ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަރޝިޕެއް ތަރައްގީކުރުމުގެ ނަތީޖާކަމުގައި ސީއީއޯ އަދި އެމްޑީ ވިދާޅުވި -
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ސިންގަޕޯރ މެނޭޖްމަންޓް
ޔުނިވަރސިޓީގެ (އެސްއެމްޔޫ) ފަޚުރުވެރި ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް
ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފިއެވެ.
ބޭންކުގެ ވިހި މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް
ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ. 18
މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް
ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް
ހިމަނައިގެންނެވެ. މިއީ މުވައްޒަފުންނަށް ބޭންކިންގ ދާއިރާގެ އަމަލީ މައިދާނުގައި ލީޑަރޝިޕްގެ
މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، ބޭންކުގެ އިތުރު ވިހި މުވައްޒަފުން ވަނީ ބީއެމްއެލް
އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު
ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ.

މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ
ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް
ވިދާޅުވީ، މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ
ބޭންކުގެ އެންމެ އަގުހުރި އެސެޓްކަމުގައި
ދެކޭ ކަމުގެ ރަމްޒެއް ކަމަށާއި، އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނަރޝިޕަކީ
ބަދަލުވަމުންދާ މާރކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑަރޝިޕް
ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަރޝިޕެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ
ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަރޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ."
ޝަރީފް ވިދާޅުވިއެވެ.

ބޭންކުން ބުނެފައިވާގޮތުގައި ބީއެމްއެލް އެކަޑަމީއަކީ މި
ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީއިން ބޭންކުގެ މުވައްޒަފުންގެ
ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި،
ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެއެވެ. މުވައްޒަފުންގެ
ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ މި މުހިންމު މަސައްކަތް ބައިނަލްއަގުވާމީ
އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔަރ
ބްރޭންޑިންގ އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔަރ
ބްރޭންޑް އެވޯޑް" ބީއެމްއެލްއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް