ސޯޝަލް ވޯކަރުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ޖެންޑާ މިނިސްޓްރީން ތަމްރީނު ޕްރޮގްރާމެއް ފަށައިފި

ސޯޝަލް ވަރކަރުންގެ މަސައްކަތުގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމުގެ މަޤްސަދުގައި، "ޓްރެއިނިންގް ޕްރޮގްރާމް އޮން ކެޕޭސިޓީ ބިލްޑިންގް އޮފް ސޯޝަލް ވަރކަރސް" ގެ ނަމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރ...

15 Nov 2015 | 08:01

ސޯޝަލް ވަރކަރުންގެ މަސައްކަތުގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދިނުމުގެ މަޤްސަދުގައި، "ޓްރެއިނިންގް ޕްރޮގްރާމް އޮން ކެޕޭސިޓީ ބިލްޑިންގް އޮފް ސޯޝަލް ވަރކަރސް" ގެ ނަމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ ފަރާތުން މިއަދު ފަށައިފިއެވެ.

ޖެންޑާއިން ބުނީ މިމަހުގެ 15-19 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަކީ ޔުނިސެފްގެ އެހީއާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޖުމްލަ 28 ބައިވެރިންނާއެކު މާލޭގައި މިއަދު ފެށި މި ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި މަސައްކަތްކުރައްވާ ސޯޝަލް ވަރކަރުންގެ އިތުރުން، އަތޮޅު ތެރޭގައި ޤާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުންނާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓުން މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ޖެންޑާއިން ބުނެ އެވެ.

ޓްރެނިންގ ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ޢަޒްރާ އަޙުމަދު ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ފަރާތްތަކަކަށް މި ޓްރެއިނިންގގެ ފަރާތުން އެކަށީގެންވާ މަޢުލޫމާތުތަކެއްލިބި ފައިދާތަކެއް ކުރާނެއެވެ. އަދި ޢަމަލީގޮތުން އޭގެ ބޭނުން ހިއްޕެވުމަށް އިލްތިމާސް ކުރެއްވިއެވެ.

މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ތަމްރީން ދިނުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން، ކުދިންގެ އުޅުން ތަފާތުވެގެން ހުށަހެޅޭ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ނަތީޖާ ޙާސިލްކުރުމަށްޓަކައި ސޯޝަލް ވަރކަރުން ޢަމަލުކުރަންވީ ގޮތްތަކާ ގުޅޭގޮތުން ކަމަށް ޖެންޑާއިން މައުލޫމާތު ދެ އެވެ.

ޖެންޑާ އިން އިތުރަށް ބުނީ މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކަމާ ގުޅުންހުރި ދާއިރާތަކުން މަތީ ތައުލީމް ޙާޞިލްކުރައްވައިގެން ތިއްބެވި ރާއްޖޭގެ ބޭފުޅުން ކަމަށެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މިފަދަ ދެ ޕްރޮގްރާމެއް މިއަހަރުގެ ކުރީކޮޅުވެސް ވަނީ ސައިވަރކްގެ އެހީއާއެކު  ރާވައި ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް