އިދިކޮޅު ޕީޕީއެމްއިން ސަރުކާރާ ދެކޮޅަށް ފުރަތަމަ ފަހަރަށް މުޒާހަރާއެއް ކޮށްފި އެވެ.
މަދު ބަޔަކާއި އެކު ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމަށް އިންތިހާބު ވުމާއި ރިޔާސީ އިންތިހާބު އޮޅުވާލިކަމަށް ބުނެ ވެރިކަމުގައި އޮވެ ޕީޕީއެމްއިން މުޒާހަރާތަކެއް ކުރި އެވެ.
އެ މުޒާހަރާތައް ހުއްޓާލީ އިންތިހާބު ބާތިލް ކުރަން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެމީހުންނާއި ދެކޮޅަށް ނިންމައި އިންތިހާބު ބާތިލު ނޫން ކަމަށް ކަނޑައެޅުމުންނެވެ.
ރޭގެ މުޒާހަރާގައި ވަނީ އަލުން އިންތިހާބު ބޭއްވުމަށް ގޮވާލުމުގެ އިތުރުން ރައީސް ސޯލިހާއި ވަޒީރުންނަށްވެސް ފާޑު ކިޔާފައި އެވެ. އަދި ކުރީގެ ރައީސް ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރާތީ އެކަމަށް ފާޑު ކިޔާފައިވެ އެވެ.
ޕީޕީއެމާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު އެއްވުމުގައި ވިދާޅުވީ ޔާމީން "ގަން" ހިންގުވާ ތަން ބަލަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ޔާމީންގެ ފަހަތްޕުޅުން ހުރިހާ ރައްޔިތުން މާދަމާ ފުލުސް އޮފީހަށް ދާނެ ކަމަށެވެ. އަދި ޔާމީންގެ އެކައުންޓްތަކުގައި ހިޔާނާތުގެ ފައިސާއެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، މިރޭ ރަސްމީކޮށް ފެށިގެން ދަނީ ސިޔާސީ މަސައްކަތެވެ. އަދި އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ޕީޕީއެމުން ކާމިޔާބުކޮށް، ވެރިކަމަށް އަލުން ޔާމީން ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މުޒާހަރާގައ ި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ މި ސަރުކާރު ވައްޓާލާނެ ކަމަށް ވިދާޅުވެފައި އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް