ހައްދުންމަތީ ބޮޑުމަގަކީ ތަރައްގީ ޔަގީން ކުރެވިގެންދާނެ މަގެއް: ހައުސިން މިނިސްޓަރު

ހައްދުންމަތީ ބޮޑުމަގު ތާރަ އަޅާ ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ ތަރައްގީ ޔަގީން ކުރެވިގެންދާނެ މަގެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅ...

15 Dec 2014 | 16:39

ހައްދުންމަތީ ބޮޑުމަގު ތާރަ އަޅާ ރަނގަޅު ފެންވަރަކަށް ހެދިގެން ދިއުމަކީ ތަރައްގީ ޔަގީން ކުރެވިގެންދާނެ މަގެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހައްދުންމަތީ ބޮޑުމަގު ހެދުމުގެ ރަސްމިއްޔާތު ރަސްމީކޮށް އިފްތިތާހް ކުރުމަށް އެއަތޮޅު ފޮނަދޫގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނަވާ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި މަސްރޫއަކީ ޗައިނާ ސަރުކާރުން މުޅިން ހިލޭ ގެންގޮސްދޭ މަސްރޫއެއް ކަމަށާއި މި މަސްރޫއަށް 30 މިލިއަން ޑޮލަރު ހަރަދުވެގެން ދާނެ ކަމަށެވެ. އަދި މި މަސްރޫއު ނިންމަން ދެ އަހަރުގެ މުއްދަތެއް ކޮންޓްރެކްޓާއަށް ދީފައިވާއިރު 18 މަސް ތެރޭގައި އަމަލީ މަސައްކަތް ނިންމާލާނެ ކަމަށް ކޮންޓްރެކްޓަރު ބުނެފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ ސިޔާސަތަކީ ނަފާ ލިބޭގޮތަށް މަސްރޫއުތައް ހިންގެވުން، މީ މި އަތޮޅަށް ކުރެވޭ އިންވެސްޓްމެންޓެއް، މީ ތަރައްގީ ޔަގީން ކުރެވިގެންދާނެ މަގެއް، ގުޅިފައިވާ ރަށްތަކުގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށްދާނެ، ޓުއަރިޒަމްވެސް އިގްތިސާދީ ގޮތުންވެސް ތަރައްގީ ޔަގީން ވެގެންދޭ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައްދުންމަތީ ބޮޑު މަގަކީ އަތޮޅުގެ ތަރައްގީއަށް އެޅޭ މުހިންމު ބިންގަލެއް ކަމަށެވެ. އަދި ލާމު އަތޮޅުގެ ރަށްތަކަކީ ސައިޒުގެ ގޮތުން ބޮޑެތި މަގުތަކަކަށް ވުމުން އާބާދީ އެއްފަސް ކުރުމަށް މި ރަށްރަށުގެ ބޭނުން ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް