މަސްތުވާތަކެއްޗާއި އެއްކު ހައްޔަރު ކުރި މީހުން -- ފޮޓޯ: ލަންކާ ނޭވީ
ރާއްޖޭގެ އިރުއުތުރުން ސްރީ ލަންކާގެ ދެކުނު ކަނޑުގެ ސަރަހައްދުން ދަތުރުކުރި މަސްބޯޓެއް، 101 ކިލޯގެ މަސްތުވާތަކެއްޗާ އެކު ލަންކާގެ ކަނޑުގެ ސިފައިން އިއްޔެ އަތުލައިގެންފިއެވެ.
ދިގު މުއްދަތުގެ މަސްވެރިކަމަށް ތައްޔާރުކޮށްފައި އޮތް އެ އުޅަނދުގައި ފަސް މީހަކު ތިބި ކަމަށް ލަންކާގެ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެ ބޯޓު ހިފެހެއްޓުމަށް ފަހު އިއްޔެ ހެނދުނު ވަނީ ލަންކާގެ ގޯލް ބަނދަރަށް ގެންގޮސްފައިވެއެވެ.
ލަންކާ ކަނޑުގެ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ފުރަތަމަ ބެލިބެލުމުން އެ ބޯޓުގައި ހަ ބަސްތާގައި ބަންދުކޮށްފައި ހުރީ 101 ކިލޯގެ ހެރޮއިންއާއި 870 ގްރާމްގެ މެތަމްފެޓަމައިން (އައިސް) ކަމަށް ލަފާ ކުރެވުނު ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ގޯލް ބަނދަރުގައި ތަފުސީލީ ތަހުލީލެއް ހެދުމުން، އެ ތަކެތީގެ ތެރޭގައި 58 ކިލޯގެ ކޮކެއިންއާއި 43 ކިލޯގެ ހެރޮއިންއާއި 134 ގްރާމްގެ މެތަމްފެޓަމައިން ހިމެނޭ ކަން ކަށަވަރުވި ކަމަށް ލަންކާގެ ކަނޑުގެ ސިފައިން ބުނެފައިވެއެވެ.
އެ ތަކެތީގެ މަގުމަތީ އަގު ލަންކާ ރުފިޔާއިން 1.5 ބިލިއަނަށް އަރައެވެ.
އެ ބޯޓު ބަލައި ފާސްކުރި އޮޕަރޭޝަންގައި ލަންކާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) އަރޫނާ ޖަޔަސޭކަރައާއި ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވައިސް އެޑްމިރަލް ޑަމިއަން ފެނާންޑޯ އަދި އެހެން އިސް އޮފިސަރުން ބައިވެރިވިއެވެ. ބޯޓާއި ފަސް މީހުން މިހާރު ވަނީ ލަންކާ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއާ ހަވާލުކޮށްފައެވެ.
މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް "އަ ނޭޝަން ޔުނައިޓެޑް" ގެ ނަމުގައި ލަންކާ ސަރުކާރުން ހިންގާ ޚާއްޞަ ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އެ ކެމްޕެއިން ކުރިއަށް ގެންދަނީ ޤާނޫނު ތަންފީޒުކުރާ ހުރިހާ އިދާރާތައް ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް