހުމޭ ކައިރިން ހުއްދަ ހޯދާކަށް.... ނާޝިދު ބޭނުން ހަމަ ކޮންމެ ސުވާލެއްވެސް ކުރެވޭނެ...." ހުމޭދާވެސް ނާޝިދަށް ބަލަންއިދެ ސީރިއަސްވެފައި ވާހަކަ ދެއްކިއެވެ.

"ހުމޭ ދެންމެ ބުނީމެއްނު، މިކޮޅަށް އައިމަ ނާޝިދު ހާދަ ބަދަލުވެއްޖެޔޭ..... ނާޝިދު އަހާލަން ބޭނުންވަނީ މިކޮޅަށް އައިމަ ނާޝިދަށް އައީ ކޮން ބަދަލުތަކެއްތޯ....؟" ނާޝިދު ހުމޭދާގެ ލޮލަށް ބަލަންއިނދެ ސުވާލުކޮށްލިއެވެ.

"ކުރިން ނާޝިދު އަށް ރީތިއެއްޗިއްސެއްނޫން މިހާރު ރީތިވަނީކީ.... ކުރިން ނާޝިދަކީ ތިހާ ސަރަކާތްބޮޑު މީހެއްވެސް ނޫން.... އަދިވެސް ތަފާތު ބައިވަރު ކަންކަން އެބަހުރި....." ނާޝިދުއާއި ދިމާއަށް ބަލަންއިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ތިއީ ހަމަ ހުމޭއަށް ހީވާގޮތް.... ކުރިންވެސް އަދި މިހާރުވެސް ނާޝިދަށް ރީތި އެއްޗިހި ހަމަ ރީތި..... ތިއީ އޭގެ އެންމެ ފުރިހަމަ އެއް މިސާލު.... ކުރިންވެސް ނާޝިދަށް ހުމޭ ރީތި.... މިހާރުވެސް ނާޝިދަށް ހަމަ އެންމެ ރީތީ ހުމޭ...." އަނެއްކާވެސް ހިނިތުންވެލާފައި ނާޝިދު ބުނެލިއެވެ.

"ތިހިރީނު.... ސީރިއަސްއެއް ނުވަމެއްނު...." ހުމޭދާ، ނާޝިދުގެ އަތުގާ ހިފާލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އޯކޭ... އޯކޭ.... އަދި އެއްސުވާލު އަހާލަންތަ....؟" އަނެއްކާވެސް ނާޝިދު ބުނެލިއެވެ.

"ހުއްދަ ހޯދާކަށް ނުޖެހޭނެޔޭ މިހާރު ކިތައްފަހަރު ހުމޭ ބުނެލިން..... ނާޝިދު ބޭނުން އެއްޗެއް ހަމަ ބުނަންވީޔޭ....." ހިނިތުންވެލަމުން ހުމޭދާ ބުނެލިއެވެ.

ޔޭސް.... ހުމޭއަށް އެންމެ ކަމުދަނީ ކުރިން ފެނުނު ނާޝިދުތަ.....؟ ނޫނީ މިހާރު މިފެންނަ ނާޝިދުތަ....؟" ހުމޭދާގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ނާޝިދު ބުނެލިއެވެ.

"ސާބަސް..... ތިހެންބުނީމަ ހީވަނީ މިދައްކަނީ ދެމީހެއްގެ ވާހަކައެއްހެން....." ހުމޭދާވެސް މަޖާ ރާގަކަށް ބުނެލިއެވެ.

"ނާޝިދު މިހެން މިބުނީ މިކޮޅަށް އައިމަ މިފެންނަ ނާޝިދުގެ މިޒާޖާ، މާލޭން ނާޝިދުގެ މިޒާޖު ފެނުނުގޮތް ތަފާތޭ އަބަދުވެސް ބުނާތި...." ނާޝިދު ސީރިއަސްވެފައި ވާހަކަ ދެއްކިއެވެ.

"ބުނަންތަ ވާހަކައެއް..... ހުމޭއަށް ރަނގަޅަކީ ތިހެން މަޖާކޮށް އުޅެންޏާ.... ސީރިއަސްވީމަ އެހާ ފަންއެއް ނޫން...." ހުމޭދާ ވާހަކަ ދެއްކީ ސަމާސާ ރާގަށެވެ.

"އެހެންވީމާ ތީގެ މާނައަކީ ހުމޭއަށް ބޮޑަށް ރަނގަޅަކީ މިކޮޅުން މިފެންނަ ނާޝިދުއޭ ދޯ.... މިބުނީ ބޮޑަށް ރަނގަޅީ މަޖާކޮށް އުޅުނީމަދޯއޭ...." ހުމޭދާއާއި ދިމާއަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.

"ޔޭސް.... ތިހެން ފަންކޮށް އުޅުނީމަ މާ މަޖާ... ދެން އަބަދުވެސް ތިހެން އުޅޭތި...." ހުމޭދާ، ނާޝިދުގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

"ހުމޭ ނާޝިދާއެކީ ހުރިހާ ދުވަހަކު ނާޝިދު މިހެން ހުންނާނަން....." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 16 ޖަނަވަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް