ބޭރުގެ އިންވެސްޓްމަންޓްތަކުން އިޤުތިޞާދު ވަރުގަދަވާނެ، މިނިވަންކަމަށް ގެއްލުމެއް ނުވާނެ: ނަޝީދު

15 Nov 2026 | 22:57
ރައީސް މުހައްމަދު ނަޝީދު - ދުވަސް ފޮޓޯ

ރައީސް މުހައްމަދު ނަޝީދު - ދުވަސް ފޮޓޯ

ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ޤަބޫލުކުރުމަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ހިމާޔަތްކުރުމަށް ބާރުލިބޭ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ރަސްމާލެ މަޝްރޫޢަށް މިއަދު އަނެއްކާވެސް ތާއީދުކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިޢުމާރީ އަޅުވެތިކަމުން ސަލާމަތްވި ޤައުމުތަކުގެ ތެރެއިން ތަރައްޤީ ހާސިލުކޮށްފައިވަނީ ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް ދޮރު ހުޅުވައިލި ޤައުމުތައް ކަމަށެވެ. ސިންގަޕޫރާއި ދެކުނު ކޮރެއާ މިސާލެއްގެ ގޮތުގައި ދައްކަވަމުން އެ މަނިކުފާނު ފާހަގަކުރެއްވީ، އެ ދެ ޤައުމުގެ އިޤުތިޞާދީ ކުރިއެރުމުގެ ފަހަތުގައި ބޭރުގެ އިންވެސްޓްމަންޓްތައް އޮތް ކަމަށާއި، އެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މަޤާމެއް އެ ޤައުމުތަކަށް ކަށަވަރުވެފައިވާ ކަމަށެވެ.

Advertisement

ނަމަވެސް ބޭރުގެ އިންވެސްޓްމަންޓްތައް ހަމައެކަނި ޤުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒުކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެ ވަސީލަތްތައް ބޭނުންކޮށްގެން އައު އުފެއްދުންތައް އުފައްދައި، އުފެއްދުންތެރިކަން ކުރިއެރުވުމަށް މަގުފަހިވާ ބާވަތުގެ އިންވެސްޓްމަންޓަށް އިސްކަންދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ 12 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫޢާ ދެކޮޅަށް އެމްޑީޕީގެ ތެރެއިން ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނަޝީދު ގެންދަވަނީ އެ މަޝްރޫޢަށް ފާޅުގައި ތާއީދުކުރައްވަމުންނެވެ. މި މަޝްރޫޢު އިޢުލާނުކުރުމާ އެކު ވެސް ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްޤީކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، އީގަލް ހިލްސް ފަދަ ބޮޑެތި އިންވެސްޓަރުންނާއި ޔޫއޭއީ ފަދަ ޤައުމުތަކާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ނަޝީދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސްކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް