ފަރުވާ ކުޑަކުރުމުގެ ނަތީޖާއަކަށްވީ އަހަރެންގެ އުފާގެ ހިތްދަތި މަރު. އެފަދަ ގޮތެއް ދުއާއަށް ވާން ނޭދޭތީ އަހަރެން އޭނަ ވަރިކުރީ.. އަދި ކޯޓު މެދުވެރިކޮށް ދުއާގެ ކަސްޓަޑީ ހޯދީ.. އެފަހުން އޭނަ ދިޔަތަނެއް އަހަރެންނަކަށް ނޭނގޭ..އޭނަ ދުއާ ދެކެ އެހާ ލޯބިވާނަމަ މިހުރިހާ ދުވަހު ދުއާ ހޯދަން ނައިސް ހުންނާނެތަ؟ " ޒިލާލް ކިޔައިދެމުން ދިޔައިރު ކަރުނުން ދެލޯ ފުރިފައިވީ ހާލު ދުއާ ފައިލްގާވާ ލިޔުންތައް ބަލަމުން ދިޔައެވެ.
" މިހާރު އެނގިއްޖެއްނު ހަޤީޤަތް.. އަހަރެން މިވާހަކަތައް ދުއާ އާ ހިއްސާ މިކުރީ ދުއާގެ ޝަރުތެއްގެ ގޮތުގައޭ ހީނުކުރާތި.. ދުއާގެ މަންމައަކީ ތިހީކުރާވަރުގެ ރަނގަޅު މީހެއް ނޫން.. މިވާހަކަ ކުރިން ނުބުނަން ހުރީ ދުއާ ދެރަވާނެ ވަރު ހިތަށް އަރާފައި.. އަހަރެންގެ މުޅި ހަޔާތް ބަރުބާދުކޮށްލީ އެ އަންހެނާ.. މިވީހާ ދުވަހު އަހަރެން އެހެން މީހަކާ ނީނދެވެސް މިހުންނަނީ ހަމަ ދުއާ އަށްޓަކައި.. ދުއާ އަށް ދޮންމަންމައެއް ހޯދައި ނުދޭންވެގެން.. " ޒިލާލް އިތުރަށް ބުނެދިނެވެ. ދުއާ ފައިލް ލައްޕައިލުމަށްފަހު މޭޒުމަތީގައި ބާއްވައިލިއެވެ. ދެލޯ ފޮހެލުމަށްފަހު އިންތަނުން ތެދުވިއެވެ.
" މަންމަ އަހަރެން ދޫކޮށްލާފައި ދިޔައީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު އަހަރެންނަށް ބުނަން އެނގޭ އަހަރެންގެ ދައްތަ އުފާ މަރުވީ މަންމަގެ ސަބަބުން ނޫންކަން.. މަރުވި ސަބަބަކަށް އޮތީ ވަޅަކަށް ވެއްޓުމުގެ ސަބަބުން ގެނބިގެން.. އެކަންވީ މަންމަގެ އިހުމާލުންނޭ ބުނެ ކުށްވެރިކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން.. އަންހެނުން ވަޒީފާ އަދާކުރުމަކީ ދަރިންނާމެދު ފަރުވާ ކުޑަކުރުމޭ ބުނާނީ ވަރަށް ނާތަހުޒީބު ފިރިހެނުން.. އެ ފޮޓޯއިން އެނގޭ މަންމަ އަހަރެން ވިހޭތާ އަހަރެއްވެސް ނުވާނެކަން.. ވަޒީފާ އަދާކުރަމުން ދަރިން ބެލުމަކީ ކިހާ އުނދަގޫކަމެއްކަން އަންހެނުންގެ ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަރެންނަށް އިހުސާސްވޭ.. އަމިއްލަ ހަށިގަނޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިވާ އެތައް އުނދަގޫތަކަކާއެކު ދަރިންގެ ކަންތައްތައްކޮށް ވަޒީފާ އަދާކުރެވޭނީ ވަރަށް ހިތްވަރު ހުރި އަންހެނަކަށް.. އުފާ މަރުވުމުގައި އަހަރެން މަންމަ ކުށްވެރި ނުކުރަން.. އަހަރެންގެ އޮތީ އެންމެ ޝަކުވާއެއް.. އެއީ އަހަރެން ދޫކޮށް ދިޔުން.. އަހަރެން ޤަބޫލުކުރަނީ އެކަމުގެ ފަހަތުގައިވެސް ކޮންމެވެސް ސަބަބެއް ވާނެކަން.. އިރާދަކުރެއްވިއްޔާ މަންމައާ ދިމާވި ދުވަހަކުން އަހަރެން އެސުވާލު ކުރާނަން.. " މިހެން ބުނުމަށްފަހު ދުއާ އެތަނުން ނިކުންނަން ދިޔައެވެ. މުށްބާރު ކޮށްލުމާއެކު ޒިލާލް އޭނާގެ ދެއަތް ޖީބަށް ޖެހިއެވެ.
***************
މަސައްކަތުގައި ޝާމިލްވެސް އިން ނަމަވެސް ޔާނިޝް ވިސްނަމުން ދިޔައީ ރަފާއާ މެދުގައެވެ. ހުޝާމްއަކާ ގުޅުމެއް ބާއްވަން ފެށިފަހުން ރަފާ އޭނާއާ މުޅިން ދުރުވެއްޖެއެވެ. ކުރިން އަބަދު އެއްކޮށް ވަގުތު ހޭދަކުރާ ރަފާ މިހާރު އަބަދުހެން އުޅެނީ ހުޝާމްއާ އެކުގައެވެ. ކޮލެޖަށް ގޮސް އައިސް ހަދަނީވެސް ހުޝާމްގެ ސައިކަލު ފަހަތުގައެވެ. ގެއަށް އައީ ގުޅައިގެން ވާހަކަ ދެއްކުން ނޫނީ ޗެޓް ކުރުމެވެ. މިފަދަ ކަންކަމާ ހެދި ޔާނިޝް ހިތްހަމަނުޖެހުނު ނަމަވެސް އެކަން ރަފާގެ ކުރިމަތީގައި ފާޅެއް ނުކުރެއެވެ. ނަމަވެސް މިއަދު ހެނދުނު ރަފާ ބުނި ވާހަކައަކުން އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ހުޝާމްދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ ކަމުގައި ބުނެ އެންމެ ގާތް އެކުވެރިޔަކީވެސް އެއީ ކަމުގައި ބުނުމުން ޔާނިޝް ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނާގެ މަޤާމު ރަފާ އެހެން މީހަކަށް ދިނުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އައި ރުޅީގައި ގޭމީހުން ކައިރީގައި އެގުޅުމުގެ ވާހަކަ ބުނަންވެސް ޔާނިޝް ހިތަށް އެރިއެވެ. އެހެންނަމަވެސް ބުނެފިނަމަ ރަފާއާ މެދު ކަންތައް ކުރާނެ ގޮތާ މެދު ވިސްނާލާފައި މަޑުން ހުރީއެވެ. ޔާނިޝްގެ ޕާސަނަލް ސެކެޓްރީ ޝަފްނާ އެތެރެއަށް ވަދެގެން އައިސް ކޮފީ ތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ކޮންމެވެސް އެއްޗެއް ޓައިޕް ކުރަމުން ދިޔަ ޔާނިޝްއަށް އޭނާ ދެތިން ފަހަރަކު ގޮވައިލުމުންވެސް އަނގަޔަކުން ނުބުންޏެވެ. އެހެންކަމުން ހަތަރުވަނަ ފަހަރަށް ތަންކޮޅެއް ބާރަށް ޝަފްނާ ޔާނިޝްއަށް ގޮވައިލިއެވެ.
" ކިހިނެއްވީތަ ޝަފްނާ!! އަޑުއިވެޔޭ ތިވަރަށް ނުގޮވިޔަސް.... " ޔާނިޝްގެ އަޑު ބާރުވެގެން ދިޔަ ހިނދު ޝަފްނާ ސިހުނެވެ. އޭނާ ހައިރާންވެފައި ޔާނިޝްއަށް ބަލަހައްޓައިގެން ހުރީ އެއީ މީގެ ކުރިން ޔާނިޝްގެ ކިބައިން ފެނިފައިނުވާ މަންޒަރަކަށް ވާތީއެވެ. ޝަފްނާއަށް ވެފައި ހުރި ގޮތް ޔާނިޝް ހަމަޖެހިލުމަށް ފުންނޭވައެއް ދޫކޮށްލިއެވެ.
" ޝަފްނާ އިހަށް މިތަނުން ދޭ.. އަހަރެންގެ މޫޑު އެހާ ރަނގަޅެއް ނޫން މިއަދު.. " ވީހާވެސް މަޑުމައިތިރިކޮށް ވާޙަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ޔާނިޝް ބުންޏެވެ. ބޯޖަހައިލުމަށްފަހު ޝަފްނާ އެތަނުން ނިކުތެވެ. ފުންނޭވައެއް ދޫކޮށްލަމުން ޔާނިޝް މޭޒުގައި އުޅަނބޮށި ވިއްދާލުމަށްފަހު ޖޯޑުކޮށްލެވިފައިވާ ދެއަތްތިލަ ގެނެސް މޭޒުގައި ޖައްސާލިއެވެ. ބޭނުންވީ ހިނދުކޮޅަކަށް އޮފީހުން ބޭރަށް ނިކުމެލާ ސާފު ވައިކޮޅެއް ޖައްސާލާށެވެ. މޭޒުމަތީގައި އޮތް ތަޅުދަނޑި ހިފައިގެން ޔާނިޝް އޭނާގެ ކެބިންއިން ނިކުތްވަގުތު ކުރިމައްޗަށް އެރި ރަފާ ފެނިފައި ހުއްޓުނެވެ. ހިނިތުންވެފައި ހުރި ރަފާ ފެނުމުން ޔާނިޝްއަށް ދެބުމަ ކައިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
" ކީއްކުރަން މިތަނަށް ތިއައީ.. " ޔާނިޝްގެ އަޑުގައި ރުންކުރު ކަމެއްވިއެވެ.
" އައްދޭ ހާދަ ރުޅިއެއް ތިއައީ.. މިތަނަށް އައިސްގެން ނުވޭތަ؟ ޔާނިޝްއެކޭ އެއްވަރަށް އަހަރެންނަށްވެސް މިތަނުން ބައެއް ވެޔޭ.. " ރަފާ ބުނެލިއެވެ.
" އެހެންވިއްޔާ ހުރޭ މިތަނުގަ އަހަރެން މިދަނީ.. " ޔާނިޝް ހިނގައިގަތެވެ.
" މަޑުކޮށްބަ މަޑުކޮށްބަ.. " ރަފާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޔާނިޝްއާ އަރާ ހަމަކުރިއެވެ.
" ދީބަލަ ފަސްސަތޭކަ ރުފިޔާ.. އަހަރެން ފަހުން ދޭނަން.. " ރަފާ އެދުނެވެ.
" އެއީ ކީއްކުރަން.. ؟ " ޔާނިޝް އެހިއެވެ.
" ހުޝް ބޭބީއަށް ގިފްޓެއް ގަންނަންވެގެން... " ރަފާގެ ޖުމްލައާއެކު ޔާނިޝް ހުއްޓުނެވެ. އެއާއެކު ރަފާވެސް ހުއްޓިއްޖެއެވެ.
" ހުޝާމް! ހުޝާމް! ހުޝާމް! ތިނޫން ލަވައެއް ކިޔާކަށް ނޭނގޭތަ؟ އަހަރެންނަށް ހެޔޮ ދުވަހަކު ތިބުނާ ހުޝް ބޭބީއަކަށް ގިފްޓެއް ނުގަތަސް.. ނުދޭނަން ލާރިއެއް.. " މިހެން ބުނެ މަޑުނުކޮށް ލޮލުގައި އަވި އައިނު އަޅަމުން އެތަނުން ދާން ހިނގައިގަތެވެ. ރަފާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އުއްމީދު އާލާވެ ލިބުނު ފޮނިކަމުގައި އޭނާގެ ހިތް ނަށާލިއެވެ.
*****************
ހާރޫންއާ ބައްދަލުކޮށް އޭނާގެ ބައްޕައަކީ ކާކުކަން ހޯދަން އުއްމީދުކޮށްގެން ހުއްޓާ ރާނީއަށް ލިބުނީ ދެހަފްތާގެ ސެމިނަރ އަކަށް ހާރޫން ރާއްޖެއިން ބޭރަށް ފުރި ހަބަރެވެ. ސާރާ އަތުން ނަމްބަފު ހޯދައިގެން ގުޅިއިރު ފޯނު އޮންނަނީ ނިއްވާލާފައެވެ. އިތުރަށް ހެދޭނެ ގޮތެއް ނެތުމުން ހާރޫން އެނބުރި އަންނަން ދެން ކެތްކޮށްލައިގެން ހުންނަން މަޖުބޫރުވިއެވެ.
މަރިޔާދުގެ ހުރަސްކޮށް ރާނީ ބަދިގެއަށް ދިޔައީ ކޮފީއެއް ބުއިމަށެވެ. އެތެރޭގައި އިން ބަދޫރާއަށް ރާނީ ފެނިގެން ގޮވައިލިއެވެ. އަލްބަމްގެ ވާހަކަ ރާނީ އެހި ދުވަހުން ފެށިގެން ބަދޫރާ ހަތަރުކަޅި ހަމަކޮށް ރާނީއާ ވާހަކަ ނުދައްކައެވެ. އެހެން ހުރެލާފައި މިއަދު ގޮވާލާފައި އެތެރެއަށް ވަންނަން ބުނުމުން ހައިރާންވެފައި ހުރެ ރާނީ ވަދެއްޖެއެވެ.
" މިތާ އިށީނދެބަލަ.. " ފާރުކައިރީގައި ހުރި ދެ އަދަރާދަ ގޮނޑިއަށް އިޝާރާތް ކުރަމުން އުނދޯލީގައި އިން ބަދޫރާ ބުންޏެވެ. ދެބަހެއް ބުނުމެއް ނެތި ރާނީ އިށީނެވެ. ނަމަވެސް އޭނާގެ ހިތް އޮބި ނޯންނަވަރަށް ތެޅެމުން ދިޔައެވެ. އަނެއްކާ ހާރޫން ގޮތަށް ބަދޫރާއަށްވެސް ހަޤީޤަތް އެނގުނީބާއޭ ހިތަށް އަރާފައެވެ.
" އެދުވަހު ހިނގައިދިޔަ ކަންތަކަށް އަހަރެން މާފަށް އެދެން މާމާ.. އެއްވެސް މީހަކު ރުޅި އެރުވުމުގެ މަޤްސަދުގައި ކުރި ކަމެއް ނޫން އެއީ.. " ރާނީ ބުންޏެވެ.
" މާމައަށް އެނގޭ ތިކަން.. ރާނީ މައާފަށް އެދޭކަށް ނުޖެހޭނެ.. ނީޒާ ކަންތައް ކުރީ ރަނގަޅަކަށް ނޫން.. ގެއަށް އައިސް ހުރި މެހުމާނަކާ މެދު އެގޮތަށް ކަންތައް ކުރުމުން ވަރަށް ހިތްހަމަ ނުޖެހުނު.. ނީޒާއާ ދިމާލަށް ވަރަށް އެއްޗެތިވެސް ގޮވިން.. ގޭ މީހުންގެ ފަރާތުން އަހަރެން ރާނީ ކައިރީގައި މައާފަށް އެދެން.. " ބަދޫރާ ބުންޏެވެ.
" ނޫން އެއީ އެވަރު ކަމެއް ނޫން.. މާމަ ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކާ.. "
" ނޫނޭ ރާނީ.. ބޮޑެތި މީހުން ކުދި މީހުން ކައިރީ މައާފަށް އެދުމަކީ ގޯސްކަމެއް ނޫން.. "
" އެހެންވީއިރު އަހަރެން ވާހަކައެއް އަހާލަންތަ؟ " ފުރުސަތުގެ ބޭނުން ހިފާ ރާނީ ބޭނުންވީ ހާޖަރާމެދު ބަދޫރާގެ ހިތް އޮތް ގޮތް ބަލާށެވެ. ބަދޫރާ ބުމަ އަރުވައިލީ އަހާށޭ ބުނާފަދަ ގޮތަކަށެވެ.
" އެފޮޓޯތަކުގައި އެވަނީ ކާކު..؟ ކީއްވެ އޭނަ ފެނުމުން މިގޭ މީހުން އެހާ ރުޅި އައީ..އެއީ މާމަގެ ދަރިއެއްތަ؟ މިހެން މިއެހީ އެމީހާ މާމަގެ އަތުގައި ހިފައިގެން ހުރިގޮތުން.. " ވަރަށް ފުންކޮށް ބަދޫރާގެ މޫނަށް ބަލަހައްޓައިގެން އިނދެ ރާނީ އެހިއެވެ. ބަދޫރާގެ މޫނުމަތި ބަނަވެގެން ދިޔަތަން ރާނީ ދުއްޓެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ ބަދޫރާ ވާހަކަ ދައްކާނެ އިރަކަށެވެ.
" ރާނީ އަށް ތިހީވީ ރަނގަޅަށް.. އެއީ އަހަރެންގެ ދަރިއެއް.. އަހަރެން ހުރި ހަމައެކަނި އަންހެން ދަރި..... މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ ހަމަނުޖެހުމެއްގައި މިގެއިން ނިކުމެގެން ދިޔައީ.. " ބަދޫރާ ކިޔައިދިނެވެ.
" ދެން ކޮބާ މިހާރު..؟ ކޮންތާކުވީ.. " އަނެއްކާވެސް ރާނީ އެހިއެވެ. ބަދޫރާއަށް އުނދަގޫތަކެއް ވަމުން ދިޔަކަން އޭނާގެ މޫނުމައްޗަށް އަރާ ފައިބާ ކުލަތަކުން ރާނީއަށް އެނގުނެވެ.
" ނޭނގެ ވީތަނެއް.. ދުނިޔޭގަ ހުރި ކަމެއްވެސް ނެތް ކަމެއްވެސް ނޭނގޭ.. " ބަދޫރާ ބުންޏެވެ. މަޑުމަޑުން ބަދޫރާގެ އަޑާއި ރާގު ބަދަލުވަމުން ދިޔަކަން ރާނީއަށް ފާހަގަ ކުރެވުނެވެ. ބަދޫރާއަށް އަންނަމުން ދިޔަ ބަދަލުތަކުން ދެނެގަންނަންވީ ކީކޭކަމެއް ރާނީއަކަށް ނޭނގުނެވެ. ބަލާބެލުމަށް ހީވަނީ ދެރަވެ ހިތުގައި ޖެހިފައި އިންހެނެވެ. އިރުއިރުކޮޅާ ހިންދިރުވާލާ ގޮތުން ނުރޯން މަސައްކަތް ކުރަނީއޭވެސް ހީވިއެވެ.
" ދެން މާމަ ނުވެސް ބަލަންތަ އޭނަ ވީތަނެއް... ؟ " ރާނީގެ އެޖުމްލައާއެކު ބަދޫރާ ރާނީއަށް ބަލައިލިއެވެ.
" އޭނަވެސް އަހަރެން އުޅޭތަނެއް އުޅޭގޮތެއް ދުނިޔޭގައި ހުރިތޯ ނެތްތޯވެސް ނުބަލައެއްނު.. " ބަދޫރާގެ އެޖުމްލައާއެކު އިތުރު ސުވާލެއް ކުރާކަށް ރާނީއަށް ނުކެރުނެވެ. ބަދޫރާ އެބުނީވެސް ތެދު ވާހަކައެކެވެ. ހާޖަރުވެސް ބަދޫރާ އުޅޭގޮތެއް ބަލާކަށް ނޫޅެއެވެ.
" އެނގޭތަ ރާނީއަށް..!!! އަހަރެންގެ ހާޖަރު ކުޑައިރު ހުންނާނީ ހަމަ ރާނީ ހުންނަގޮތަށް.. އޭނައާ ރާނީއާ ވައްތަރު ގޮތެއް އެބަހުރި.. " ބަދޫރާގެ ޖުމްލަ އިވިފައި ރާނީގެ މޫނަށް ނުތަނަވަސްކަން ވެރިވިއެވެ. މިވަގުތު ބަދޫރާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިންގޮތުން އޭނާ ކަމެއް ދެނެގަންނާން މަސައްކަތް ކުރާ ފަދައެވެ.
" އެހެންތަ؟؟ ހެހެހެ.. އެކަމަކު އަހަރެންގެ މަންމައަކީ އަރަތްބެއް... ހީނުވޭ ރާއްޖޭ މީހަކާ އާއިލީ ގުޅުމެއް އޮންނަހެން.. " ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުން ހިނިތުންވުމަކާއެކު ރާނީ ބުންޏެވެ. ރާނީއާ އެއްބައިވުމުގެ ގޮތުން ބޯޖަހައިލުމަށްފަހު ބަދޫރާވެސް ހިނިތުންވެލިއެވެ.
*****************
ފަސްވަނަ ފަންގިފިލާއިން ލިފްޓަށް އެރުނީ ރާނީއާއި ދުންޔާ އެކުއެކީގައެވެ. އެފަދަ ގޮތަކަށް ރާނީއާ އެދިމާވީ ދުންޔާ އެކަމަށް އެދި އެދި ހުއްޓައެވެ. އިއްޔެވެސް ލޫކަންއާ އެކު އޭނާ އެހާ ފަސޭހައިން ހޮސްޕިޓަލަށް އައީ ރާނީއާ ބައްދަލުކުރުމުގެ ނިޔަތުގައެވެ. ނަމަވެސް އުޅެ އުޅެވެސް އިއްޔަގައި ރާނީއާ ދިމާވާ ގޮތެއް ނުވިއެވެ. މިއަދު ރާނީއާ ދިމާވުމުން އޭނާ ބޭނުންވީ އެކަހެރި މާހައުލެއްގައި ރާނީއާ ވާހަކަ ދައްކާލުމަށެވެ. ލޫކަންއަށް އޭނާގެ ލޯބި ހޯދައިދެވެން އޮތީ ރާނީއާ ވާހަކަ ދައްކައިގެންނެވެ.
" ރާނީ ދޯ... ކިހިނެއް ހާލު؟ " ކުރިން ވާހަކަ ދެއްކީ ދުންޔާއެވެ.
" ރަނގަޅު.. ލޫކް މަންމަ ކިހިނެއް؟ " ރާނީވެސް އެހިއެވެ.
" ރަނގަޅު.. ވަރަށް ދުވަސްވެއްޖެ ރާނީއާ ދިމާނުވާތާ.. ކޮންތާކަށް ތިދަނީ.. ؟" ދުންޔާ އެހިއެވެ.
" މިދަނީ ލަންޗަށް ކެންޓީނަށް ދާންވެގެން.. ލޫކް މަންމަ ކިހިނެއްވީ ހޮސްޕިޓަލުގައި.. ބަލިވީތަ؟ " ރާނީ އެހިއެވެ.
" ނޫނޭ.. އަހަރެން މިއައީ ހަމަ ރާނީއާ ބައްދަލުކޮށްލަން ވެގެން.. ސުވާލެއް ނުކޮށް އަހަރެންނާއެކު އަހަރެންގެ ގެއަށް ގޮސްދީފާނަންތަ؟ ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުން.. " ދުންޔާ ބޭނުންވާ ގޮތް ހާމަކުރިއެވެ. ރާނީ ހައިރާންވިއެވެ. ލޫކަންގެ މަންމަ އޭނާއާ ދައްކަން އޮތީ ކޮން މުހިންމު ވާހަކައެއްބާއެވެ. އަނެއްކާ މީހެއްގެ ފަރާތުން އޭނާއާ ލޫކަންގެ މެދުގައި އޮތް ގުޅުން ދުންޔާއަށް އެނގުނީބާއެވެ. ދުންޔާ އޭނާ ގެންދަން އެއުޅެނީ ހިތްހަމަނުޖެހި އެއްޗެތިގޮވަން ބާއެވެ. އެފަދަ ފިކުރެއްގައި ހުއްޓާ ދުންޔާ ރާނީގެ އަތުގައި ހިފާލައިފިއެވެ. އެހިނދު ލިފްޓުގެ ދޮރު ހުޅުވުމާއެކު ރާނީގެ އަތުގައި ހިފާލައިގެން ދުންޔާ ލިފްޓުން ނިކުތެވެ.
" ޕްލީޒް ރާނީ.. އަހަރެން ރާނީއާ މިވާހަކަ ދެއްކުން ވަރަށް މުހިންމު.. ހިނގާބަލަ އަހަންނާއެކު.. " ދުންޔާ އެދުނެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ރާނީ ބޯޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.
************
ލަންޗަށް ދާންވެގެން ކޮންސަލްޓޭޝަން ރޫމުން ނިކުތްވަގުތު ދުއާގެ ފޯނަށް މެސެޖެއް އައެވެ. ސްކްރީނުން އާރަވްގެ ނަން ފެނުމާއެކު ތަފާތު ގޮތަކަށް ދުއާގެ ހިތް ތެޅިލިއެވެ. އަވަސް އަވަހަށް މެސެޖް ހުޅުވައިލިއެވެ. އާރަވް އެދިފައި އޮތީ ބްލޫ މޫން ހޮޓްލްގެ ރޫފްޓޮޕުން އޭނާ އާ ބައްދަލުކުރުމަށެވެ. ރޭގަނޑު ނުވަ ގަޑި ބައިގައެވެ. މިރެއަށްފަހު ދެން ދުވަހަކުވެސް ދުއާއަށް އުނދަގުލެއް ނުކުރާނަމަވޭ ބުނެފައި އޮތުމުން ދުއާ އަށް ހިންދިރުވައިލެވުނެވެ. ޖަވާބުގައި ދުއާ އޯކޭއޭ ލިޔެލުމަށްފަހު ފޮނުވާލިއެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 18 ސެޕްޓެމްބަރ ވާ އާދީއްތަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް