ގެއްލިގެން ހޯދަމުން އަންނަ މީހާގެ ފައިވާނާއި ޓީޝާޓު ފެނިއްޖެ!

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ގެއްލިގެން ހޯދަމުން އަންނަ ސ.ހިތަދޫ، ވެސްޓްބީޗް އަޙްމަދު މިޝްފާޤް ގެއްލުނު އިރު ލައިގެން ހުރި ފައިވާން ކަމަށް ބެލެވޭ ފައިވާނަކާއި ގެއްލުނު އިރ...

15 Dec 2014 | 10:40

ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ގެއްލިގެން ހޯދަމުން އަންނަ ސ.ހިތަދޫ، ވެސްޓްބީޗް އަޙްމަދު މިޝްފާޤް ގެއްލުނު އިރު ލައިގެން ހުރި ފައިވާން ކަމަށް ބެލެވޭ ފައިވާނަކާއި ގެއްލުނު އިރު ލައިގެން ހުރި ޓީޝާޓް ކަމަށް ބެލެވޭ ޓީޝާޓެއް މޫދުގެ އަޑިން ފެނިއްޖެ އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ދުވަހަށް މައުލޫމާތު ދެއްވަމުން ކ.ގުރައިދޫ ކައުންސިލަރަކު ވިދާޅުވީ މިޝްފާގް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އޭނާ ލައިގެން އުޅުނު ކަމަށް ބެލެވޭ ޓީޝާޓަކާއި ފައިވާނެއް ފެނިފައިވާކަމަށެވެ. އަދި އެ ފައިވާނާއި ޓީޝާޓް ފެނުނީ އެރަށް ކައިރީގައި އޮންނަ ފަޅުރަށެއްގެ ފަޅުތެރެއިން ކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.

"ފުރަތަމަ ރަށުގެ ރައްޔިތުން ނިކުމެ ހޯދުމުގެ މަސައްކަތް ކުރީ ، ފަހުން އެމްއެންޑީއެފްގެ ޓީމަކުން އައިސް ޑައިވް ކޮށްގެން ކުރި މަސައްކަތުން އިއްޔެ ވަނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މީހުން އަރާ ވައްތަރުގެ ފައިވާނަކާއި ޓީޝާޓެއް ފެނިފަ" ކައުންސިލަރު ވިދާޅުވިއެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ފައިވާނާއި ޓީޝާޓު ފެނުނީ ގުރައިދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އޮޅުގަލި ކައިރިން ކަމަށެވެ.

މިކަމާ ބެހޭގޮތުން ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ޖެންޑާ މިނިސްޓްރީން ފޯނެއް ނުނަންގަވައެވެ. ފުލުހުން ވިދާޅުވީ މިޝްފާގު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒާ ހަވާލުވެ ހުންނެވި އިސްވެރިޔާ ނައުޝާދު ވިދާޅުވީ އެކަމާމެދު އެއްވެސް މައުލޫމާތެއް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް