ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި

15 Nov 2026 | 13:14
އަބްދުﷲ ޝާހިދު -- ފޮޓޯ: ދުވަސް

އަބްދުﷲ ޝާހިދު -- ފޮޓޯ: ދުވަސް

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދާ މެދު ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު މެންދުރުފަހަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފިއެވެ.

މި މަހު ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ޢެވެ. އެ މައްސަލައިގަ ޝާހިދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.

Advertisement

އެ ނިންމުން އިސްތިއުނާފުކުރިތާ ގާތްގަނޑަކަށް ހަފުތާއެއް ފަހުން އަޑުއެހުން ތާވަލުކުރި ނަމަވެސް، ކެންސަލްކުރި ސަބަބެއް ހައި ކޯޓުން ހާމައެއް ނުކުރެއެވެ. ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ މައްސަލަތައް ޢާންމު ގޮތެއްގައި ކުރިއަށް ގެންދަނީ ސިއްރުކޮށެވެ.

ހައި ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި މައްސަލައިގެ ބެންޗުގައި ތިއްބެވީ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު އިސްމާޢީލް ޝަފީޢު އާއި ފަނޑިޔާރު ފާޠިމަތު ފަރުހީޒާއެވެ. ޖަމީލް އާއި ޝަފީޢު ހައި ކޯޓަށް ޢައްޔަންކޮށްފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުންނެވެ.

ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ޝާހިދު ވަނީ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. ޝާހިދު ވިދާޅުވީ "މިއީ ސިޔާސީ ބޭނުމެއްގައި އޭނާގެ އަބުރު ކަތިލުމަށްޓަކައި ފަތުރަމުންދާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް" ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި ސިޔާސީ އެއްވެސް މަޤުޞަދެއް ނޯންނާނެ ކަމަށެވެ.

އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ 64 އަހަރުގެ ޝާހިދުގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައި ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ޝާހިދު ފައްޓަވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް