މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އަށް އާމްދަނީގެ ގޮތުގައި 804.2 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ 61.9 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. މިދިޔަ މަހު އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އަކީ 37.8 މިލިއަން ޑޮލަރު ކަމަށް މީރާ އިން ބުންޏެވެ.
މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި ބަލައިގަތް ފައިސާ އިންނެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖާއި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެ އެވެ.
ނޮވެމްބަރު މަހު އެންމެ ބޮޑު އާމްދަނީ ލިބުނު ޖީއެސްޓީގެ ބައިން އާމްދަނީގެ ގޮތުގައި 44.4 ޕަސެންޓް ލިބުނު އިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 23.8 ޕަސެންޓް ލިބިފައިވެ އެވެ.
އަދި ޓީޖީއެސްޓިގެ ގޮތުގައި ލިބިފައި ވަނީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 10.2 ޕަސެންޓެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ބީޕީޓީގެ ގޮތުގައި 5.2 ޕަސެންޓް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 5.2 ޕަސެންޓް ލިބުނު ކަމަށް މީރާ އިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް