ފޭސްބުކުން ވާހަކަ ދައްކައިގެން ގެސްޓްހައުސްއަކަށް ގެންގޮސް އަންހެނަކު ރޭޕްކުރި މީހަކު 15 އަހަރަށް ޖަލަށް

15 Nov 2026 | 16:40
ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ކްރިމިނަލް ކޯޓު -- ފޮޓޯ: ރައީސް އޮފީސް

ފޭސްބުކް މެދުވެރިކޮށް އަންހެނަކާއި ގުޅުން އުފެއްދި ފިރިހެނަކު އެ އަންހެން މީހާ މާލޭގެ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕްކުރިކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ލުމަށް ހކުމްކޮށްފި ޢެވެ.

މި މައްސަލައިގަ ހުކުމް ކުރީ ލ. މާބައިދޫ ޒުވާނެއް ކަމަށްވާ އިސްމާޢީލް ޖުމާންއަށެވެ. މި ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު 23 ގައި ފަތިހު ހ. ލަންދޫ ގޭގައި ހިންގާ ރިއަލްއިން ގެސްޓްހައުސްގެ ކޮޓަރިއެއްގެ ތެރޭގައެވެ.

Advertisement

ޖިންސީ ކުށުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ދައުލަތުން ޖުމާންގެ މައްޗަށް ދަޢުވާ އުފުލީ އަނިޔާލިބުނު ފަރާތުގެ ނުރުހުމުގައި ރޭޕްކުރުމުގެ ކުށުގައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ޖުމާން ދަޢުވާއަށް އިންކާރުކޮށް ބުނީ، އެ ދުވަސްވަރު އެ އަންހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށާއި، ދަޢުވާގައި ބުނާ ފަދަ ޢަމަލެއް ނުހިންގާ ކަމަށެވެ. ނަމަވެސް އަނިޔާލިބުނު ފަރާތުން ހެކިބަސް ދީ ބުނެފައިވަނީ، ފޭސްބުކުން ދެމީހުން ދަންނަ ކަމަށާއި، ސައިކަލު ބުރެއް ޖެހުމަށްފަހު ގެސްޓްހައުސްއަށް ވަދެ އެނދުގައި އިށީނދެ އިންދާ ކަރުގައި ހިފައި ގަދަކަމުން އަންނައުނު ބާލުވައި ރޭޕްކުރީ ކަމަށެވެ. ނުކުރުމަށާއި ތަދުވާ ކަމަށް ތަކުރާރުކޮށް އާދޭސްކުރި ނަމަވެސް، ކައިވެނިކުރާނެ ކަމަށް އެއްބަސްވުމުން ނޫނީ އެ ޢަމަލު ހުއްޓާ ނުލީ ކަމަށް ވެސް ހެކިބަހުގައިވެއެވެ.

ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރޮވިފައި ހުރެ އެ ވާހަކަ ރަޙްމަތްތެރިއަކަށް ކިޔައިދީފައިވާކަން އެ ރަޙްމަތްތެރިޔާގެ ހެކިބަހުން ކަށަވަރުވެއެވެ. ހަމައެއާއެކު، އައިޖީއެމްއެޗުގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑޮކްޓަރުގެ ހެކިބަހުން އަންހެން މީހާގެ ކަރުގައި ގަދަކަމުން ހިފިކަމުގެ ނިޝާނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވެއެވެ. މީގެ އިތުރުން، ފުލުހުންގެ ފޮރެންސިކް ޑީއެންއޭ ރިޕޯޓުން ޖުމާންގެ ޑީއެންއޭ އެ އަންހެން މީހާގެ ހަށިގަނޑުންނާއި އަންނައުނުން ފެނިފައިވެއެވެ.

މި ހެކިތަކުގެ މައްޗަށް ބިނާކޮށް ޤާޟީ މުޒައްމިލު ނާޞިރު ނިންމެވީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ރޭޕްކުރުމުގެ ކުށުގެ މާއްދީ ރުކުނާއި މަޢުނަވީ ރުކުން ޖުމާންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މި ޙުކުމާ އެކު ޖުމާން ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް