މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި ދުވަހެއް -- ދުވަސް ފޮޓޯ: އަޒްމީ އަލީ
ބަންގާޅު ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު މާދަމާ ތޫފާނަކަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މި ތޫފާނާ ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށް މެޓު އޮފީހުން މީޑީއާގައި މައުލޫމާތުދެމުން ބުނެފައިވެ އެވެ، ތޫފާނުގެ ނުސީދާ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ކަމަށް ބެލެވެއެވެ.
މިހާރު ވެސް އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ އިރު، ޅ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްރަށް އޭގެ ތެރޭގައި ހިމެނެއެވެ.
މިރޭ 6:00 ން 10:00 އަށް ށ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް ވަނީ ރީނދޫ ސަމާލެއް ނެރެފައެވެ. އެ ސަރަހައްދުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ތިނެއް ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ އިރު، ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ބާރުވުން ވެސް އެކަށީގެންވެއެވެ.
މި ދުވަސްވަރު މޫސުން އިތުރަށް ގޯސްވަމުން ދަނީ އެލްނީނޯގެ ބާރު ގަދަވަމުން ދާތީ ކަމަށް މެޓް އޮފީހުން ބުނެފައިވާ އިރު، އެލްނީނޯ އެންމެ ބާރުގަދަވާނީ ޑިސެމްބަރުގައި ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް