ސޮފްވާން އަހުމަދު - ފޮޓޯ: މިހާރު ނޫސް / އަލީ ނިޝާން
ވޮލީބޯޅައިގެ ޤައުމީ އަންހެން ޓީމުގެ ހެޑް ކޯޗު އަހްމަދު
ސޮފްވާން ފަސް އަހަރަށް ބޮޑު ސަސްޕެންޝަނަކުން ސަސްޕެންޑު ކުރުމަށް ވޮލީބޯލް އެސޯސިއޭޝަންގެ
އެގްޒެކެޓިވް ކޮމިޓީން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ އެސޯސިއޭޝަނުން ނެރެފައިވާ
ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސަމާލުކަމަށް
އައިސްފައިވާ މައްސަލައެއް ބެލުމަށް އެކުލަވާލެވުނު އެޑްހޮކް ކޮމިޝަނުގެ ރިޕޯޓު، މިއަދު
ބޭއްވުނު މި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ 2025/7 ވަނަ ބައްދަލުވުމަށް ހުށަހެޅި،
އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް،
އެގްޒެކެޓިވް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.
އެ ފިޔަވަޅުތަކަކީ
01. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހެޑް ކޯޗުގެ
މަޤާމުން ތުހުމަތު ކުރެވޭ ފަރާތް ވަކި ކުރުމަށާއި، އެފަދަ މަޤާމަކަށް، ކުރިއަށް އޮތް
ފަސް އަހަރު ތެރޭގައި އޭނާ އައްޔަން ނުކުރުން.
02. ވޮލީވޯލް އެސޯސިއޭޝަން އޮފް މޯލްޑިވް އިން އިންތިޒާމްކުރާ
އެއްވެސް މުބާރާތެއްގައި، އޮފިޝަލެއްގެ ގޮތުގައި ނުވަތަ، އެނޫންވެސް ހައިސިއްޔަތަކުން
ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް މަސައްކަްތ ނުކުރެވޭނެގޮތަށް ހަމަޖެއްސުން.
03. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރެފްރީން ފޮނުވައިގެން،
ރެފްރީކަންކުރާ އެއްވެސް މުބާރާތެއްގައި އޮފިޝަލެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން
ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް މަސައްކަތް ނުކުރެވޭގޮތަށް ހަމަޖެއްސުން.
04. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޒްޒެކެޓިވް
ކޮމިޓީގެ މެންބަރުކަމުން އޭޏާ ވަކިކުރުމަށް، ކޮންގްރެސްއަށް ހުށަހެޅުމަށާއި، އަދި ކުރިއަށް
އޮތް ފަސް އަހަރަށް، ވޮލީނޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ މަޤާމަކަށް
ނުވަތަ އައްޔަންކުރާ މަޤާމަކަށް އޭނާ ހަމަނުޖެއްސުން.
އޭގެ އިތުރުންވެސް މީގެ އިތުރުން ބައެއް ކަންކަން ކުރުމަށްވެސް،
އެޑްހޮކް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާތީ، އެކަންތައްތައް ކުރުމަށްވެސް،
އެގްޒެކެޓިވް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ބުނެފައިވެއެވެ.
އިތުރަށް ނިންމި ކަންކަން
- ޤައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން ހޮވާ އުސޫލު އިތުރަށް
ހަރުދަނާކޮށް، އެ އުސޫލުގެ ތެރެއިން ނޫންގޮތަކަށް ޤައުމީ ޓީމުގެ ސްކޮޑަށް ކުޅުންތެރިން
ނުހޮވުން.
- ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުލޫކީ
މިންގަނޑު އިތުރަށް މުރާޖަޢާކޮށް، އެ މިންގަނޑު ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލންނަށް
އަންގާފައި ބޭއްވުން.
- ޤައުމީ ޓީމުގެ ކުޅުންތެރިން އަދި އޮފިޝަލުންގެ މެދުގައި
ހިނގާފާނެ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް ރިޕޯޓުކުރާނެ އުސޫލެއް ޤާއިމުކޮށް އެކަން
ކުޅުންތެރީންނާއި އޮފިޝަލުންނަށް އެނގޭނެގޮތެއް ހެދުން.
- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ތަފާތު ގުނަވަންތަކުގައި
މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ހިނގާފާނެ ޖިންސީ ފުރައްސާރައިގެ ޢަމަލުތައް،
ރިޕޯޓުކުރާނެ، އުސޫލެއް ޤާއިމުކޮށް އެކަން އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އެނގޭނެގޮތް
ހެދުން.
- އެޑްހޮކް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކީ، ސީރިއަސް
މައްސަލައަކަށްވާތީ، އެ ބާވަތުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ އިހްތިސާސް އޮތް ފަރާތަކަށް
އެންގުން
- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު
(ވަރޝަން 2023) ގެ 48 ވަނަ މާއްދާގެ (ބ) ގައި "ޖިންސީ ފުރައްސާރައިގެ އެއްވެސް
ޢަމަލެއް ހިންގުން ނުވަތަ، އެފަދަ ޢަމަލަކަށް ހިތްވަރުދިނުން" އެއީ އެސޯސިއޭޝަނުގެ
މެންބަރުންގެ މައްޗަށް މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވާތީ، ވޮލީބޯލް އެސޯސިއޭޝަން
އޮފް މޯލްޑިވްސްގެ މެންބަރުންގެ ތެރޭގައި ހިމެނޭ އެއްވެސް ކްލަބެއްގެ ހިންގާ ކޮމިޓީގައި
ތުހުމަތު ކުރެވުނު ފަރާތް ހިމެނިފައިވާނަމަ، އެ ކުލަބެއްގެ ހިންގާ ކޮމިޓީން އެފަރާތް
ވަކިކުރުމަށް އެ ކުލަބަށް އެންގުމާއި އަދި ތުހުމަތު ކުރެވުނު ފަރާތް އެ ކުލަބެއްގެ
ހިންގާ ކޮމިޓީއިން ވަކިކުރިކަން ކޮމިޝަނަރ އޮފް ސްޕޮޓްސްގެ ފަރާތުން ކަށަވަރުކުރުން.
އަދި އެކަން ކަށަވަރު ކުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން
ހިންގާ އެއްވެސް ޙަރަކާތެއްގައި އެ މެންބަރު ކްލަބު ބައިވެރި ނުކުރުން.
ސޮފްވާނަށް ކުރާ ތުހުމަތަކީ ކޮބައިކަން އެސޯސިއޭޝަނަކުން
ނުއެއް ބުނެއެވެ. އެހެންނަމަވެސް އެނގިފައިވާގޮތުގައި އޭނާގެ މައްޗަށް ކުރަނީ ޖިންސީ
ގޯނާ/ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް