ދޮރު ލައްޕާލާ.... " އެތެރެއަށް ވަދެ ހުއްޓެމުން ހާރޫން ބުނެލިއެވެ. ހައިރާންކަމުގެ އިތުރަށް ޖެހިލުންވުމެއްގައި ހުރެ ރާނީ ދޮރު ކައިރިކޮށްލިއެވެ. އެއްކޮށް ލައްޕާކަށް ނުކެރުނެވެ.
" ކިހިނެއްވީ؟ އަހަރެންނަށް ކުށެއް ކުރެވުނީތަ؟ " ދޮރު ކައިރިން ދުރަށް ނުގޮސް ހުރެ ރާނީ އެހިއެވެ.
" ރާނީ..!!! ޔަގީންތަ ރާނީގެ މަންމައަކީ ދުބާއީއަށް ނިސްބަތްވާ މީހެއްކަން...؟ " ހާރޫންގެ ސުވާލުން ރާނީއަށް ދެތިން ފަހަރަކު އެސްފިޔަޖަހާ ލެވުނެވެ. މޫނުމަތިން ޖެހިލުންވުމުގެ ކުލަވަރު އިތުރުވާން ފެށިއެވެ.
" ކީއްވެ ޖަވާބު ނުދިނީ.. " ރާނީ ބަހެއް ނުކިޔާ ހުންނަން ފެށުމުން ހާރޫން ބުންޏެވެ.
" އާނ.. މަންމަ އުޅެނީ ދުބާއީގަ.. " ރާނީ ބުނެލިއެވެ.
" މަންމަ ދުބާއީގަ އުޅެނީތަ ނޫނީ ދުބާއީ މީހެއްތަ އެއީ،، ؟ " ކެތްތެރިކަން ކުޑަވެފައިވާ ފަދައިން ހާރޫން އެހިއެވެ. އެސުވާލުތަކުން ރާނީއަށް ލިބިފައިވާ ނުތަނަވަސް ކަން އިތުރުވެ ހިންދިރުވާލެވުނެވެ.
" ދުބާއީ މީ.. މީހެއް މަންމައަކީ.. " ދޮގު ހެދުމަކީ ފަސޭހަކަމެއް ނޫންކަމުން ރާނީގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.
" ކިހާ ވަރަކަށް ދޮގުހަދާނަން ރާނީ... " ހާރޫންގެ ޖުމްލައާއެކު ސިހިފައި ރާނީ ހާރޫންއާ ދިމާލަށް ބަލައިލިއެވެ.
" ތި.. ތިބުނީ.. ؟" ރާނީ އެހިއެވެ.
" މިބުނި އެއްޗެއް ހަމަ ރަނގަޅަށް އެނގޭނެ.. އެހެންމީހުންގެ ލޯތަކަށް ކިތަންމެ އޮޅުވާލަން އުޅުނަސް އަހަރެންނަށް އޮޅުވައެއް ނުލެވޭނެ.. އެންމެ ފުރަތަމަ ރާނީ ފެނުނު ދުވަހުވެސް އަހަރެންނަށް ޝައްކުވި.. އެކަމަކު ޔަގީން ނުވާތީ އެއްޗެކޭ ނުބުނީ.. ނަމަވެސް އަލްބަމް ހިފައިގެން ރާނީ އައިސް ސުވާލުތައް ކޮށް ނީޒާ އެއަލްބަމް އެއްލައިލުމުން ރާނީގެ މޫނުމައްޗަށް ވެރިވި ކުލަވަރު ފެނި އަހަރެންނަށް ޔަގީންވި.. ތީ އަހަރެންގެ ކޮއްކޮގެ ހާޖަރުގެ ދަރިއެއްކަން ޔަގީން.. އެހާވެސް ތިދެމީހުން ވައްތަރު.. ކޮއްކޮ ނުފެނި އެހާ ދުވަސްވުމުން އޭނާ ހުންނަގޮތް ހަނދާނުން ފުސްވެފައިވިޔަސް އެދުވަހު އަލްބަމް ހުރި ފޮޓޯތައް ބަލާލުމުން އަހަރެންނަށް ޔަގީންވި.. " ހާރޫންގެ ވާހަކަތަކުން ހައިރާންވެ އަންތަރީސްވެފައި ރާނީއަށް ހުރެވުނެވެ. އިތުރަށް އެކަން ފޮރުވަން އުޅުނަސް އެކަމެއް ނުވާނެކަން އެނގި ބަސްހުއްޓިފައެވެ.
" އާނ!! އަހަރެންނަކީ ހާޖަރުގެ ދަރިއެއް.. " ރާނީ އެހެން ބުނުމާއެކު ހާރޫންގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. " ތިއެންމެންގެ ރޭވުމުގެ ދަށުން އޭނާގެ ދަރިންނާ ވަކިކޮށް ގެއިން ފޮނުވާލި ހާޖަރުގެ ދަރިއެއް އަހަރެންނަކީ.. " އެހިސާބުން ރާނީގެ އަޑުގައި ހަރުކަށިކަމެއް އުފެދުނެވެ.
" ތިހެން ނުބުނޭ ރާނީ..!! ކޮއްކޮޔާ އޭނާގެ ދަރިން ވަކިކުރަން އަހަރެން ހިތަކަށްވެސް ނާރާ.. ! ޤަބޫލުކުރަން ކޯޓުގައި ކޮއްކޮއާ ހލާފަށް ހެކިބަސް ދީގެން އަހަރެންނަށް ކުރެވުނީ ރަނގަޅުކަމެއް ނޫންކަން.. އެކަމަކު އެއީ ފަހަރެއްގައިވެސް ކޮއްކޮއަށް ދެރަކުރުމުގެ ނިޔަތުގައެއް ނޫން.. ތީ ޒިލާލް ކައިރީގައި ހުރި ދަރިފުޅު ދޯ.. އެކަމަކު އޭރު އެހެން ނަމެއް ދޯ ކިޔަނީ.. " ހަނދާން ކުރާ ކަހަލަ ގޮތަކަށް ހާރޫން ބުންޏެވެ. ޒިލާލްގެ ނަން އިވި ރާނީ ދެލޯ ބޮޑުވެގެން ދިޔައެވެ. ހަށިގަނޑުގައި ތުރުތުރެއް އުފެދި މުޅި މީހާ ފިނިވިއެވެ.
" ޒިލާލް.. ؟؟؟؟؟ އަހަރެންގެ ބައްޕައަކީ ޒިލާލް ކިޔާ މީހެއްތަ؟ އުފާ ކެއަރ ހޮސްޕިޓަލްގެ ވެރިޔާ ޒިލާލްތަ؟ ބުނެބަލަ ބޮޑުބޭ.. " ރާނީ ސުވާލުތައް ކުރަން ފެށިއެވެ. އެހިސާބުން އެއީ ޒިލާލް ކައިރީގައި ހުންނަ ކުއްޖާ ނޫންކަން ހާރޫންއަށް އެނގުނެވެ. ހާރޫން ހައިރާންވެފައި ބަލަހައްޓައިގެން ހުރިގޮތުން ރާނީއަށް ޖަވާބު ލިބުނު ކަހަލައެވެ. އެހިނދު ހާރޫންއަށް ވަކި ޖަވާބެއް ނުދެވިގެން އުޅެނިކޮށް ގޭތެރެއިން ފިޔަވަޅެއްގެ އަޑު އިވެން ފެށިއެވެ.
" އަހަރެން ރާނީއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. އެކަމަކު މިވަގުތަކު ނޫން.. " ޒިލާލް އަވަސްއަވަހަށް ބުންޏެވެ.
" ނޫން ބޮޑުބޭ އަދޭސްކޮށްފަ ބުނަން.. ހަމައެކަނި އެވަރު އަހަރެން ކައިރީގައި ބުނެދީބަލަ.. " ހާރޫންގެ ކުރި ބައްދަމުން ރާނީ އާދޭހުގެ ރާގެއްގައި ބުންޏެވެ.
" މިވަގުތު ތިވާހަކަތައް ދެއްކުން އެހާ ބުއްދިވެރިއެއް ނޫން.. އަހަރެން ވަރަށް އަވަހަށް ހުރިހާ ވާހަކައެއް ރާނީއަށް ކިޔައިދޭނަން.. އަހަރެންގެ ކޮއްކޮ ހެޔޮހާލުގައި ހުރިކަން އެނގުމުން ވަރަށް އުފާވެއްޖެ..... އަދި އެއްވާހަކަ.. ހާޖަރުގެ ފޮޓޯތައް ހުރި އަލްބަމް އަހަރެން އަތުގައި ސަލާމަތުން އެބައޮތް.. " މިހެން ބުނެ ހާރޫން އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ.
ހާރޫންއަށް ނިކުމެވުނީ އެކޮޓަރިއަށް ވަންނަން އައި ސާރާގެ ކުރިމައްޗަށެވެ. ސާރާ އައީ ރާނީ ގެއަށް އައިތޯ ބެލުމަށެވެ. އެފަދަ ގަޑިއެއްގައި ހާރޫން ރާނީގެ ކޮޓަރިން ނިކުތްތަން ފެނުމުން ސާރާއަށް ލިބުނީ ހައިރާންކަމެކެވެ.
" ބޭބެ.. ؟ މިވަގުތު މިތާ ކީއްތިކުރަނީ.. ؟ " ސާރާ އެހިއެވެ.
" އަހަރެންނަށް އެނގޭ ސާރާއަށް ހުރިހާ ހަޤީޤަތެއް އެނގޭކަން.. އެހެންވީމަ މިވަގުތަށް ރަނގަޅުވާނީ އިތުރު ސުވާލެއް ނުކުރިއްޔާ.." މިހެން ބުނެ ހާރޫން އަވަސް އަވަހަށް ހިނގަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ސާރާ ކޮޓަރިއަށް ވަންއިރު އަނގަމަތީގައި އަތް އަޅައިގެން އެނދުގައި ރާނީ އިނެވެ. އޭނާގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ފެނި ސާރާ ގޮސް ރާނީ ކައިރީގައި އިށީނެވެ.
" ކިހިނެއްއްވީ ރާނީ..؟ ކީއްވެ ތިރޮނީ..؟ ކީއްކުރަން ބޭބެ މިކޮޓަރިއަށް ވަނީ.. ރާނީއާ ދިމާލަށް އެއްޗެކޭ ބުނީތަ؟ ނޫނީ ކަމެއް.. ކުރީތަ؟ " ހިތަށް ބިރުވެރިކަން އިހުސާސްވެފައިވާ ހާލު ސާރާ އެހިއެވެ. އެހެނީ ޒަމާނަކީ އެންމެ ގާތް މީހާއަށް ވެސް އިތުބާރުކުރެވޭ ޒަމާނެއް ނޫނެވެ.
" ސާރައްތާ!! އަހަރެންގެ ބައްޕައަކީ ކާކުކަން އަހަރެންނަށް އެނގިއްޖެ.. " ރާނީ ރޮމުން ރޮމުން ބުންޏެވެ.
" ކީކޭ..؟ ބޭބެ ކައިރީ ރާނީ ބުނީތަ ހާޖަރު އެއީ ރާނީގެ މަންމައޭ.. " ސާރާ ހައިރާންވެފައި އެހިއެވެ.
" ބޮޑުބެއަށް ހުރިހާ އެއްޗެއްވެސް އެނގޭ.. އެނގޭތަ އަހަރެންގެ ބައްޕައަކީ ކާކުކަން.. ؟ ޒިލާލް.. އެކަމަކު ނޭނގެނީ ކޮން ޒިލާލްއެއްކަން.. ސާރާއްތާ!! ހަނދާންކޮށްބަލަ މަންމަ އޭރު ދެކުދިން ގޮވައިގެން ގެއަށް އައިއިރު ބުނީމެއްނު އެއްކުއްޖަކަށް ކިޔަނީ އުފާއޭ.. ދެވަނަ ކުއްޖާއަށް ކިޔަނީ ދުއާ ތަ؟ ބުނެބަލަ.. ޕްލީޒް.. " ކެތްތެރިކަން ކުޑަވެފައިވާ ހާލު ރާނީ އެހިއެވެ
" އަހަރެން އެހާ ބޮޑަށް ހަނދާނެއް ނުވޭ ރާނީ.. " ސާރާ ވިސްނަން އިނުމަށްފަހު ބުންޏެވެ.
" އެއީ ހަމަ ދުއާއަށް ވާނީ.. އެވާނީ ހަމަ އަހަރެންނަށް ހަމަ މި ހީވާ ޒިލާލްއަށް.. އެހެންނޫނީ އުފާގެ ނަމުން އެމީހުންގެ ހޮސްޕިޓަލަށް ނަން ދޭންވީ ކީއްވެ.. ؟ "
" ވެދާނެ.. އެކަމަކު ޔަގީން ކޮށް ބުނާކަށް ނޭނގޭ.. ދެން ތިކަމާ އެހާ ބޯނުގޮއްވާ.. ކޮންމެވެސް ވަރެއް އެނގިއްޖެއްނު.. އަދި އިރާދަކުރެއްވިއްޔާ ހުރިހާ އެއްޗެއްވެސް އެނގޭނެ.. އެކަމަކު ބޭބެއަށް ކިހިނެއް އެނގުނީ ތީ ހާޖަރުގެ ދަރިއެއްކަމެއް..؟ " ސާރާ ސުވާލުކުރިއެވެ. ރާނީ ދެލޯ ފޮހެލުމަށްފަހު ހާރޫން ދެއްކު ހުރިހާ ވާހަކައެއް ސާރާއަށް ކިޔައިދޭން ފެށިއެވެ.
***************
ހެނދުނުގެ ނާޝްތާ ކުރަން ތިބިއިރު އެހެންޏާ އަބަދު ވާހަކަ ދައްކާ ދުންޔާ މިއަދު އިނީ ހިމޭންވެފައެވެ. ހީވަނީ ފުން ވިސްނުމެއްގައި އިން ހެނެވެ. ލޫކަން އަށް އުނދަގޫވެގެން ދެތިން ފަހަރަކު ވީ ގޮތެއް އަހާވެސް ލައިފިއެވެ.
" ނުވޭ ކަމެއް.. ކުޑަކޮށް ބޮލުގައި ރިއްސަނީ.. " ދުންޔާ ބުންޏެވެ.
" ކޮން އިރަކު އެންމެ ފަހުން ބީޕީ ބަލައިލީ.. ހިނގާ މިއަދު އަހަރެންނާއެކު ހޮސްޕިޓަލަށް ގޮސް ބަލައިލަން.. " ލޫކަން ބުންޏެވެ. ދުންޔާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ލޫކަން ތެދުވެގެން ދާން އުޅުމުން ދުންޔާ ގޮވައިލިއެވެ.
" ރިޒާބެގެ ހާލު ކިހިނެއް މިހާރު.. " ދުންޔާ އެހިއެވެ.
" ވަރަށް ބޮޑުތަން ރަނގަޅު.. މިހާރު ދޭތެރެއަކުން ލޯ ހުޅުވާލާ.. އަތުންވެސް މަޑުމަޑުން ހަރަކާތް ކޮށްލާ.. " ލޫކަން ބުންޏެވެ.
" އަލްޙަމްދުލﷲ.. އެއްކޮށް ހޭ އަރާނެ ދުވަހަކަށް އިންތިޒާރު ކުރަން.. މަންމަ ވައުދުވަން.. އެދުވަހަކުން ލޫކްއަށް ހައްޤު ހުރިހާ އުފަލެއް ހޯދަދޭން މަންމަ މަސައްކަތް ކުރާނަން.. އަބަދުވެސް ހަނދާން ބަހައްޓާތި.. އެއްވެސް ކަމަކަށް ލޫކްއަށް މަޖުބޫރުކުރަން މަންމަ ބޭނުމެއްނޫން.. އެކަމަކު ކުރާ ކަމެއް ކުރަންވާނީ އެއްވެސް މީހަކު ހިތުގައި ނުޖެހޭނެ ފަދަ ގޮތަކަށް.. ލޫކްގެ ކޮންމެ ނިންމުމަކަށްވެސް މަންމަ ވަރަށް އިޙުތިރާމް ކުރާނަން. ލޫކްގެ އުފަލަކީ މަންމައަށްވެސް ލިބޭނެ އުފަލެއް.. " ދުންޔާ ބުންޏެވެ. އެވާހަކަތަކުން ދެނެގަންނަންވީ ކޮންކަމެއް ކަމެއް ލޫކަންއަށް ނޭނގުނެވެ. އޭނާ ބަލަބަލާ ހުއްޓާ ތަށިތައް ހިފައިގެން އަތްދޮންނަ ތަށި ކައިރިއަށް ދުންޔާ ޖެހިލިއެވެ.
***********
އޮފީހަށް ވަންގޮތަށް ދުއާ މިސްރާބު ޖެހީ ޒިލާލްގެ އޮފީހާ ދިމާލަށެވެ. ޒިލާލް އަށް ޝަރުތުކުރަންވީ ވަގުތު އައިސް ޖެހުނީއެވެ. އެގޮތަށް ދުއާ ނިންމީ ވަރަށް ވިސްނުމަށްފަހުގައެވެ. މުދަލުން ދުއާއަށް ވީ ބައި ޒިލާލްއަށް ދޭން އެއްބަސްވެވޭނީ ދުއާގެ އެޝަރުތު ފުރިހަމަވުމުންނެވެ. ޒިލާލްގެ ކެބިންގެ ދޮރުގައި ޖަހައިލުމާއެކު އެތެރެއަށް ވަނުމަށް ޒިލާލް ގޮވައިލިއެވެ. ދުއާ ވަންއިރު ފައިލްތަކަކަށް ނަޒަރު ހުއްޓާލައިގެން ޒިލާލް އިނެވެ. އެތެރެއަށް ވަން މީހަކު ބަލައިލުމަށްފަހު އަނެއްކާވެސް ޒިލާލް އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.
" ކުޑަ ވާހަކައެއް ދައްކާލަންވެގެން.. ؟ " ދެއަތް އުރާލަމުން ދުއާ ބުންޏެވެ.
" މިގަޑީތަ؟ ފަހުން ނުދެއްކޭނެތަ؟ " ޒިލާލް ބުންޏެވެ.
" ބުނީމެއްނު އަހަރެންނަށްވީ ފަންސާސް އިންސައްތަ ދޭނީ ޝަރުތެއްގެ މަތިންނޭ.. ޝަރުތު ކަނޑައަޅަން މިއައީ. " ދުއާ ބުނެލިއެވެ. އެހިނދު ޒިލާލް އިސްއުފުލާ ދުއާއަށް ބަލައިލިއެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ. ގޮނޑީގައި ލެގިލަމުން އެތަނުގައި އިށީނުމަށް ބުންޏެވެ. ދުއާ ބޯޖަހައިލުމަށްފަހު ކުރިމަތީގައި ހުރި ދެގޮނޑިން އެއް ގޮނޑި ދަމާލާފައި އިށީނެވެ.
" އަވަހަށް ކުރިއަށް ގެންދޭ.. !! " ޒިލާލް ބުނެލިއެވެ. ދުއާ ފުންނޭވައެއް ދޫކޮށްލިއެވެ.
" ކޮބާ އަހަރެންގެ މަންމަ؟ " ޒިލާލްއާ ނަޒަރު ސީދާ ކޮށްލަމުން ދުއާ އެހިއެވެ. އެހިނދު ސިކުންތުކޮޅެއްގެ ތެރޭގައި ޒިލާލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ދުއާއަށް ފެނުނެވެ. މިހާރު އެމޫނުމަތިން ފެންނަނީ ރުޅީގެ އަސަރުތަކެވެ.
" ޝަރުތަކީ އަހަރެންގެ މަންމައާ ބެހޭގޮތުން ހުރިހާ ކަމެއް އަހަރެންނަށް ކިޔައިދިނުން.. ކުޑައިރު މަންމަގެ ވާހަކަ އެހުމުން ބައްޕަ ރުޅިއައިމަ އަހަރެން ބިރުގަތަސް މިހާރު އެބިރެއް ހިތުގަ ނެތް.. މިހާރު ބައްޕައަށްވެސް އެންމެ ރަނގަޅުވާނީ އަހަރެން މިކުރާ ސުވާލުގެ ޖަވާބު ދިނުން.. " ޖެހިލުމެއްނެތި ދުއާ ބުންޏެވެ.
" ދުއާ ހީކުރީ ކީކޭތަ؟ އަހަރެންގެ ކިބައިގަ ހަރުކަށި ކަމެއް ހުއްޓަސް އަހަރެންނަކީ ނުބައި ބަފައެއް ނޫން.. އަހަރެންނަކީ ނުބައި މީހެއް ނަމަ މިހާރު ދުއާ އޮންނަނީ ކަށްވަޅުގަ ނޫންކަމެއްވެސް ނޭނގެ.. އަހަރެން ހުރީ މިވީހާ ދުވަހު ދުއާއަށް މިވާހަކަތައް ކިޔައިނުދޭން.. ދެރަވާނެކަން އެނގޭތީ.. އެކަމަކު..... ތިސުވާލު އަހަރެންނާ ކުރުމުން ރުޅި އަންނަ ސަބަބު މިއަދު އަހަރެން ދުއާއަށް ކިޔައިދޭނަން.. މަޑުކުރޭ.. " ޒިލާލް ތެދުވެގެން ފަހަތުގައި ހުރި ލޮކަރަކާ ދިމާލަށް ހިނގައިގަތެވެ. އެތަނުން ވަރަށް ކުރީ އަހަރެއްގެ ފައިލެއް ނެގުމަށްފަހު އެފައިލް ގެނެސް ދުއާއަށް ދިއްކޮށްލިއެވެ.
" ތިފައިލްގަ ވާނެ ދުއާގެ މަންމަގެ ފޮޓޯ.. އަދި ދުއާއަށް އެނގެންޖެހޭ އެހެނިހެން މައުލޫމާތު.. " ޒިލާލް ބުންޏެވެ. އެހާ ފަސޭހައިން ޖަވާބު ލިބިދާނެކަމަށް ހީނުކޮށް އިން ދުއާގެ ހިތްއަވަސްވެލިއެވެ. އެސުވާލެއްގެ ޖަވާބު ހޯދުމަށް، އެމީހެއްގެ ސޫރަ ދުށުމަށް މިވީހާ ދުވަހު ބޭޤަރާރުވެފައިވާ މީހާ ފެންނަން އުޅުމުން އޭނާގެ އަތްފައި ވަނީ ފިނިވެފައެވެ. މަޑުމަޑުން އެފައިލް ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ފޮޓޯގަނޑެކެވެ. އެފޮޓޯގައިވަނީ ޒުވާން އަންހެނެކެވެ. އަންހެންމީހާ ކައިރީގައި ކުޑަ އަންހެއް ކުއްޖަކު ހުރިއިރު އަތުގައިވެސް އަންހެއްކުއްޖެއް އިނެވެ.
" މަންމަ........ " ފޮޓޯގައި ފިރުމައިލަމުން ދުއާ ވައި އަޑުން ބުނި ހިނދު ލޮލުން ރޮނގަކަށް ކަރުނަ ފައިބަން ފަށައިފިއެވެ.
" އާނ!! ތީ ދުއާގެ މަންމަ.. އޭނާގެ އުރުގައި އެއީ ދުއާ.. ކައިރީ ހުއްޓި އެހުރީ ދުއާގެ ދައްތަ އުފާ.. " ޒިލާލް ބުނެދިނެވެ. ދުއާ ހައިރާންވެފައި ޒިލާލްއަށް ބަލައިލިއެވެ. އޭނާގެ ދައްތައެއް ހުރިކަންވެސް މިއެނގުނީ އަދި ކިރިޔާއެވެ. ހޮސްޕިޓަލަށް ދެވިފައިވާ ނަމުގެ ފަހަތުގައިވާ ސަބަބަކީވެސް އެއީ އޭ ހިތަށް އެރިއެވެ.
" ތި ފައިލްގާ ތިވަނީ ދުއާގެ ދައްތަ އުފާގެ މަރާ ގުޅޭ ލިޔުންތަކާ އަދި ދުއާގެ ކަސްޓަޑީ ކޭސްގެ ލިޔުންތައް.." ޒިލާލް އިތުރަށް ބުނެދިނެވެ. އުފާގެ މަރުގެ ވާހަކަ އިވުމުން ދުއާއަށް ލިބުނީ އިތުރު ސިހުމެކެވެ.
" ރަނގަޅަށް ބަލާ.. ދުއާގެ މަންމަގެ ފަރުވާ ކުޑަކަމުގެ ސަބަބުން ގޭގެ ވަޅަށް ވެއްޓި އުފާ މަރުވީ.. އޭނައަކީ ދަރިންނާ މެދު އެހާ ބޮޑަށް ވިސްނާ މީހެއް ނޫން.. އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނައަށް މުހިންމީ އޭނާގެ ވަޒީފާ.. އަހަރެމެން ދެމީހުންގެ ދެމެދު މައްސަލަ ޖެހެން ދިމާވި އެންމެ ބޮޑު ސަބަބަކީވެސް އެއީ.. އަހަރެން ބޭނުންވީ އޭނަ ވަޒީފާއަށް ދިޔުން ހުއްޓާލާ ދަރިން ބަލަން ގޭގަ އިންނަން.. އެކަމަކު އެބަހެއް ނާހާ ދަރިންނާ މެދު ފަރުވާ ކުޑަކުރުމުގެ ނަތީޖާއަކަށްވީ އަހަރެންގެ އުފާގެ ހިތްދަތި މަރު. އެފަދަ ގޮތެއް ދުއާއަށް ވާން ނޭދޭތީ އަހަރެން އޭނަ ވަރިކުރީ.. އަދި ކޯޓު މެދުވެރިކޮށް ދުއާގެ ކަސްޓަޑީ ހޯދީ.. އެފަހުން އޭނަ ދިޔަތަނެއް އަހަރެންނަކަށް ނޭނގޭ..އޭނަ ދުއާ ދެކެ އެހާ ލޯބިވާނަމަ މިހުރިހާ ދުވަހު ދުއާ ހޯދަން ނައިސް ހުންނާނެތަ؟ " ޒިލާލް ކިޔައިދެމުން ދިޔައިރު ކަރުނުން ދެލޯ ފުރިފައިވީ ހާލު ދުއާ ފައިލްގާވާ ލިޔުންތައް ބަލަމުން ދިޔައެވެ.
ނުނިމޭ.. ވާހަކައިގެ އާބައެއް، އިންޝާﷲ 15 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް