ހަންގޭރީގެ ޖަންގައްޔެއްގެ ބިމު އަޑީގައި ފޮރުވާފައި ހުރި 19.5 މިލިއަން ޑޮލަރު ހޯދައިފި

15 Nov 2026 | 09:52
ޖަންގައްޔެއްގެ ބިމު އަޑީގައި ފޮރުވާފައި ހުރި 19.5 މިލިއަން ޑޮލަރު ފެނިފައިވޭ --

ޖަންގައްޔެއްގެ ބިމު އަޑީގައި ފޮރުވާފައި ހުރި 19.5 މިލިއަން ޑޮލަރު ފެނިފައިވޭ --

ހަންގޭރީގެ ކުރީގެ ބޮޑުވަޒީރު ވިކްޓޯ އޯބާންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅަކާ ގުޅުންހުރި ކޮރަޕްޝަން ތަޙުޤީޤެއްގެ ތެރެއިން އެ ގައުމުގެ އެކި ހިސާބުތަކުން ފޮރުވާފައި ހުރި 19.5 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ ހޯދައިފިއެވެ.

ދައުލަތުގެ މުދާ ހޯދައި ރައްކާތެރިކުރުމަށް އެ ޤައުމުގައި އަލަށް ޤާއިމުކުރި އިދާރާއިން ހުކުރު ދުވަހު ނެރުނު ބަޔާނަކާއި ހަވަލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، ނޮވެމްބަރު 12 އަދި 13 ގައި ބުޑަޕެސްޓާއި ހަންގޭރީގެ އިތުރު ތިން ސަރަޙައްދެއް ބަލައި ފާސްކޮށްފައިވެއެވެ. ދަނޑުވެރިކަމުގެ ޢިމާރާތްތަކާއި ގުދަންތަކާއި ގެއެއްގެ އިތުރުން އެކަހެރި ތަނެއްގައި ބެހެއްޓި އަގުބޮޑު ތިޖޫރީއެއްގެ ތެރެއިންނާއި ޖަންގަލިތަކެއްގެ ބިމުގެ އަޑިން ހަންގޭރީ ފޮރިންޓާއި ޔޫރޯ އަދި އެމެރިކާ ޑޮލަރު ފެނިފައިވެއެވެ.

Advertisement

އެ އިދާރާއިން ވަނީ މި އޮޕަރޭޝަންތަކުގެ ވީޑީއޯވެސް އާންމުކޮށްފައި އެވެ. އަދި 12 މުވައްޒަފުންގެ ޓީމަކުން ފެނުނު ހުރިހާ ފައިސާއެއް ގުނާ ނިންމާފައިވާ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ބުނެފައި އެވެ.

މި ފައިސާ ފެނުނީ 2014 އިން 2018 އަށް ހަންގޭރީގެ ޑިވެލޮޕްމަންޓް މިނިސްޓަރުކަން ކުރި މިކްލޯޝް ސެސްތާކާ ގުޅޭ ކޮރަޕްޝަންގެ ތަޙުޤީޤެއްގެ ތެރެއިންނެވެ. ދައުލަތުގެ ދަތުރުފަތުރު ކުންފުންޏަކުން ބާ ބަސްތައް އަގުބޮޑުކޮށް ގަތުމާއި ސަރުކާރުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތަކާ ގުޅިގެން 37.2 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ރިޝްވަތު ނެގި ކަމުގެ ތުހުމަތު ސެސްތާކަށް ކުރެވެއެވެ. ސެޕްޓެމްބަރުގައި އޭނާ ހައްޔަރުކުރެވުނުއިރު، ކުށެއް ކުރިކަމަށް ސެސްތާކް ދެކޮޅު ހަދައެވެ.

ހަންގޭރީގެ މިހާރުގެ ބޮޑުވަޒީރު ޕީޓާ މެގިޔާ — ސެންޓަރ ރައިޓް، ޔޫރަޕާ ގާތް ޓީޒާ ޕާޓީ ނިސްބަތްވާ ވެރިޔާ — ހުކުރު ދުވަހު ފޭސްބުކްގައި ބުނީ މި ފައިސާ ހޯދުމަކީ އޭނާ ސިފަކުރާ "ފިޑެޒް-ކޭޑީއެންޕީ މާފިޔާ"ގެ ނިމުމުގެ ނިޝާނެއް ކަމަށެވެ. ފިޑެޒް އަކީ އޯބާންގެ ކަނާތު ފިޔައިގެ ޕާޓީ ކަމަށް ވާއިރު، ކޭޑީއެންޕީ ނުވަތަ ކްރިސްޓިއަން ޑެމޮކްރެޓިކް ޕީޕަލްސް ޕާޓީ އަކީ ސަރުކާރު ހިންގުމުގައި ބައިވެރިވި ކޮއެލިޝަން ޕާޓީއެވެ. އެޕްރީލްގައި ބޭއްވި އިންތިޚާބުގައި އޯބާންގެ 16 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ މެގިޔާގެ ޕާޓީންނެވެ.

ތަޙުޤީޤުތައް ބޭނުންކުރަނީ ސިޔާސީ ގޮތުން އޭނާ އެކަހެރިކުރަން ކަމަށް އޯބާން ކުރިން ތުހުމަތުކޮށްފައިވެއެވެ. ސެސްތާކުގެ އިތުރުން ކުރީ ސަރުކާރުގެ އެހެން ބައެއް މިނިސްޓަރުންނާއި ހަންގޭރީ ސެންޓްރަލް ބޭންކުގެ ކުރީގެ ގަވަރުނަރު ޖޯޖް މެޓޯލްޗީ ވެސް ވަކި ވަކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވެއެވެ. މެޓޯލްޗީގެ މައްޗަށް ތުހުމަތުކުރެވެނީ ސެންޓްރަލް ބޭންކުގެ ފައުންޑޭޝަނެއްގެ ދައުލަތީ މުދާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތެވެ. އޭނާ ވެސް ކުށެއް ކުރިކަމަށް ދެކޮޅު ހަދައެވެ.

ހަންގޭރީގެ ޚަބަރު ވެބްސައިޓް އެޗްވީޖީ އިން މި ހަފުތާގައި ޝާއިޢުކުރި ސާވޭއެއް ދައްކާ ގޮތުން، ބައިވެރިވި މީހުންގެ 70 އިންސައްތަ ދެކެނީ އޯބާންގެ ދައުރުގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަން ބެލުމާއި ޒިންމާ ނެގުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް