އިންކަމް ޓެކްސްގެ ބިލް މަޖިލީހަށް ހުށަހަޅައިފި

އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގ...

15 Oct 2019 | 06:30

އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ހުށަހަޅާފައިވަނީ ޕްރޮގްރެސިވް ޓެކްސްގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށް ކަމަށެވެ. އެއީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އެގޮތަށް ހުށަހެޅި ނަމަވެސް 40،000 ރުފިޔާއާ ހަމައަށް އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކުހެއް ނުނަގާނެއެވެ. ނަމަވެސް 40،000އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 8 ޕަސެންޓު ނަގާނެއެވެ. އަދި 60،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކުގެ އަތުން އާމްދަނީގެ 10 ޕަސެންޓު ނަގާއިރު 100،000 ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ކޮންމެ ފަރާތެއްގެ އަތުން އާމްދަނީގެ 15 ޕަސެންޓު ޓެކުހުގެ ގޮތުގައި ނަގާނެއެވެ.

ސަރުކާރުން ޕްރޮގްރެސިވް ޓެކްސްއެއް ނެގުމަށް ހުށަހެޅި ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހުށަހަޅާފައި ވަނީ ރާއްޖޭގައި ޑުއަލް ޓެކުހުގެ ނިޒާމު ތައާރަފު ކުރުމަށެވެ. އަދި އާމްދަނީ 10،833 ރުފިޔާއަށްވުރެ މަތިން ލިބޭ ކަމަށް ވާނަމަ އިންކަމް ޓެކްސް ނެގުމަށް އެ އިދާރާއިން ލަފާ ދިން ނަމަވެސް ސަރުކާރުން ޕްރޮގްރެސިވް ޓެކުހެއް ތައާރަފު ކުރުމަށް ނިންމީ ރާއްޖޭގެ އިގްތިސޯދަށް ބެލުމަށްފަހު ކަމަށްވެސް ފިނޭންސުން ބުންޏެވެ.

އަންނަ އަހަރުގެ ތެރޭގައި އިންކަމް ޓެކްސް ނެގެން ފެށޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި އަހަރެއްގެ މައްޗަށް ދައުލަތަށް 600 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް