ހޮޅުދޫގައި އުމުރުން ދުވަސްވީ މީހެއްގެ މެޔަށް ވަޅި ހަރައިފި

ނ.ހޮޅުދޫގައި އުމުރުން 71 އަހަރުގެ މީހެއްގެ މެޔަށް ވަޅި ހަރައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް މާޔިޒް މުހައްމަދު ވިދާޅުވީ ވަޅި ހެރުމުގެ ސަބަބުން ޒަހަމްވެފައިވަނީ ކުރިން...

15 Nov 2015 | 16:51

ނ.ހޮޅުދޫގައި އުމުރުން 71 އަހަރުގެ މީހެއްގެ މެޔަށް ވަޅި ހަރައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް ރައީސް މާޔިޒް މުހައްމަދު ވިދާޅުވީ ވަޅި ހެރުމުގެ ސަބަބުން ޒަހަމްވެފައިވަނީ ކުރިން އެރަށު ކުޑަކަތީބުކަން ކުރި އުމުރުން 71 އަހަރުގެ މީހެއް ކަމަށާއި އެމީހާއަށް ފަރުވާ ދިނުމަށް އެ އަތޮޅު މަނަދޫ ހޮސްޕިޓަލަށް ފޮނުވާލާފައި ވާކަމަށެވެ.

"މެޔަށް ވަޅި އަމާޒު ކޮށްފައި ހުރީ ފުންމިން ސީދާ ދަންނަވާކަށް ނޭނގެ، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ވަޅިން ހަމަލާ ދިނީ ޒުވާނެއް ކަމަށާއި އެ ޒުވާނާ މިހާރު ވަނީ ހައްޔަރުވެސް ކޮށްފައި ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނ.ހޮޅުދޫގައި އުމުރުން ދުވަސްވީ މީހެއްގެ ގަޔަށް ވަޅި ހެރި މައްސަލައިގާ 7:40 ހާއިރު ޒުވާނަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ނ.މަނަދޫ ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ މީގެ ފަސް ވަރަކަށް ހޮޅުދޫގައި ވަޅިން ހަމަލާދީފައިވާ އުމުރުން ދުވަސްވީ މީހަކު ހޮސްޕިޓަލަށް ގެނައުމުން ފަރުވާ ދޭން ފަށާފައި ވާކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ހާމަކުރެވޭނީ ޑޮކްޓަރުން ބެލައި ނިމުމުން ކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް