ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓް --
އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
މިދަތުރަކީ ކެންސަރަށް ފަރުވާ ހޯދެއްވި ފަހުން ޕްރިންސަސް ކޭޓް ކުރައްވާ ބައިނަލްއަޤުވާމީ ފެންވަރުގެ އެންމެ ބޮޑު އަދި ފުރަތަމަ ދަތުރެވެ. މި ދަތުރަކީ ޕްރިންސް ވިލިއަމް އުފެއްދެވި އާތުޝޮޓް ޕްރައިޒްގެ ދަށުން އިންޑިއާގެ މުމްބާއީގައި ބާއްވާ އާތުޝޮޓްގެ އިނާމު ދިނުމުގެ ޖަލްސާގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.
ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ބޭފުޅުން މުމްބާއީގައި ބާއްވާ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އަންގާރަ ދުވަހު ބާއްވާ އާތުޝޮޓް އިނާމު ދިނުމުގެ ރަސްމިއްޔާތެވެ.
ޢުމުރުން 44 އަހަރުގެ ކޭޓަށް 2024 ވަނަ އަހަރު ވަކި ބާވަތެއް ހާމަނުކޮށް ކެންސަރު ޖެހިފައިވާކަން ހާމަ ކުރި އެވެ. އެތައް ކީމޯ ތެރަޕީއަކަށްފަހު މިހާރު ބަލިން ސަލާމަތްވެފައި ވީނަމަވެސް ބައްޔާ ހެދި ދިރިއުޅުމަށް އަދިވެސް އަސަރުކުރާ ކަމަށް ކޭޓް ވިދާޅުވެފައިވެއެވެ.
ބައްޕާފުޅު ކިންގް ޗާލްސް ފަދައިން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރެއްވުމަކީ ވިލިއަމްގެ އެންމެ އިސް އެއް އަމާޒެވެ. މޫސުމީ ބަދަލުތަކަށް ހައްލު ހޯދުމުގެ ބޭނުމުގައި 2020 ވަނަ އަހަރު ވިލިއަމް އުފެއްދެވި އާތުޝޮޓް ޕްރައިޒްގެ ދަށުން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް އެއް މިލިއަން ޕައުންޑް (1.3 މިލިއަން ޑޮލަރު) ދީގެން ޕްރޮޖެކްޓުތައް ފުޅާކުރުމަށް އެހީތެރިވެދެއެވެ.
ކެންސިންގޓަން ޕެލެސްގެ ތަރުޖަމާނު ވިދާޅުވީ "ޕްރިންސަށް އާތުޝޮޓަކީ ނާއުންމީދުގެ ބަދަލުގައި ފުރުޞަތުގެ ވާހަކަ" ކަމަށާއި، "ދުނިޔެ ކުރިމަތިލާ ތިމާވެށީގެ ގޮންޖެހުންތައް ބޮޑު ނަމަވެސް، ހައްލު ހޯދުމަށް ބޭނުންކުރާ ވިސްނުންތެރިކަމާއި ހިތްވަރާއި ހުނަރުވެރިކަން ހަމަ އެހާމެ ވަރުގަދަ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް