މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) ގެ ހަތް ވަނަ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހު ޝީ ބިލްޑިންގުގެ ބުރުޒު ހޯލުގައި ބާއްވައި، ކުރިއަށް އޮތް ދެ އަހަރަށް ޖަމިއްޔާ ހިންގާނެ އާ އެގްޒެކެޓިވް ކޮމިޓީއެއް އިންތިހާބުކޮށްފިއެވެ.
މި ޖަލްސާގައި ޖަމިއްޔާގެ މެންބަރުންނާއި ހިންގާ ކޮމިޓީއާއި އެޑްވައިޒަރީ ކޮމިޓީގެ އިތުރުން ޖަމިއްޔާއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ. ނޮވެމްބަރު 2026 އިން އޮކްޓޫބަރު 2028 ގެ ނިޔަލަށް ޖަމިއްޔާ ހިންގާނެ އާ ކޮމިޓީ އިންތިހާބުކުރީ މިނިވަން އޮޑިޓް ޓީމެއްގެ ބެލުމުގެ ދަށުންނެވެ. އެ ޓީމުގައި އިންތިހާބު ޗެއާ ރީމާ ރަޝީދާއި ހަސަން އަކްރަމް މުހައްމަދު ހިމެނިވަޑައިގެންނެވިއެވެ.

އާ ކޮމިޓީގެ ރައީސަކަށް އަލީ އާދަމް އިންތިހާބުވެފައިވާއިރު، ނައިބު ރައީސުންނަށް ހޮވުނީ ހުސައިން އަފީފް (ގްރޯތު) އާއި އާއިޝަތު ނިހާ (މެންބަރޝިޕް) އެވެ. ޖެނެރަލް ސެކެޓރީގެ މަގާމު ކުރީގެ ރައީސް އަހްމަދު އިބްރާހީމަށް ލިބިފައިވާއިރު، ސެކެޓރީއަކަށް ފާތިމަތު އުނައިފަތު އަހްމަދު އަދި ޓްރެޝަރާއަކަށް އިބްރާހީމް ޝަރީފު ހޮވިފައިވެއެވެ. ހިންގާ ކޮމިޓީގެ އެހެން މެންބަރުންގެ ގޮތުގައި އާމިނަތު ޝަޒްނީ، އަޒްހާ ޒަމީރު، އާއިޝަތު ޝިފާޒާ، އާއިޝަތު ޝަރީފު އަދި ހުސައިން ޝުއާޒް ހިމެނެއެވެ.

ޖަލްސާ ފެށީ ކުރީގެ ރައީސް އަހްމަދު އިބްރާހީމުގެ އެޗްއާރު ދާއިރާގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ތަގުރީރަކުންނެވެ. އޭނާ ވަނީ 2024/2026 ގައި ހާސިލުކުރި ކާމިޔާބީތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އެޗްއާރު ސްޓޭންޑަޑަށް ތައްޔާރުކުރި ކޮމްޕީޓެންސީ ފްރޭމްވޯކާއި، އިލްމު ހިއްސާކުރުމުގެ ސެޝަންތައް އަތޮޅުތެރޭގައި ކުރިއަށް ގެންދިޔަ ކަން ފާހަގަކޮށްފައިވެއެވެ. މެންބަރޝިޕް އެންޑް ގްރޯތުގެ ނައިބު ރައީސް ހުސައިން އަފީފް ވަނީ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ހުށަހަޅައިފައެވެ. އަދި ޖަލްސާގައި ލެރީސާ މާމަން ވަނީ އެޖެންޓިކް އޭއައި އާއި އެޗްއާރުގެ މުސްތަގުބަލާ ގުޅޭ ގޮތުން ހާއްސަ ތަގުރީރެއް ދީފައެވެ.
އާ ރައީސް އަލީ އާދަމް ނިންމުމުގެ ތަގުރީރުގައި، ރާއްޖޭގެ އެޗްއާރު ދާއިރާ ކުރިއެރުވުމުގައި ހުރި ގޮންޖެހުންތަކަށް އަމަލީ ހައްލު ހޯދުމަށް ޖަމިއްޔާ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ. މަސައްކަތުގެ މާހައުލުގެ ފެންވަރު ރަނގަޅުކުރުމުގައި ރާއްޖެ ނަމޫނާ ގައުމަކަށް ހެދުމަށް ހުރިހާ ފަރާތެއްގެ އެއްބާރުލުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
އެމްއޭއެޗްއާރުޕީގެ އެގްޒެކެޓިވް ކޮމިޓީ ހިންގާނީ ދެ އަހަރުގެ ދައުރެއްގެ އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް