މާލޭގެ ފެނުގެ މައްސަލަ ހައްލުވެއްޖެ

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފނުގެ ހާދިސާ އާއި ގުޅީގެން ކުރިމަތިވި ފެނުގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ޓާސްކް ފޯސްއިން ހާމަކޮށްފިއެވެ. މާލޭގެ ރައްޔިތުންނަށް ސަޕްލައި ފެން ލިބުމުގައި ދިމާވި ދ...

15 Dec 2014 | 06:22

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފނުގެ ހާދިސާ އާއި ގުޅީގެން ކުރިމަތިވި ފެނުގެ މައްސަލަ ހައްލުކުރެވިފައިވާ ކަމަށް ޓާސްކް ފޯސްއިން ހާމަކޮށްފިއެވެ.

މާލޭގެ ރައްޔިތުންނަށް ސަޕްލައި ފެން ލިބުމުގައި ދިމާވި ދަތިތަކާއި ގުޅިގެން  ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލޭގެ ފެނުގެ މައްސަލަ ހައްލުވެ، އާންމު ހާލަތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން މާލެއަށް ފެން ލިބެމުން ދިޔަ ގޮތަށް މިއަދުން ފެށިގެން މާލެއަށް ފެން ލިބެމުންދާނެ ކަމަށާއި ފެން ނުލިބި ދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެމްޑަބްލިއުސްސީގައި އަލިފާނުގެ ހާދިސާއެއް ހިނގާ މުޅި މާލެއިން ފެނުގެ ހިދުމަތް މެދުކަނޑާލީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވަކި ގަޑިތަކެއްގައި ފެން ދޫކުރަމުން ގޮސް 24 ގަޑިއިރު ފެން ދޫކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މާލެ ފެނަށް ޖެހުމުން ސަރުކާރުން އެކަލަވާލި ޓާސްކް ފޯސް އިން ވަނީ ސިފައިން މެދުވެރިކޮށް މާލޭގެ 10 ސަރަހައްދަކުން ފުޅީގައި ބަންދުކޮށްފައިވާ ފެން ހިލޭ ބަހާފައި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މަޑުކޮށްގެން ޕިކަޕުތަކުގައި ފެން ފޯރުކޮށްދީފައި ވެއެވެ.

ފެނުގެ މައްސަލަ ހައްލުވަންދެން އިންޑިއާއާއި ސްރީލަންކާއާއި ޗައިނާގެ އިތުރުން ބަންގްލަދޭޝް އިން ވަނީ ފެނުގެ އެހީ ފޯރުކޮށްދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް