މާނިއު ކަސްޓަމްސްގެ ވެރިޔާގެ މަގާމަށް އައްޔަންކުރި އިރުގެ ފޮޓޯއެއް - ފޮޓޯ: ރައީސް އޮފީސް
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގެ ދަށުން މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ގާއިމުކުރި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޯބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އައްޔަންކޮށްފިއެވެ.
މިދިޔަ ހަފުތާގައި އެ މަގާމާ ހަވާލުވެވަޑައިގެންނެވިކަން މާނިއު ވަނީ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދެއްވައިފައެވެ.
މާލެއާއި ހުޅުމާލޭގެ ޓްރެފިކް ކަންކަމާ ހާއްސަކޮށް ހަވާލުވާ މި އޮފީހަކީ މިދިޔަ މަހު ތަސްދީގުކުރި އެއްގަމު ދަތުރުފަތުރުގެ ގާނޫނުން އުފެއްދުން ލާޒިމުކުރާ އިދާރާއެކެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް އުފެއްދި މި އޮފީސް ހިނގާނީ ޓްރާންސްޕޯޓް ވުޒާރާގެ ދަށުންނެވެ.
މާނިއުއަކީ މި ސަރުކާރު ވެރިކަމާ ހަވާލުވުމާ އެކު ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ފުރަތަމަ އައްޔަންކުރެއްވި ބޭފުޅެކެވެ. އެ މަގާމުން ވަކިކުރެއްވުމަށް ފަހު ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރެއްވި ނަމަވެސް ފަހުން އެ މަގާމުންވެސް މާނިއު ވަނީ އިސްތިއުފާ ދެއްވައިފައެވެ.
އެ ގާނޫނު ތަސްދީގުކުރެއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދަށް ހާއްސަކޮށް އުފައްދާ އޮފީހަކީ "ވަރަށް ގިނަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބާރުތަކެއް ލިބޭނެ އޮފީހެއް" ކަމަށާއި "ވަރަށް ގިނަ އަހަރުތަކެއްގެ ތަޖުރިބާއިން ނިންމެވި ނިންމެވުމެއް" ކަމަށެވެ.
މި އޮފީހުގެ މަސައްކަތް ކުރިއަށް ގެންދާނީ ޓްރާންސްޕޯޓް ވުޒާރާގެ ބެލުމުގެ ދަށުން ގާނޫނުގައި ބަޔާންކޮށްފައިވާ ތިން އަހަރުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް