N/A
ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރެއިން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގައި ތަރައްޤީކޮށްފައިވާ "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދޮރޯށި ހުޅުއްވައިދެއްވީ ޤައުމީ ދުވަހާ ގުޅިގެން އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި ދައުލަތުގެ ވަޒީރުންނާއި ޑިޕްލޮމެޓުންގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ފަރުމާކޮށްފައި ވަނީ އެ ތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. މި ބިނާގައި މައިގަނޑު ހަ ތަނބެއް ހިމެނޭއިރު، އެ ތަނބުތައް ފަރުމާކޮށްފައި ވަނީ ދިވެހި އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްގެންނެވެ. މި ހަ ތަނބު ރަމްޒުކޮށްދެނީ ދިވެހީންގެ މިނިވަންކަމަށްޓަކައި ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ.
ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވައި އާލާކުރުމުގެ ސިޔާސަތުގެ ދަށުން ޣާޒީ ބަންޑާރައިން (އުތީމު މުޙައްމަދު ތަކުރުފާނު) ގެ ހަނދާންތަކާއި އަސަރުތައް ހިމާޔަތްކުރެއްވުމަށް ހއ. އަތޮޅުގައި ޚާއްޞަ ޤައުމީ މަޝްރޫޢެއް ކުރިއަށް ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ. މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާޙުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އުތީމަށް ކުރެއްވި ޒިޔާރަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް