ފަސް ޖީލު އެއް ދުވަހު އުފަންވެ ދުނިޔޭގެ ރެކޯޑް ހެދި އާއިލާ --
އެމެރިކާގެ ބެލް އަދި ހާލޯ ޢާއިލާގެ ފަސް ޖީލެއް ސެޕްޓެމްބަރު 14 ވަނަ ދުވަހު އުފަންވެ، އެއް ދުވަހު އެންމެ ގިނަ ޖީލު އުފަންވި ޢާއިލާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
މި ރެކޯޑް ފެށެނީ 1907 ވަނަ އަހަރު ސެޕްޓެމްބަރު 14 ގައި އުފަންވި ވިލްބާ ހާލޯ އިންނެވެ. އެމެރިކާގެ އަޔޮވާގެ ބްރޫކްސްގައި ޕޯސްޓް މާސްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް، ހާލޯ ޖެނެރަލް ސްޓޯ ހިންގި ވިލްބާއަށް 1949 ވަނަ އަހަރު ސެޕްޓެމްބަރު 14 ގައި އަންހެން ދަރިފުޅު އެޑީ ލިބުނެވެ.
އެޑީގެ ފިރިހެން ދަރިފުޅު ޑޮނަލްޑް ހާލޯ ދުނިޔެއަށް އައީ 1972 ވަނަ އަހަރު ހަމަ އެ ދުވަހުއެވެ. ހަތަރުވަނަ ޖީލުގެ ގޮތުގައި 1997 ވަނަ އަހަރު ސެޕްޓެމްބަރު 14 ގައި ޑޮނަލްޑްގެ އަންހެން ދަރިފުޅު އެމާ އުފަންވިއެވެ.
ފަސްވަނަ ޖީލު ގޮތުގައި 2025 ވަނަ އަހަރު އެމާ އާއި އޭނާގެ ފިރިމީހާ ވައެޓް އަށް ފިރިހެން ދަރިފުޅު އާތާ ބެލް ލިބުނީ ވެސް ސެޕްޓެމްބަރު 14 ގައެވެ. އާތާގެ ވިހެއުމުގެ ލަފާކުރެވޭ ތާރީޚަކީ ވެސް ހަމަ ސެޕްޓެމްބަރު 14 އެވެ.
މި ފަސް ޖީލުގެ ތެރޭގައި 118 އަހަރު ހިމެނެއެވެ. ފާހަގަކުރެވޭ އެހެން ކަމެއް ވެސް އެބައޮތެވެ؛ ފަސް ޖީލުގެ ޖިންސު ތަރުތީބުވަނީ ފިރިހެން، އަންހެން، ފިރިހެން، އަންހެން، ފިރިހެން މި ސިލްސިލާގެ މަތީންނެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ބުނެފައިވާ ގޮތުގައި ހަތަރު ޖީލަކު އެއް ދުވަހު އުފަންވުމުގެ ރެކޯޑް ކުރިން ހަތް ޢާއިލާއަކުން އެއްފަހަރާ ހޯދައިފައިވެއެވެ. ނަމަވެސް ފަސް ޖީލަށް އެ ރެކޯޑް ފުޅާކޮށް، ބެލް އަދި ހާލޯ ޢާއިލާ ވެފައިވަނީ މި ރެކޯޑް އެކަނި ހިފެހެއްޓި ހަމައެކަނި ޢާއިލާ ކަމުގައެވެ.
ހަތަރު ޖީލުގެ ރެކޯޑް ލިބިފައި އޮތް ނަމަވެސް، ފަސްވަނަ ޖީލެއް ލިބޭތޯ ބެލުމުގެ އުންމީދުގައި ޢާއިލާ އިން ކުރިން ރެކޯޑަށް ހުށައެއް ނާޅައެވެ.
ދެވަނަ ޖީލުގެ އެޑީ 2023 ވަނަ އަހަރު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެހެންކަމުން އެޑީ އަށް މުނިމާމަ ދަރިފުޅު އާތާ ފެނުމުގެ ފުރުޞަތެއް ނުލިބުނެވެ. އެހެންނަމަވެސް ދުނިޔޭގައި ހުރި އިރު ކޮންމެ އަހަރަކުމެ ޢާއިލާ އެކީ ރެސްޓޯރެންޓަކަށް ގޮސް ކޭކް ފަޅައިގެން އުފަން ދުވަސް ފާހަގަކުރުމުގައި އެޑީ ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، ވިލްބާ އާއި އޭނާގެ އަނބިމީހާ ކައިވެނިކޮށްފައިވަނީ މިސޫރީގެ މެރީވިލްގައެވެ؛ ފަހުން އެމާ އާއި ވައެޓް ދިމާވީ ވެސް ހަމަ އެ ރަށުން ކަމަށް އާއިލާއިން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް