ށ. ފުނަދޫގައި ތަރައްގީ ކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓު ރަސްމީކޮށް ހުޅުވަން އަނެއްކާވެސް އާ ތާރީހެއް ކަނޑައަޅައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ އަހުމަދު ޒުހެއިރު މީޑިއާގައި މިއަދު ވިދާޅުވެފައިވަނީ އަދި ޓަވަރު ބަހައްޓާފައި ނުވާ ފުނަދޫ އެއާޕޯޓު އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުންް އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ.
އެއާޕޯޓް ހުޅުވުމާއެކު އެތަނަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ. އެއާޕޯޓު ހުޅުވާނެ ކަމަށް މިނިސްޓްރީން ކަނޑައަޅާ ތާރީހުތައް ފަހަނަ އަޅަމުންދާއިރުު އިއްޔެ އަކީ ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސާނެ ކަމަށް ބުނެފައިވާ ދުވަހެކެވެ.
އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓް މިދިޔަ އަހަރު ހުޅުވަން ތާރީހުތަކެއް އިއުލާނު ކުރި އެވެ. ފަހުން ވަނީ މިމަހުގެ ތެރޭގައި އެއާޕޯޓް ހުޅުވާނެ ކަމަށް ބުނެފަ އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެެ ކެމްޕެއިން ދުވަސްވަރު ފުނަދޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވަނީ ފުނަދޫ އެއާޕޯޓުގައި ނުނިމި ހުރީ މަހެއްހާ ދުވަހުގެެ މަސައްކަތް ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވަނީ ހަދަމުންދާ އެއާޕޯޓުތައް ހުޅުވުން ލަސްވަނީ ކަނޑައަޅާފައިވާ ވަރަށް ވުރެ ލަހުން ކޮންޓްރެކްޓަރުން މަސައްކަތް ކުރުމާއި ތަމްރީނު ވެފައިވާ މީހުން ހޯދުމުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ހެދި ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުނަދޫ އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް