N/A
ޤައުމީ ދުވަހުގެ މުނާސަބަތުގައި ތިލަދުންމަތީ އުތުރުބުރީ އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މައްޗަންގޮޅި ކަށިމާ އަލްއުސްތާޛު އަޙްމަދު ޝާކިރަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް (ނ.ދ.ޝ.ޢ) އަރުވައިފިއެވެ.
އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ 30 ޖުލައި 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގގެ ވަކީލު ކަމާއި، ޝިޕިންގ މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ. ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު ވިލާ ކޮލެޖުގައި 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސަރުކާރުގެ ޗާޕުޚާނާއިން ޚިދުމަތް ފެށްޓެވި ކަށިމާ ޝާކިރަކީ ދިވެހި އަދަބިއްޔާތާއި ތަމްސީލު ކުޅުމާއި ސްޓޭޖް ޑްރާމާގެ ރޮނގުން ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ފަންނާނެކެވެ. ކަލްޗަރަލް އެންޑް ޑްރެމެޓިކް ސޮސައިޓީ (ސީޑީއެސް) އުފައްދަވައި 10 އަހަރު ވަންދެން ޝޯތައް ހުށަހަޅުއްވައިދެއްވުމުގެ އިތުރުން ޓެލެވިޜަން މޯލްޑިވްސްގެ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ ގޮތުން ޣާޒީ ބަންޑާރައިން، ދޮންހިޔަލައާއި އަލިފުޅު އަދި ތަރާގަނޑުގެ ކަށިގަނޑު ފަދަ އެތައް ޓެލެޑްރާމާއަކާއި ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުއްވައި ތަރިން ތަމްރީނުކުރެއްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމާއި ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ ގިނަ ޚިދުމަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން 640 ޞަފްޙާގެ "ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ" މި ފޮތާއި އެ ސީރީޒްގެ އިތުރު ފަސް ވޮލިއުމް ލިޔުއްވުމުގެ އިތުރުން "އިސްލާމްދީނުގެ އަލިކަން ދިވެހިރާއްޖެއަށް ފެތުރެމުން އައިގޮތް" އާއި "ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު" އާއި "ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު" ފަދަ ފޮތްތައް ލިޔުއްވާފައިވެއެވެ.
އެމަނިކުފާނު ވަނީ ޢުމުރުފުޅުން 69 އަހަރުގައި މާސްޓަރ އޮފް ޝަރީޢާ ހާސިލުކުރައްވާފައެވެ. ތަމްސީލު ކުޅުމުގެ ރޮނގުންނާއި ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، ނޫސްވެރިކަމުގެ ރިހިގަލަމާއި، ތާރީޚީ ފޮތް ލިޔުއްވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ދިވެހިބަހުގެ އެކެޑަމީގެ "ޙަސަން ތާޖުއްދީން އެވޯޑް" ވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ. އަދި 2025 ވަނަ އަހަރު ޝާރުޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ޝަރަފުވެރި އެވޯޑު ވެސް ހާސިލުކުރެއްވާފައިވެއެވެ. ކަށިމާ އަޙްމަދު ޝާކިރަކީ މިހާރު ވެސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދިވެހި ތާރީޚުގެ އިސްވާރެވެ. އަދި ޤައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް