ރާއްޖެއަށް ޗައިނާ ސަރުކާރުގެ އެހީގައި ހޯދުމަށް ހަމަޖެހިފައިވާ އެމްބިއުލަންސްތައް ހޯދުމަށް ޗައިނާއާއެކު ރާއްޖެއިން މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާ ކޮށްފައިވަނީ ޗައިނީސް ޕީޕަލްސް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމެއް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.
އެމްއެންޑިއެފުން ބުނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ޗައިނީސް ޕީޕަލްސް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ފޮރިން އެފެއަރޒް އޮފީހުގެ ސެޕެޝަލް ކޮމިޝަނަރ މޭޖަރ ޖެނެރަލް ކުންގ ލީ ކަމަށާއި މިބައްދަލުވުމުގައި ދިވެހި ރާއްޖެއަށް ޗައިނާ ސަރުކާރުގެ އެހީގައި ހޯދުމަށް ހަމަޖެހިފައިވާ ސީ އެމްބިއުލަންސްތައް ހޯދުމާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖެއަށް އެންމެ އެކަށީގެންވާ ސީ އެމްބިއުލަންސް ހޯދުމުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ފަންނީ އެހީ ހޯދުމާ ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށާއި މިބައްދަލުވުމުގައި ޗައިނީސް ޕީޕަލް ލިބެރޭޝަން އާމީގެ ސީ އެމްބިއުލަންސް ޓީމުގައި ހިމެނޭ ބޭފުޅުންގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް