މާލެ ވިޔަފާރި ބަނދަރުގެ މަންޒަރެއް - ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
(އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ދެ ކޮންޓޭނަރު ގެއްލުނު މައްސަލައާއި
ގުޅިގެން މިހާތަނަށް ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާކަމަށް އެ ކުންފުނިން
ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ މިކަމާއި
ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެމްޕީއެލްއިން
ބުނެފައިވަނީ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުން އެ ދެ ކޮންޓޭނަރު ގެއްލުނުކަން
އެނގުނު ވަގުތުން ފެށިގެން އެތެރޭގެ ތަޙްޤީޤެއް ފެށި ކަމަށެވެ.
"މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް
ރިޢާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ފަސް މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައި، އަދި އިތުރު
މުވައްޒަފަކު 15 އޮކްޓޯބަރުން ފެށިގެން ވާނީ ސަސްޕެންޑްކޮށްފައި"
އެމްޕީއެލްއިން ބުނެފައިވެއެވެ.
ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް
ދެނެގަތުމަށް ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން
މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް
ކުރިއަށް ގެންދަމުންކަމުގައި އެމްޕީއެލްއިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ މިއީ ވަރަށް ސީރިއަސް
މައްސަލައަކަށްވާތީ، އެ ކުންފުނީގެ ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ
ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށް ކަމަށާއި މި މައްސަލައިގައި އެންމެ ފުރަތަމަ
ދުވަހުން ފެށިގެން ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން
އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުން ތަހުޤީޤަށް ފުރިހަމަ
އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް
ބުނެފައިވެއެވެ.
"މި ކުންފުނިން ބަލަހައްޓަމުންދާ
ޕޯޓްތަކުގެ ސެކިއުރިޓީ ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ
ސެކިއުރިޓީ (އައި.އެސް.ޕީ.އެސް) ކޯޑްގައި ކަނޑައަޅާފައިވާ މިންގަނޑުގެ ތެރެއިން، އަދި މި ޕޯޓަކީ
ދާއިމީކޮށް އައި.އެސް.ޕީ.އެސް އޮޑިޓް ހެދި، އެ މިންގަނޑަށް ފެތޭ ނިޒާމެއްގެ
ތެރެއިން ބަލަހައްޓަމުންދާ ޕޯޓެއް" އެމްޕީއެލްއިން ބުނެފައިވެއެވެ.
އެމްޕީއެލްއިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން
އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ
އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ
މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ފަށާފައިވާކަމަށާއި އެގޮތުން މިފަދަ ކަމެއް
ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް
ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް
ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައްވެސް
މިހާރު ފަށާފައިވާނެކަމަށެވެ.
"މޯލްޑިވްސް
ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާ މުދާ، ބަނދަރުގައި ބެހެއްޓުމުގައި މިހާރު
ޢަމަލުކުރަމުންދާ ޢުސޫލުތަކާއި ފިޔަވަޅުތައް ހަރުދަނާކުރުމަށް އެ މުޢައްސަސާއެކު
މި ދަނީ މަސައްކަތްކުރަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި އެންމެ މުހިންމު
ކަމެއްގެ ގޮތުގައި ނިންމާފައިވަނީ ކަސްޓަމްސްގެ ބޭނުމަށް ހިފަހައްޓާ މުދާ
ބެލެހެއްޓުމަށް ބަނދަރުގައި ވަކި ސަރަހައްދެއް ކަނޑަޅައި، ސަލާމަތީ ފިޔަވަޅުތައް
ވަރުގަދަކުރުމެވެ.
އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ މިކަމުގައި ޝާމިލްވާ
އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް މި ކުންފުނިން ފަސްނުޖެހޭނެ ކަމަށާއި
އަދި
ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ
ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް
ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. ކުންފުނީގެ އެންމެ ބޮޑު
އަމާޒަކީ މި ކުންފުންޏާމެދު ވިޔަފާރިތަކާއި އާންމު ރައްޔިތުންގެ މެދުގައި އޮތް
އިތުބާރު ދެމެހެއްޓުން ކަމުގައިވެސް އެމްޕީއެލްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް