އިސްލާމްދީނާ ފުށުއަރާ ޤާނޫނެއް ނުހެދޭނެ ނިޒާމެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައ...

15 Aug 2026 | 06:58
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށާއި ހެދޭ ޤާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށެވެ. އެ ކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރެއްވުމަށް ޤަޞްދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޖަލްސާގައި ރައީސް ވަނީ ޤައުމީ ދުވަހާ ގުޅޭ ތާރީޚީ ހާދިސާގެ މައްޗަށް އަލިއަޅުވައިލައްވައި، ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފައެވެ. ރައީސް ވިދާޅުވީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި ޕޯޗުގީޒުންގެ އަތް ދަށުގައި އެތައް އަހަރަކު ރާއްޖެ އޮންނަން ޖެހުނީ ވެސް އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު މިއަދު ޤަޞްދުކުރަނީ މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން. އެހެން ވީމާ، އެ ފަދަ ނިޒާމެއް ޤާއިމު ކުރުމަށް ރައްޔިތުންގެ މަޖލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޤައުމީ ދުވަހުގައި ކަނޑައަޅަންވީ އެންމެ މުހިންމު ޢަޒުމަކީ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމުގެ ޢަޒުމު ކަމަށާއި، އެކަކު އަނެކަކަށް ޤަދަރުކޮށް ކަމޭ ހިތައި އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް