ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން ދާދި ދެންމެއަކު ލާމު އަތޮޅަށް ވަޑައިގެންފި އެވެ.
ރައީސް ޔާމީން ވަޑައިގަތުމުން ލ.ކައްދޫ އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ލާމު ލިންކްރޯޑް މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޔާމީންގެ އަރިހުގައި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި ދައުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ލާމު ލިންކްރޯޑް ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ފޮނަދޫގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއެއްގަ އެވެ.
ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ ލިންކް ރޯޑަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ.
މި މަގުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިމަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ. އެ މަޝްރޫގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް