އިންޑިއާގެ ކޮލްކަތާގެ ބިކްރަމްގަރް ސަރަހައްދުގައި ކުރީގެ ލޯބިވެރިޔާގެ ދެ ކުއްތާ މަރާލައި، އެ މަންޒަރު ވީޑިއޯ ކޯލް މެދުވެރިކޮށް އެ އަންހެން މީހާއަށް ދެއްކި ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ސަންޖީބް ބައްޓާޗާރިޔާ ނަމަކަށް ކިޔާ އެ ޒުވާނާ ހައްޔަރުކުރީ ޖާދަވްޕޫރު ޕޮލިސް ސްޓޭޝަނުގެ ފުލުހުން، އެ ސަރަހައްދުގެ ރައްޔިތުންނާއި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތައް އެއްވެ އިހުތިޖާޖުކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނާ ގޮތުގައި ބައްޓާޗާރިޔާ އުޅެމުން ދިޔައީ ޑީޖޭއެއްގެ ގޮތުގައި މަސައްކަތްކުރާ ލޯބިވެރިޔާއާ އެކު ބިކްރަމްގަރްގެ ކުއްޔަށް ހިފާފައި ހުރި ފްލެޓެއްގައެވެ. ދެ މީހުންގެ ގުޅުން ކެނޑި، އެ އަންހެން މީހާ ފްލެޓުން ނިކުތީ ދެ ކުއްތާ ބައްޓާޗާރިޔާގެ ބެލުމުގެ ދަށުގައި ބާއްވައިފައެވެ.
ލޯބިވެރިޔާ ދޫކޮށް ދިއުމުން ރުޅިގަދަވެ، ބައްޓާޗާރިޔާ އިއްޔެ މެންދުރުފަހު އެ ދެ ޖަނަވާރަށް އަނިޔާކުރީ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އެ ފަރާތްތައް ބުނާ ގޮތުގައި އޭނާ ވީޑިއޯ ކޯލެއް މެދުވެރިކޮށް ކުއްތާއެއް ދަންޖައްސާފައި އޮތް މަންޒަރު ކުރީގެ ލޯބިވެރިޔާއަށް ދެއްކިއެވެ. އެ މަންޒަރު ފެނި ބިރުގަނެ، އެ އަންހެން މީހާ ވީޑިއޯ ފޮނުވައި ބިކްރަމްގަރް ސަރަހައްދުގެ ޒުވާނަކަށް ގުޅައި، ފްލެޓަށް ގޮސް ބެލުމަށް އެދުނެވެ.
އެ ޒުވާނާއާއި ސަރަހައްދުގެ އެހެން ބައެއް މީހުން ފްލެޓަށް ވަންއިރު ދެ ކުއްތާ ވެސް ވަނީ މަރާލައިފައެވެ. އެއް ކުއްތާ މަރާލާފައި ވަނީ ދަންޖައްސައިގެން ކަމަށް ވާއިރު، ޅަ ކުއްތާ މަރާލީ ގާބުރިއަކުން ބޮލުގައި ތަޅައިގެން ކަމަށް ހަރަކާތްތެރީން ބުނެފައިވެއެވެ. ފްލެޓުގެ ތަޅުމުގައި ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ.
ބައެއް މީހުން ބުނާ ގޮތުގައި ބައްޓާޗާރިޔާ ބަދިގެ ތެރޭގައި ފެން ކައްކަން ހުއްޓައި ފެނުމުން، ޖަނަވާރުތަކުގެ ގައިގައި ހޫނު ފެން ޖެއްސުމުގެ ނިޔަތެއް އޮތް ކަމުގެ ޝައްކު އުފެދުނެވެ. އެކަމަކު އެހެން ބަޔަކު ލަފާކުރީ ހެކި ނައްތާލުމަށް ފެން ކައްކަނީ ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ބައްޓާޗާރިޔާ ހައްޔަރުކޮށް ސުވާލުކުރަމުން ގެންދާ ކަމަށާއި ހައްޔަރު ކުރި ވަގުތު އޭނާ ހުރީ ނަފްސާނީގޮތުން ބަލިކަށި ހާލަތެއްގައި ކަމަށެވެ. ނަމަވެސް، އެ ސަރަހައްދަށް އެއްވެ ތިބި މީހުން ބުނި ގޮތުގައި ހައްޔަރު ކުރި އިރު އޭނާގެ ކިބައިން ކުޑަ ވެސް ހިތާމައެއް ނުވަތަ ދެރައެއް ފާހަގަ ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް