އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ހުންނަ ޖީ އާރު މެޑިކަލް ކޮލެޖް އަދި ޖޭ އޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ކާޑިއޯލޮޖީ ޑިޕާޓްމެންޓްގެ، ހެޑް ޕްރޮފެޝަރ، ޑރ. ޕުނީތު ރަސްތޯގީ ލިޔުއްވާފައި ވެ އެވެ.
"މެޑިކަލް ދާއިރާއަށް އައި ޒަމާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ އެހީގައި، ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިންތިހާއަށް ދަށް ކުރެވިއްޖެ އެވެ. އެހެން ނަމަވެސް އެންމެ ގިނައިން މީހުން މަރުވާ އަދި ނުކުޅެދޭ ހާލަތަށް މީހުން ބަދަލުވާ އެއް ސަބަބަކަށް އަދިވެސް އޮތީ ހިތުގެ ބަލިތަކެވެ"
ޑޮކްޓަރު ވިދާޅުވެފައިވާގޮތުގައި އެންމެ މޮޅު ހައްލަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމެވެ. ކުޑަ ކުޑަ ދެތިން ކަމަކުންވެސް ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓިދާނެ ކަމެވެ.
އެގޮތުން މި ޑޮކްޓަރު އިރުޝާދު ދެއްވަނީ އެމެރިކާގެ، ދަ އެމެރިކަން ހާޓް އެސޯޝިއޭޝަން (އޭއެޗްއޭ) އިން ތައްޔާރުކޮށްފައިވާ "އެލްއެސް7" (ލައިފްސް ސިމްޕަލް 7) އަށެވެ. މިއީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ ސްޓްރެޓަޖީ އެކެވެ. މި ސްޓްރެޓަޖީގެ ސަބަބުން ހިތުގެ ބަލިތައް 20 އިންސައްތައަށް ދަށްކުރެވިދާނެ ކަމަށް ދަ އެމެރިކަން ހާޓް އެސޯސިއޭޝަނުން ހާމަކޮށްފައި ވެ އެވެ.
އެސްއެލް7ގެ ފުރަތަމަ ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުމެވެ.
ދެވަނަ ކަމަކީ ދުޅަހެޔޮ ކަންމަތީގައި ދެމި ހުރުމަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަމެއް ކޮށްލުމެވެ. ކަސްރަތެއް ކޮށްލުމެވެ. ނުވަތަ ދުވެލުމުން ނޫން ނަމަ ހިނގާލުމެވެ.
ތިންވަނަ ކަމަކީ ކެއުމުގައި ސިއްހީގޮތުން ރަނގަޅު އަދި އެކަށީގެންވާ ޑައިޓެއް އިހުތިޔާރު ކުރުމެވެ.
ހަތަރުވަނަ ކަމަކީ މީހާގެ ބަރުދަން ހުންނަން ޖެހޭވަރަށްވުރެ ފަލަ ވިޔަ ނުދިނުމެވެ. ބޮޑީ މާސް އިންޑެކްސް އަށް ފަރުވާތެރިވުމެވެ.
ފަސްވަނަ ކަމަކީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމެވެ.
ހަވަނަ ކަމަކަކީ ކޮލެސްޓްރޯލް މަތިވިޔަ ނުދީ ކޮންޓްރޯލް ކުރުމެވެ.
އަދި ހަތްވަނަ ކަމަކީ ގްލުކޯޒް ލެވެލް ކޮންޓްރޯލް ކުރުމެވެ.
އެލްއެސް7 ގެ ނަމުން ނަންދީފައިވާ މި ސްޓްރެޓަޖީގެ އަޖުމަ ބެލުމަށް ދިރާސާއެއް ކޮށްފައި ވެ އެވެ.
އެއީ އުމުރުން 65 އަހަރުން މަތީގެ 6262 މީހުންގެ ސިއްހީ ހާލަތަށް ބަލައި އެމެރިކާގައި ކޮށްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ބައިވެރިކުރި އެންމެންނަކީވެސް ދުޅަހެޔޮ ހިތެއްގެ ވެރިން ކަމުގައިވާއިރު މި ދިރާސާކުރި ޓީމުން ބެލީ އެލްއެސް7 ގެ ކަންކަން މި އެންމެންގެ މެދުގައި ވަނީ ކިހާވަރަކަށްތޯ އެވެ. ބެލި ބެލުމުން އެނގުނު ގޮތުގައި މި އެންމެންގެ ތެރެއިން ގިނަ މީހުންނަކީ އެލްއެސް7ގެ ކަންކަމުގެ ތެރެއިން މަދުވެގެން ފަސް ކަމެއް ބަރާބަރަށް ދަމަހައްޓަމުން އަންނަ މީހުން ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް