މޫނުބުރުގާއަޅާ އަންހެނުން ސިވިލްސާވިސްގެ ވަޒީފާއިން ވަކިކުރުމުގެ ސިޔާސަތާ ދެކޮޅު ހެދުމުގެގޮތުން ޖަމްޢިއްޔަތުއްސަލަފުން މިއަދު ނޫސްބަޔާނެއް ނެރެފިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއެކުރައްވައި މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދީނުގައި އަންގަވާފަވާ ގޮތާ ކަނޑައެޅިގެން ޚިލާފުވާގޮތަށް ފޭރާން އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްފައި ތަންމިނަށް ހުޅުވާ ބާއްވާފައިމެ، އިސްލާމްދީނާ އެއްގޮތަށް ހެދުންއެޅުމުން ވަޒީފާއިން ވަކިކުރުމަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ވަރަށްބޮޑު ޖަރީމާއެއްކަމަށާއި، އިސްލާމް ދީނުގެ އެއްވެސް އަޞްލަކާ ޚިލާފަށް ޤާނޫނެއް އަދި ޤަވާޢިދެއް ނުހެދޭނެކަމަށް ސާފު ޢިބާރާތުން ބަޔާންކޮށްފައިވާ ދުސްތޫރަކުން ބާރުލިބިގެންވާ ދަޢުލަތެއްގެ މުއައްސަސާތަކަކުން ހިންގަމުން އެދާ "ޣައިރު ޤާނޫނީ" ޢަމަލު ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލާކަމަށެވެ.
"މުސްލިމު އަންހެނުން ޢިއްފަތްތެރިކަމުން ނެރެ އެކަނބަލުން "ބަރަހަނާ" ކުރުމަށް ތަފާތު ޖަމްޢިއްޔާތަކުގެ ނަމުގައި ދިވެހި ޤައުމުގައި ހިންގަމުން އަންނަ ދީނެއް ޤަބޫލުނުކުރާ "ފެމިނިޒަމް" ގެ "ލާދީނީ" ޙަރަކާތްތަކާއި މެދު އެންމެހާ މުސްލިމުން ހޭއަރާތިބުމަށް ޖަމްޢިއްޔަތުއްސަލަފުން ވަޞިއްޔަތްކުރަމެވެ. އަދި އިސްލާމީ އުޞޫލުތަކާ ޚިލާފަށް ދެޖިންސުގެ މީހުން އެއްވެ މަސްހުނިނުވާނެ ގޮތަށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއި އެކު ދިވެހިރާއްޖޭގެ އެންމެހާ ވަޒީފާތަކެއް އަދާކުރެވޭނެފަދަ "ވަޒީފާގެ އިސްލާމީ ވެއްޓެއް" ޤާއިމުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނަށް އިލްތިމާސްކުރަމެވެ. ޖަމްޢިއްޔަތުއްސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ. މި ބަޔާނުގައި ޖަމްޢިއްޔަތުއްސަލަފުންވަނީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާކަމަށް ދަޢުވާކުރަމުންދާ ޖަމްޢިއްޔާތަކަށްވެސް ވަރަށްބޮޑަށް ފާޑު ކިޔާފައިވެއެވެ.
"އަންހެނުންގެ ޙައްޤުތަކަށް މަސައްކަތް ކުރާކަމަށް ދަޢުވާކުރަމުންދާ ޖަމްޢިއްޔާތަކުން އަންހެނަކު އަޅާ ހެދުމެއްގެ ސަބަބުން ވަޒީފާގެ ޙައްޤުތައް ލިބިދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް މިއޮއްހުރިހާ ދުވަހު އިންސާނީ ޙައްޤާއި އަންހެނުންގެ ޙައްޤުގެ ނަމުގައި ގޮވި ގޮވެލިތައް މިމައްސަލާގައި ގޮވާތަން ނުފެންނަ ހިނދު އެފަދަ ގިނަ ޖަމްޢިއްޔާތަކުގެ މުނާފިޤުކަން މިފަދަ ތާރީޚީ ޙާދިޘާތަކުން މުސްލިމުންނަށް މިއަދު ކަޝްފުވެ ފާޅުވެގެންދާނެއެވެ." ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ މޫނުބުރުގާއަކީ އިސްލާމީ ފޭރާމުގެ ޙިއްޞާއެއްކަމަށްވާ ހިނދު އަދާކުރާ ވަޒީފާއަށް އޭގެ ސަބަބުން އެއްވެސް ހުރަހެއް އޮވެގެންނުވާނެކަމަށާއި އިސްލާމީ ޢަޤީދާގެ ސަބަބުން ދިވެހި މުޥާޠިނުންގެ ވަކިބަޔެއް ތަފާތުކޮށް އެއުރެންގެ ޙައްޤުތަކުން މަޙްރޫމްކުރުމީ ޤާނޫނުއަސާސީ އާ ސީދާ ޚިލާފުކަމެއްކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މޫނު ފަރުދާކޮށްގެން ހުންނަ މީހާއަކީ އިދާރީބޭނުމަށްޓަކައި ކާކުކަން ދެނެގަނެވޭނެ އެތައް އާލާތްތަކެއްވަނީ އީޖާދުކުރެވި ބޭނުންކުރެވެންފަށާފައިކަމަށާއި އެހެންކަމުން މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭނެކަމާއި ދަރިވަރުންގެ ކިޔެވުމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ބުނުމަކީ މީލާދީން 15 ވަނަ ޤަރުނުގައި ޔޫރަޕްގެ ޤައުމުތަކުން ހޯދަމުންދިޔަ ޢިލްމީ ދިރާސާ ތައް ވަޅުލައި އެފަދަކަންތައްތަކަށް ޖާގަނުދޭން ކްރިސްޓިއަން ފައްޅިތަކުގެ ނޫފޫޒުގައި ގޮވައިލާފައިވާ ފިކުރުފަދަ ނާތަހުޛީބު ބުނުމެއްކަމަށެވެ.
ޖަމިއްޔަތުއްސަލަފުގެ ނޫސްބަޔާން އެއްކޮށް ކިޔާލެއްވުމަށް:
http://www.jamiyyathsalaf.com/archives/336
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް