ފޮރިން މިނިސްޓަރު ތައިލެންޑަށް ވަޑައިގެންފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފިއެވެ. މިދަތުރުފުޅަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައް...

15 Oct 2019 | 10:04

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ތައިލެންޑަށް ވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ ތައިލެންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަސް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓަރު ޝާހިދު ތައިލެންޑަށް ކުރައްވާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނުތާ 40 އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށް މިނިސްޓަރު ޝާހިދު ތައިލެންޑަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ތައިލެންޑްގެ ފޮރިން މިނިސްޓަރާއިއެކު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވާނެއެވެ. ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ގާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލުއިފަސޭތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ އެކި އުފެއްދުންތައް ތައިލެންޑްގެ ބާޒާރަށް ނެރެ މާކެޓްކުރުމާއި، ދެގައުމުގެ ވިޔަފާރިވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި ތައިލެންޑަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަމުގެ ޔަގީންކަން މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅުގައި ތައިލެންޑް ސަރުކާރަށް އަރުވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް