ދެން ދަގަނޑޭއަށް ވާނީ އާޝް!

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދައަށް ފިޔަޖަހާލި ތަރިއަކީ ޝައްކެއްނެތް ގޮތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ކޮންމެވެސް ދުވަހަކުން އަޝްފާގު ދަނޑުމަތިން ...

15 Nov 2015 | 18:25

ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދައަށް ފިޔަޖަހާލި ތަރިއަކީ ޝައްކެއްނެތް ގޮތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ކޮންމެވެސް ދުވަހަކުން އަޝްފާގު ދަނޑުމަތިން ނުފެނިދާނެ އެވެ. ދަގަނޑޭގެ ފުޓްބޯޅަ ކެރިޔަރު ނިންމާލާ ދުވަހު ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އިތުރު ދަގަނޑޭއެއް ބޭނުންވާނެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހު ހޮންކޮންގްއާ ދެކޮޅަށް ކުޅެ، 1-0 ލަނޑުން ރާއްޖެ ބަލިވި މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓްގެ ބޮޑު ކަންބޮޑުވުމެއް އޭނާ ނޫސްވެރިންނަށް ހިއްސާކުރި އެވެ. ހާބްޓް ބުނިގޮތުގައި އިތުރު ދަގަނޑޭއެއް އުފައްދަން ޖެހޭ ކަމެވެ.

އެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ހާބަޓް ބުނިގޮތުގައި، ކޮންމެވެސް ދުވަހަކުން ދަގަނޑޭ ކުޅުން ހުއްޓާލާނެ ކަމަށާއި އޭގެ ކުރިން އިތުރު ދަގަނޑޭއެއް ރާއްޖޭގެ ޓީމަށް ހޯދަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅޭ ދެ ކުޅުންތެރިޔަކު ރާއްޖެއިން ބޭރުގެ ކްލަބުތަކަށް މިހާރު ކުޅެމުންދެއެވެ. އެއީ މެލޭޝިއާގެ ޕޮލިސް ޑި ރާޖާއަށް ކުޅެމުންއަންނަ ކެޕްޓަން ދަގަނޑޭއާއި މުހައްމަދު އާރިފް (ބަކާ) އެވެ.

އެދުވަހު ހާބަޓް އުފެއްދި ސުވާލަކީ ދެން ދަގަނޑޭއަކަށް ވާނީ ކޮން ކުޅުންތެރިއެއް ؟ ފަހަރެއްގައި އެކުޅުންތެރިޔަކީ މިދިޔަ މަހު 16 އަހަރު ފުރުނު މިރާޝް އިމްތިޔާޒް (އާޝް) އަށް ވުމަކީ ގާތް ކަމެކެވެ. މިހާރު އާޝް ދަނީ ސްޕެއިންގެ ބާސެލޯނާގެ އެކަޑަމީގައި ތަމްރީންތައް ހަދަމުންނެވެ.

އެންމެ ފަހުން އާޝްގެ ހުނަރުތައް ގިނަ ބަޔަކަށް ފެނިގެންދިޔައީ ވޯލްޑް ސްޕޯޓް އެކެޑެމީގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯ 26000 އަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، 232 މީހުން އެ ވީޑިއޯ ޝެއާކޮށްފައިވެއެވެ. މިމަހުގެ 12 ވަނަ ދުވަހު ވޯލްޑް ސްޕޯޓް އެކެޑެމީގެ ފޭސްބުކް ޕޭޖްއަށް ޕޯސްޓްކުރި އެ ވީޑިއޯ 15000 އަށްވުރެ ގިނަ މީހުން ލައިކް ކޮށްފައިވެއެވެ.

Is he Neymar Jr.? No, he is our #Maldivian guy, Miraash! Amazing skills and nice #wow of Narcis ;) Posted by WOSPAC on Thursday, November 12, 2015

ރާއްޖޭގެ ނޭމާ ނުވަތަ ކުރިއަށްއޮތްތާ ރާއްޖޭގެ ގައުމީ ޓީމުގެ ދަގަނޑޭކަމަށް ބެލެވޭ އާޝްއަކީ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމުން ވިދާލި ހުނަރުވެރި ކުޅުންތެރިއެކެވެ. އާޝް ވަނީ މީގެ ކުރިން އެފްސީ ބާސެލޯނާގެ ޔޫތު ޓްރެއިނިން ކޭމްޕެއްގައި ބައިވެރިވެފައެވެ. އަދި އޭނާ ވަނީ ސިންގަޕޫރުގައި ހުންނަން މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީގައި ވެސް އަމިއްލަ ގޮތުން ތަމްރީންތައް ހަދައިފަ އެވެ.

2010 އަދި 2011 ވަނަ އަހަރުގެ އިންޓަސްކޫލް މުބާރާތުގައި މިރާޝްގެ ހުނަރުތައް އެންމެ ފެނުނުއިރު، އޭނާއަކީ އެ އުމުރުގެ އެހެން ކުދިންނާ ހިލާފަށް ނެއްޓުމާއި، ކޮށްޓުން އަދި ހަމަލާތައް އުފެއްދުމުގައި މޮޅު ކުޅުންތެރިއެއްކަން ފާހަގަކުރެވުނެވެ.

ކައިރި މުސްތަގުބަލެއްގައި އާޝްގެ ކުޅުން ގައުމީ ސީނިއާ ޓީމުން ފެނުމަކީ ގާތްކަމެކެވެ. ރާއްޖޭގެ ގައުމީ ޓީމަށް ބޭނުންވަނީ އާޝް ފަދަ މޮޅެތި ހުނަރުތަކެއް ހުރި ކުޅުންތެރިންނެވެ. ދަގަނޑޭ ފަދަ ހުނަރުތަކެއް ހުރި ގިނަ ކުޅުންތެރިންތަކެއް ބޭނުންވެއެވެ. ގައުމީ ޓީމާ މިހާރު ހަވާލުވެ ހުރި ކޯޗު ހާބަޓް ވެސް މިހާރު ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް