މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ފިޓް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު ޣައިރު ހާޒިރުގައި ޖަހައިފި އެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
އެ މީހާގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި، ވިޔަފާރިކުރުމާއި ޓްރެފިކްކުރާ ކަމަށެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ އެމީހާއަށް ފިޓް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތީ ކޯޓަށް ހާޒިރުކުރެވެން ނެތް ކަމަށެވެ. އެކަން ސާބިތުކުރާ ހޮސްޕިޓަލުގެ ލިޔެކިޔުން ވެސް ކޯޓަށް ހުށަހެޅިއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ތުހުމަތަށް ބާރު ލިބޭ ހެކީގެ ގޮތުގައި ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓަކާއި، ސީންއަށް ދިޔަ ފުލުހެއްގެ ބަޔާނާއި، އެ މީހާގެ ކުރީގެ ހައްޔަރާއި ބަންދުގެ ރެކޯޑެވެ. މި ހެކިތައް ބަލައި، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ކޯޓުން ނިންމީއެވެ.
ނަމަވެސް، ޣައިރު ހާޒިރުގައި ބަންދުގެ މުއްދަތު ޖެހުމުން އެ މީހާ ފަނޑިޔާރުންގެ ކުރިމައްޗަށް ގެނެވޭ ހާލަތަކަށް ބަދަލުވާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށް ކޯޓުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ބަންދު އަމުރުން އެނގެއެވެ.
އެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް