އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ޝަމްހީދު ވިދާޅުވެއްޖެ

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. ޝަމްހީދު މިކަން ހާމަކުރެ...

15 Sep 2026 | 06:27
އަވަސް އިން ގެނެސްދިން "ޝަމްހީދާއެކު" ޕްރޮގްރާމްގައި ޕްރެޒެންޓަރ މޫސާ ވަސީމާއެކު ޑރ. ޝަމްހީދު - ފޮޓޯ: އަވަސް

އަވަސް އިން ގެނެސްދިން "ޝަމްހީދާއެކު" ޕްރޮގްރާމްގައި ޕްރެޒެންޓަރ މޫސާ ވަސީމާއެކު ޑރ. ޝަމްހީދު - ފޮޓޯ: އަވަސް

އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިކަން ހާމަކުރެއްވީ އަވަސް އޮންލައިނާ އެކު ކުރިއަށް ގެންދަވާ "ޝަމްހީދާއި އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައެވެ. ޝަމްހީދު ވިދާޅުވީ "މާތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން" ކަމަށެވެ.

ޕޮޑްކާސްޓްގައި ޝަމްހީދު ވިދާޅުވީ ޤައުމު މިއަދު ވަނީ ވަރަށް ޚާއްޞަ ހާލަތެއްގައި ކަމަށާއި އިޤުތިޞާދީ ގޮތުން ބަނގުރޫޓުވުމާ ގާތުގައި ކަމަށެވެ. ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ އިރު، އެކި ސަރުކާރުތަކުން މިހާތަނަށް ކުރަމުން ދިޔައީ ވަކި ބަޔަކަށް މަންފާ ލިބޭ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ ޑިމޮކްރަސީއަށް 18 އަހަރު ވީ އިރު 500 ބިލިއަން ރުފިޔާ ހޭދަކޮށް 160 ބިލިއަން ރުފިޔާ އިން ޤައުމު ދަރަނިކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމާއި ބޭސް ފަރުވާ އާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވަނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދީ، އާންމު ރައްޔިތު މީހާއަށް ވެރިކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. "ޝަމްހީދާއި އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑު އަވަސް އޮންލައިނުން ބުރާސްފަތި ދުވަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް