އޮންލައިން ލޯބީގެ ނަމުގައި ފައިސާ ހޯދާ ސްކޭމްތަކުން ރައްކާތެރިރިވާން ފުލުހުން އިލްތިމާސްކޮށްފި

15 Nov 2026 | 15:05
އޮންލައިން ލޯބީގެ ނަމުގައި ފައިސާ ހޯދާ ސްކޭމްތަކުން ރައްކާތެރިރިވާން ފުލުހުން އިލްތިމާސްކޮށްފި

އޮންލައިންކޮށް ދެކެފަރިތަވެ، އެތައް މަހެއް ވަންދެން އިތުބާރު ހޯދުމަށްފަހު ފައިސާއަށް އެދޭ ރޮމޭންސް ސްކޭމްތަކާ މެދު ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކުރީ އިންޓަޕޯލްއިން ނެރެފައިވާ ހޭލުންތެރި ކުރުމުގެ ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށްފަހު އެވެ.

Advertisement

ފުލުހުން ބުނީ މި ބާވަތުގެ ސްކޭމްތައް ހިންގާ ފަރާތްތަކުން ގިނަ މަސްތަކެއް ހޭދަކޮށް ބޮޑު އިތުބާރެއް ބިނާކުރާ ކަމަށެވެ. އެގޮތުން ފޮޓޯ ބަދަލުކޮށް، އަޑު އިވޭ ގޮތަށް ވާހަކަ ދައްކައި، ގާތް ގުޅުމެއް އުފެއްދުމަށްފަހު ދެން ފައިސާގެ އެހީއަކަށް އެދޭ ކަމަށެވެ.

މި ކަންކަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށް ސައްޙަ ކަމަށް ދައްކާ ފޮޓޯއާއި ވީޑިއޯ އަދި ވޮއިސް މެސެޖް ހެދުމުގެ ފެންވަރު މި މީހުންގެ ކިބައިގައި ހުންނަ ކަމަށް ފުލުހުންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މި ކަމުން ރައްކާތެރިވުމަށް ތިން ކަމެއް ކުރުމަށް އެދިފައިވެއެވެ. ފުރަތަމައީ، އޮންލައިންކޮށް ދިމާވި ފަރާތެއް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތަށް އެދޭ ހާލަތެއްގައި ކިތަންމެ ރަނގަޅަށް ދަންނަ ކަމުގެ އިހުސާސެއް ކުރެވުނަސް ހުއްޓި ވިސްނާލުމެވެ. ދެވަނައީ، ފައިސާ ފޮނުވުމުގެ ކުރިން ނުވަތަ ޒާތީ ތަފްސީލް ހިއްސާކުރުމުގެ ކުރިން ވާހަކަ ދައްކާ ފަރާތުގެ އަސްލު ޔަގީންކުރުމެވެ. ތިންވަނައީ، ސްކޭމެއް ކަމަށް ޝައްކުވާ ނަމަ ލަސްނުކޮށް ފުލުހަށް ރިޕޯޓުކުރުމެވެ.

ކޮންމެ ހާލަތެއްގައި ވެސް ވިސްނައި، ޔަގީންކޮށް، ސައްޙަކަން ކަށަވަރުކުރުމަށް ފަހު ނޫނީ ފިޔަވަޅު ނޭޅުމަށް މި އިންޒާރުގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް