ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު ދެއްކެވި ވާހަކަފުޅުތައް ރައްޔިތުންނަށް ހެޔޮނޭދޭ ބަޔަކު ދަނީ ވަރަށް ބޮޑަށް އޮޅުވާލަމުން ކަމުގައި ވެރިކަންކުރާ ޕާޓީ ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެގޮތުން އެ ހަފްލާގައި "އަޅުގަނޑުމެންގެ ގެއަށް ވަތް ފައިސާ ޝައްކެއް ނެތްގޮތުގައި ޙަލާލެއް ނޫން" ކަމަށް އެ މަނިކުފާނު ވިދާޅުވި ބަސްފުޅުގެ މާނަ އޮޅުވާލައިގެން ޤައުމަށް ހެޔޮނޭދޭ ބަޔަކު ދަނީ އަޑު ފަތުރަމުން ކަމަށެވެ.
"އެމަނިކުފާނުގެ އެވާހަކަފުޅު ގެންނަވާފައިވަނީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ފަންޑުކޮށްގެން އަލްޖަޒީރާގައި މިހާރު މަސައްކަތްކުރާ ވިލް ޖޯޑަން ހެދި "ސްޓީލިން ޕެރަޑައިސް" ރިޕޯޓާއި ގުޅުވައިގެނެވެ. މި ދެންނެވި ވިލް ޖޯޑަނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނާއިމެދު ހިންގި ލާއިންސާނީ އަމަލުތައް ފަސްއަޅައި ޕްރޮޕަގެންޑާ ފެތުރުމަށް، ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި ރައީސް އޮފީހުގެ މަސައްކަތަށް ގެނެސްފައި ހުރި މީހެކެވެ." ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސްގެ އެ ވާހަކަފުޅަކީ "ސްޓީލިން ޕްރެޑައިސް"ގައި ބުނެފައިވާގޮތަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަލާލު އެއްޗަކަށް ނުވާނަމަ، އަދީބުގެ ފަރާތުން ފައިސާ ލިބިފައިވީ ފަރާތްތަކަށް ލިބިފައިވާ ފައިސާއަކީ ހަލާލު އެއްޗެއްތޯ ސުވާލު އުފައްދަމުން ނެންނެވި ވާހަކފުޅެއްކަން އެމަނިކުފާނުގެ ބަސްފުޅު އެއްކޮށް އަޑުއަހާލުމުން ހާމަވާނެ ކަމަށެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް އިދިޅު ފަރާތަކުން ފަތުރަމުންދާ މިފަދަ ތާކުންތާކު ނުޖެހޭ މުޑުދާރު ވާހަކަތައް ވަގުތުން ވަގުތަށް ހުއްޓާލައި، އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ ތަނަވަސް މީހާއާއި ހަމައަށްވެސްއެމީހެއްގެ ނަފްސުގެ ކަރާމާތާއި އަބުރު ރައްކާތެރިކަން ހިފެހެއްޓޭނެގޮތަށް ވާހަކަދެއްކުމަށް މި ޕާޓީގެ ފަރާތުން އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް