ރަހާ ރިސޯޓު -- ފޮޓޯ: ބުކިން ޑޮޓް ކޮމް
ހެވީލޯޑް ކުންފުންޏަށް ދޫކުރި 11 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކުމާ ގުޅިގެން، ސިވިލް ކޯޓުގެ ހުއްދައާ އެކު ލ. ކުޑަފަރެސް ވިއްކާލުމަށް ބީއެމްއެލް އިން މިއަދު އިއުލާންކޮށްފިއެވެ.
ބީއެމްއެލް އިން ކުރި އިއުލާނުގައިވާ ގޮތުން ކުޑަފަރެސް ވިއްކާނެ އެންމެ ދަށް އަގަކީ 45.6 މިލިއަން ޑޮލަރެވެ. ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި އޭނާގެ ތިން ދަރީންނާއި ހެވީލޯޑް ކުންފުންޏަކީ މި ލޯނުގެ ރަހުނު ގޮތުގައި ބެހެއްޓި ތިން ރަށުގެ ވެރިފަރާތެވެ. ހެވީލޯޑް ކުންފުނީގައި ވެސް މޫސައާއި އޭނާގެ ދަރީންގެ ހިއްސާ އޮވެއެވެ. ކުޑަފަރެހުގެ އިތުރުން ވިއްކާލުމުގެ ހުއްދަ ލިބިފައިވަނީ ފަރެހާއި ބޮޑުހުރައެވެ. ފަރެހާއި ކުޑަފަރެހުގައި ހިންގަމުން އަންނަނީ ރަހާ ރިސޯޓެވެ. ބޮޑުހުރާ ދޫކޮށްފައި އޮތީ ދަނޑުވެރިކަމަށެވެ.
މި ތިން ރަށް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ކުރީން ވެސް ދިނެވެ. ނަމަވެސް ހައި ކޯޓުން އެ ހުކުމް ބާތިލުކުރިއެވެ. އެއަށް ފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން އަލުން ވިއްކާލުމުގެ ހުއްދަ ދީފައިވާ އިރު، ބީއެމްއެލް އިން އެދުނު އަގަށް ހެވީލޯޑް ކުންފުނިން ވެސް އެއްބަސްވެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތިން މަސް ދުވަހުގެ ތެރޭގައި ރަށްތައް ވިއްކާލަން ޖެހެއެވެ. ފުރަތަމަ މަހު ފެށޭ އަގަކީ 46 މިލިއަން ޑޮލަރެވެ. ނުވިކިއްޖެ ނަމަ ދެވަނަ މަހު އެ އަގު 40 މިލިއަން ޑޮލަރަށް ދަށްވާނެއެވެ. ތިންވަނަ މަހު ފެށޭ އަގަކީ 38 މިލިއަން ޑޮލަރެވެ.
ކުޑަފަރެހަކީ ރަށުގެ މެދުގައި ސާފު ލޮނުފެނުގެ ކުޅިއެއް އޮންނަ ރަށެކެވެ. އެ ރިސޯޓުގައި ލޭކް ވިއު ވިލާތަކާއި ބީޗް ވިއު ވިލާތަކާއި ރެސްޓޯރެންޓަކާއި ދެ ބާ ހުރެއެވެ. މި ތިން ރަށުގެ ހެޑް ލީޒް ހަމަވާނީ 2064 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް